ގޯތި ދޫކުރުމުގެ އުސޫލާ ހިލާފަށް، ސިޔާސީ ނުފޫޒުން އޮމަދޫ ރޫޅާލަނީ!

ގޯތި ދޫކުރުމާ ބެހޭ ގަވާއިދާ ޚިލާފްވެ ސިޔާސީ ނުފުޒުން އދ.އޮމަދޫ ރޫޅާލައިފިކަމަށް އެރަށު ރައްޔިތުންގެ ފަރާތުން އަބްދުލް ހަންނާން މޫސާ ޗެނަލް 13 އަށް މައުލޫމާތު ދީފިއެވެ.

ޗެނަލް 13 އަށް މައުލޫމާތު ދެމުން ހަންނާން ބުނެފައިވަނީ ސަރުކާރުން 104 ގޯތި ދޫކުރުމަށް ނިންމުމުން ރަށު ކައުންސިލުން އިތުރު ބެލުމެއް ނެތި، ގޮނޑުދޮށާ ގޯތި ތަކާއި ދޭތެރޭގައި މަގެއް ނޯންނަ ގޮތަށް ގޯތި ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން ގޮނޑުދޮށާ 54 ފޫޓް ކައިރީގައި މަގެއް ނެތް ގޯތިތައް ދޫކޮށްފައިވާކަން އޭނާ ފާހަގަކުރިއެވެ.

ހަންނާން ވަނީ ހައުސިންގް މިނިސްޓަރ އައިމިނަތު އާތިފާ އަށް އެ މައްސަލަ ހުށައެޅުމުން އެކަން ހުއްޓުވުމަށް އޮމަދޫ ރައްޔިތުން ދާނެ ތަނަކަށް ދާންވީކަން އެންގެވިކަމަށް ބުނެފައެވެ. ހަންނާން ވަނީ ބިމާއި ބެހޭ ގާނޫނާއި ގާނޫނުގެ ދަށުން ހެދިފައި ހުރި ގަވާއިދުތަކުގައި ގޯދި ދޫކުރުމުގައި އަމަލު ކުރަންޖެހޭ އުސޫލް ހިއްސާކޮށްފައެވެ.

އޭނާ ވަނީ ކައުންސިލުން ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ހެދުމަށް ފަހު އެކި ފަރާތްތަކަށް ރަޖިސްޓްރީ ގެންގޮސް ދީފައިވާކަން ފާހަގަކޮށްފައެވެ. އަދި އެ ފަރާތްތަކުން އެ ގޮތަށް ރަޖިސްޓްރީ ބޭނުން ނުވާކަމަށް ބުނުމުން ރަޖިސްޓްރީ ކޮށް ނިމުނީ ކަމަށް ބުނެ ކުރިޔަށް ދިއުމަށް ކައުންސިލުން އަންގާފައިވާކަމަށް ހަންނާން ބުނެފައިވެއެވެ. އޭނާ ބުނާގޮތުން އޮމަދޫ ގޯތި މައްސަލައަކީ ކޯޓުގައި މިހާރުވެސް ހިނގަމުންދާ މައްސަލައެކެވެ. މި މައްސަލަ ހަންނާން ސިފަކޮށްފައިވަނީ ސަރުކާރުގެ ބާރުވެރިފަރާތަކުން އަމިއްލަ ފައިދާއަށް އޮމަދޫ ރޫޅާލުމެވެ.

ހަންނާން ބުނީ ގޯތި ދޫކުރުމުން މައްސަލައަކަށް އެކަން ހަދަނީ ނޫން ކަމަށާއި އެހެން ނަމަވެސް ގަވާއިދުގައި ބުނާ މިން ފޫޓު ފީތާ އިން އެޅުމުން ހަމަ ނުވާކަމަށެވެ.

މީގެ ކުރިން ޕްލޭނިން މިނިސްޓްރީން އެދިގެން ގޯތި ދޫކުރުން މަޑު ޖައްސާލުމާ ގުޅިގެން އޮމަދޫ ބައެއް ރައްޔިތުން ނުރުހުން ފާޅުކޮށް އެރަށު ކައުންސިލްގެ އިދާރާ ބަންދު ކުރިޔަނުދީ ހިފަހައްޓަފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އެއީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ.

އޮމަދޫއިން ގޯތި ދޫކުރުން މަޑު ޖައްސާލި އިރުވެސް ޕްލޭނިން މިނިސްޓްރީން ވަނީ އެ ރަށުގައި 103 ގޯތި ދޫކުރަން ހުއްދަ ދީފައެވެ. އެހެންނަމަވެސް ގޯތި ދޫކުރުން މަޑުޖައްސާލީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެ ރަށަށް ވަޑައިގެންނެވި ދުވަހު، އެ ރަށުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެންކަން މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އޮމަދޫ އަކީ ގާތްގަނޑަކަށް 1150 މީހުންގެ އާބާދީއެއް އޮންނަ ބިމުގެ ޖާގައިގެ މައްސަލަ ބޮޑު ރަށެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...