ެރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރު 61 ބަނދަރުގެ މަޝްރޫއު ހިންގާފައިވޭ: ރޮޒައިނާ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އެއް އަހަރުވީއިރު، ރާއްޖޭގައި 61 ބަނދަރުގެ މަޝްރޫއު ހިންގާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ބާރަށް އަތްޖައްސަވައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އެއް އަހަރު ފުރުނީ މިދިޔަ އާދިއްތަ ދުވަހުއެވެ. ސޯލިހުގެ ވެރިކަމަށް އެއް އަހަރުވީއިރު، އެ އަހަރަކީ ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް މަޝްރޫއެއް ހިންގިފައިނުވާ، އަދި ނާކާމިޔާބު އަހަރެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

އެހެންނަމަވެސް މަޖިލީހުގެ އެމްޑީޕީ މެމްބަރު ރޮޒައިނާ ދެކެވަޑައިގަންނަވާ ގޮތުން ނަމަ، ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރު ވަރަށްވެސް ކާމިޔާބެވެ.

އެގޮތުން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ސޯލިހު ހިންގަވާފައިވާ ބޮޑެތި މަޝްރޫއުތަކެއްގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރައްވައިފައެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފުރަތަމަ އަހަރާ އަޅާކިޔުއްވައި، ރޮޒައިނާ ކުރެއްވި ޓްވީޓުގައި ވަނީ ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރު 61 ބަނދަރު ހަދާފައިވާ ކަމަށާއި، 107 ރަށެއްގައި ނަރުދަމާގެ ހިދުމަތް ގާއިމުކޮށްދީފައިވާ ކަަމަށެވެ.

އަދި އަށް މިސްކިތެއް އަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ރޮޒައިނާ ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރަށް އެއްވަނަ ދެއްވައި، މިފަދަ ޓްވީޓެއް ކުރެއްވިއިރު، ޖުމްހޫރީ ދުވަހުގެ ޖަލްސާގައި، ވާހަކަފުޅު ވެރިކަމުގެ ފުރަތަމަ އަހަރުގައި ހޯއްދެވުނު ކާމިޔާބީތަކުގެ ވާހަކަ ދައްކަވަމުން ހުދު ރައީސް ސޯލިހުވެސް ރޮޒައިނާ އެ ވިދާޅުވާ ފަދަ ބޮޑެތި މަޝްރޫއުތަކެއް ހިންގަވާފައިވާ ކަމަށް ވިދާޅެއް ނުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. އިސްމާއިލް 19 ނޮވެމްބަރު 2019 - 22:28

    ޅޮލަށް މިރުސްދުން އެޅިފަ ތޯއްޗެއް

ގުޅުން ހުރި
Loading...