ހިޔާ ފްލެޓްތައް ސަރުކާރަށް ކަމުގޮސް، ޑިޒައިން ބަދަލު ނުކުރަން ނިންމައިފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފަށައިފައިވާ ހިޔާ މަޝްރޫގެ ދަށުން ގާއިމްކުރަމުންދާ 7000 ހައުސިން ޔުނިޓުތަކަށް މި ސަރުކާރުން މީގެ ކުރިން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާ، އެހައުސިން ޔުނިޓުތަކަކީ "ކޮތަރުކޮށިތަކެއް"ގެ ގޮތުގައި ސިފަ ކޮށްފައެވެ.

އެހެންނަމަވެސް، ރައީސް ޔާމީންގެ ވެރިކަމުގައި ހިންގަވާފައިވާ އެހެން މަޝްރޫއުތައްވެސް މި ސަރުކާރަށް، އެންމެ ފަހުން ކަމުދާ އުސޫލުން، ހިޔާ މަޝްރޫއުފެ ޑިޒައިންވެސް މި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައެވެ.

އެޗްޑީސީ އިން ބުނެފައިވަނީ ހިޔާ މަޝްރޫގެ ދަށުން ހުޅުމާލޭގައި ބިނާ ކުރަމުންދާ 7000 ހައުސިން ޔުނިޓު، މިދިޔަ ސަރުކާރުންވެސް ނިންމައިފައިވާ ގޮތަށް ޑިޒައިނަށް އިތުރު ބަދަލެއް ނުގެނެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އެގޮތަށް ނިންމާފައި ވަނީ އެޗްޑީސީ އާއި ސަރުކާރުން ގުޅިގެން ހިންގި އިވެލުއޭޝަނަކަށް ފަހު ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. އެޗްޑީސީ އަދި ސަރުކާރުން ގުޅިގެން ކުރިޔަށް ގެންދިޔަ އިވެލުއޭޝަނަށް ފަހު ޕްރޮޖެކްޓަށް އިތުރު ބަދަލެއް ގެނެސްފި ނަމަ އެދެވޭ ނަތީޖާއެއް ނުނިކުންނާނެ، ކަމަށް ނިންމާފައިވާ ކަމަށާއި، އެފަދަ ބަދަލެއްގެ ސަބަބުން މަޝްރޫގެ އަގު އިތުރަށް އުފުލިގެން ގޮސްދާނެ ކަމަށވެސް އެ ކުންފުނިން ވަނީ މީޑިއާތަކަށް މައުލޫމާތުވެސް ދީފައެވެ.

މި ސަރުކާރުގެ ކުރީ ކޮޅުގައި ހިޔާ މަޝްރުއޫގެ ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ދާގޮތް ބެލުމަށް ފަހު ސަރުކާރުން ބުނެފައި ވަނީ އެ ހައުސިން ޔުނިޓު ތަކަކީ މީހުން ދިރިއުޅެވޭ ވަރަށްވުރެ ކުދިކޮށް އިމާރާތް ކޮށްފައިވާ ތަންތަން ކަމަށެވެ.

އަދި ހިޔާ މަޝްރުއޫގެ ފްލެޓުތައް ނިމޭއިރު އެތަންތަނަކީ ޖާގައިގެ ގޮތުން ތަނަވަސް ފްލެޓުތަކަކަށް ހަދާނެ ކަމަށް ސަރުކާރުން ވައުދު ވެފައިވެއެވެ. ނަމަވެސް އެ ވައުދު ފުއްދޭނެ ކަމާއި މެދު މިހާރު މިވަނީ ސުވާލު އުފެދިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...