"ހިބަރުވަދު"ގެ ނަމުގައި އަންނަ ހުކުރު ދުވަހު އިދިކޮޅުގެ ހާއްސަ ޖަލްސާއެއް

"ފުނޑާލައިފި" މި ނަމުގައި އިދިކޮޅު ކޯލިޝަނުން އެންމެ ފަހުން ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ: ކޮންގްރެސް މީޑިއާ

"ހިބަރުވަދު"ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހުގެ ރޭ ވަރަށް ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 8:30ގައި ކާނިވަލް ސަރަހައްދުގައި ކަމަށެވެ.

އެޖަލްސާގައި އިދިކޮޅުގެ ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން މައުލޫމާތުދެއެވެ.

އަދި ގައުމުގެ ދެކެ ލޯބިވާ ހުރިހާ ފަރާތްތަކުންވެސް އެޖަލްސާގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. ޖަލްސާއާ ގުޅޭގޮތުން ޗެނަލް13އަށް މިއަދު މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޖަލްސާއަށް "ހިބަރުވަދު" ކިޔަން ނިންމީ، މިވަގުތަށް އެންމެ އެކަށީގެންވާ ނަމަކީ އެއީ ކަމަށް ވުމުން ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ޖަލްސާ ބޭއްވުމުގެ ހުއްދަ އަދި ލިބިފައެއް ނުވެއެވެ. އަބްދުއްރަހީމް ވިދާޅުވީ ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ ނުލިބިއްޖެނަމަ، ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ވިޔަސް، ޖަލްސާ ބާއްވަން އިދިކޮޅު ކޯލިޝަނުން ވަނީ ނިންމައިފައިވާ ކަމަށެވެ.

ޕީޕީއެމް-ޕީއެންސީން މިދިޔަ ހުކުރު ދުވަހުވެސް ވަނީ ޖަލްސާއެއް ބާއްވައިފައެވެ. "ފުނޑާލައިފި" މިނަމުގައި ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...