މުޅި އޮޑީގައި ނަޝީދުގެ ދެފައި އޮތް މައްސަލަ ބެލޭނެ ދުވަހެއް އަންނާނެ: ޑރ.ޖަމީލު

ސަރުކާރުގެ ތެރެއަށް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ހުންނެވި އެ މަޖިލީހުގެ މައްޗަން ގޮޅީ މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ ނުފޫޒު އޮތުމުން އެކަން ބެލޭނެ ދުވަހެއް އަންނާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓުގައި އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ޑރ.އަހުމަދު އަބްދުﷲ ދީދީ އާ އަދި އެ ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައި ހުނެންވި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމާފައިވަނިކޮށް އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ޑރ ޖަމީލު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ މިއަދު ފަނޑިޔާރުން ވަކިކުރީ ފަނޑިޔާރުގޭގެ ފާރުވެސް ތަޅާލާފައި ކަމަށެވެ. އަދި ރައީސް ނަޝީދާއި އެމަނިކުފާނުގެ ވަކީލުންގެ ޓީމަށް ފެންނަ ކޮންމެ ކަމަކީ ސުލޫކީ މައްސަލައެއް ކަމަށް ކަނޑައަޅާ މަންޒަރު ފެންނަމުންދާ ކަން ފާހަގަކުރައްވާ އެމަނިކުފާނު އިތުރަށް ވިދާޅުވީ މުޅި އޮޑީގައި އޮތީ ރައީސް ނަޝީދުގެ ދެ ފައި ކަމަށެވެ.

އަދި އެ ހުރިހާ ކަމެއްވެސް އަލުން ބެލޭނެ ދުވަހެއް ﷲގެ ރަހުމަތް ފުޅުން އަންނާނެ ކަމަށް ޑރ. ޖަމީލުގެ ޓްވީޓުގައި ފާހަގަކުރައްވާފައި ވެއެވެ.

ޖޭއެސްސީއިން އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު މަޤާމުން ވަކިކުރުމަށް ނިންމާފައިވަނީ އެދެބެއިފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހައިސިއްޔަތުން ނިންމަވާފައިވާ ޤަޟާއީ ނިންމުންތަކެއް ސުލޫކީ މައްސަލަތަކުގެ ގޮތުގައި ކަނޑައަޅައިގެންނެވެ.

އެގޮތުން އުއްތަމަފަނޑިޔާރާ ދެކޮޅަށް ހުށަހެޅިފައިވާ 15 މައްސަލައަކީވެސް ފަނޑިޔާރުކަމުގެ އިޚުތިޞާޞުގެ ތެރޭގައި ސުޕްރީމްކޯޓުގެ ދައުރުގެ ތެރޭގައި ނިންމާފައިވާ ނިންމުންތަކެކެވެ.

ފަނޑިޔާރު އާދަމް މުޙައްމަދު މިއަދު ރައްޔިތުން މަޖިލިހުގެ ރައީސާއި ޖުޑީޝަރީ ކޮމިޓީއާއި ޖޭއެސްސީއަށް ފޮނުއްވި ސިޓީއެއްގައި ފާހަގަކުރައްވާފައިވަނީ ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުމުގެ ކުރިން ފުރިހަމަކުރުން ލާޒިމު ޤާނޫނީ އިޖުރާއާތްތައް ޖޭއެސްސީއިން ފުރިހަމަކޮށްފައިނުވާކަމުގައެވެ.

އެގޮތުން ތަޙުޤީޤު ރިޕޯޓު ފަނޑިޔާރު އާދަމަށް ލިބިވަޑައިގެންފައިނުވާ ކަމާއި، އެރިޕޯޓުގައި ހުރި ކަންކަމާ ގުޅޭ ގޮތުން ލިޔެކިޔުމުން ޖަވާބުދާރީވުމުގެ ޙައްޤުން އެމަނިކުފާނު މަހުރޫމުކޮށްފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

ޖޭއެސްސީއިން އުއްތަމަފަނޑިޔާރާއި ފަނޑިޔާރު އާދަމް މުޙައްމަދު ސަސްޕެންޑުކުރުމާ ގުޅިގެން، އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ޤާނޫނު އަސާސީގެ މަފުހޫމުތަކާއި، އަދި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ މިންގަނޑުތަކަށް ރިޢާޔަތްކުރައްވައި ވިދާޅުވެފައިވަނީ، އެމަނިކުފާނާ ދެކޮޅަށް ހިންގާ ތަޙުޤީޤުގައި ބަލަނީ ސުލޫކީ މައްސަލަ ނޫން ކަމުގައެވެ.

އަދި ފަނޑިޔާރުންގެ ޤަޟާއީ ނިންމުންތައް އިސްތިއުނާފީ މަރުހަލާތަކުގެ ބޭރުން ބަލައި، އެމައްސަލަތަކުގެ މައްޗަށް ބިނާކޮށް ފިޔަވަޅު އެޅުމަކީ ފަނޑިޔާރުންގެ މިނިވަންކަން ގެއްލުވައިލެވޭ ކަމެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ރައީސް ޔާމީންގެ ޒައާމަތުގައި ޝަރުއީ ދާއިރާ އޮތީ ސިޔާސީ ނުފޫޒުން ތަޣައްޔަރުވެފައި ކަމަށް ބުނެ އެ ނިޒާމު ސާފު ކުރަން އައި ސަރުކާރުން ގެންދަނީ ޤަޫނާ ގަވާއިދުތަކާ ޚިލާފަށް ފަނޑިޔާރު ގެތައް ދޮވެ ސާފުކުރަމުން ކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...