ފަނޑިޔާރުގެ މިނިވަން ކުރާ ނަމުގައި މަޖިލީހުގެ މެޖޯރިޓީ ނަހަމަ ގޮތުގައި ދަނީ ބޭނުންކުރަމުން: ޖާބިރު

ފަނޑީޔާރުގެ މިނިވަން ކުރާ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީގެ ނަހަމަ ބޭނުން ކުރަމުންދާތީ އެކަމާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީއާ އަދި ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުހައްމަދު މަގާމުން ވަކިކުރުމަށް ގޮތެއް ކަނޑައެޅުމާމެދު ވާހަކަ ދައްކަން ހުޅުވާލި ފުރުސަތުގައި ޖާބިރު ވިދާޅުވީ، މި ސަރުކާރު އައީ ފަނޑިޔާރުގެއަށް އަތް ނުބާނާނެ ކަމަށް ބުނެ ކަމަށެވެ.

އަދި މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ބުނެފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުގައި ވެސް ތިއްބާވާނީ ސިޠާސީ ނުފޫޒުން އެއްކިބާވެފައި ތިބި ބައެއް ކަމަށެވެ. ނަމަވެސް މިއަދު ފެންނަމުން މިދަނީ މުޅިން އެހެން މަންޒަރެއް ކަމަށް ޖާބިރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، ޤައުމުގައި ހިނގާފައިހުރި ބޮޑެތި ޚިޔާނާތުގެ މައްސަލަތައް ނުބަލާ ޤައުމުގެ ފަނޑިޔާރުގެއާ ކުޅުމަށް މިސަރުކާރުން ކުރަމުން ގެންދާ ޤާނޫނު އަސާސީއާ ޚިލާފު އަމަލު ކުށްވެރި ކުރާ ކަމަށާ ކިތަންމެ ބާރުތަކެއް ލިބިފައިވީ ނަމަވެސް ބާރުތަކުގެ ބޭނުން ކުރަން ޖެހޭނީ ހަމަ އާ އިންސާފުގެ މަތިން ކަމަށްވެސް ޖާބިރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ޖާބިރުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ މިސަރުކާރުން ތަފާތު އެކި ކޮމިޝަންތަކާ އަދި ކޮމިޓިތައް ހަދާފައިވާއިރުވެސް ހުރިހާ ދިމާއެއްގައިވެސް ތިބީ ހަމަ އެއް ބައެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. ނަމަބެސް މަޖިލީހުން އެ ގޮތަށް ފާސްކުރި ނަމަވެސް އެއީ އިޖުރާއުތައް ފުރިހަމަނުކޮށް ގާނޫނާ ގަވާއިދާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...