ރައީސް ސޯލިހުގެ ސަރުކާރަށް އެއް އަހަރު: ހާސިލުވީ ކޮންކަމެއް؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލު ވެވަޑައިގެންނެވިތާ މިއަދަށް 1 އަހަރު ވީއެވެ. އެމަނިކުފާނު ވެރިކަމާއި ހަވާލުވިތާ 1 އަހަރު ވީ އިރު އެމަނިކުފާނުގެ ސަރުކާރުން މިވަނީ ނުހަނު ގިނަ ބޮޑު ބިޔަ ޕްރޮޖެޓުތައް ހިންގާފައެވެ.

ނަމަވެސް އޭގެތެރޭގައި ބައެއް ލޮލަށް ފެންނަން ހުރީ މުޅިންވެސް ރައީސް ޔާމީންގެ ޒަޢާމަތުގައި ފަށާފައި ހުި ޕްރޮޖެކެޓުތަކެވެ.

ރައީސް ޞޯލިހުގެ ވެރިކަމުގެ އެއް އަހަރުގެ ކާމިޔާބީގެ ލިސްޓު ފަށާނީ ދައުލަތުގެ ޚަޒާނާއިން ދަވާލި 32 ބިލިއަންގެ ބިޔަ ބޮޑު ބަޖެޓުންނެވެ. ވެރިކަމަށް އައިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މުޅި ދައުލަތުގެ ޚަޒާނާ ދޮވެ ސާފުކޮށްލިއެވެ. އެއް އަހަރު ދުވަހަށް ކަނޑައެޅި ބަޖެޓް ދިރުވާލިއެވެ. ކަރުގައި ނޭޅިކަން ހަމަ ނަސީބެކޭ ހިތައް އެރިއެވެ. އާ އެހެންޏަ ދިރުވާލީ ފެން ފޮދަކާވެސް ނުލާ ވިއްޔާއެވެ. ފިނޭންސް މިނިސްޓަރުގެ ހިތްވަރަށް ހަމަ ސާބަހެވެ.

ދެން އޮތީ ސަރުކާރު އެކުލަވާލުމުގެ ފެށުމުގެ ވާހަކައެވެ. މުޅި ދިވެހި ތާރީޚުގައިވެސް އެކުލަވާލެވުނު އެންމެ މަތި ބަރު އެންމެ ޚަރަދުބޮޑު އެންމެ ސިޔާސީ މަގާމުތައް ގިނަ ސަރުކާރަކީ ރައީސް ސޯލިހުގެ ސަރުކާރެވެ. ކިހާ ބޮޑު ކާމިޔާބީ އެއްތޯއެވެ.

ދެން މިއޮތީ ޤައުމުގެ އެކި އެކި ސަރަހައްދުތަކުގައި ހިނަމުން އައި ތަރައްޤިގެ މަޝްރޫއުތަކުގެ ވާހަކައެވެ. ރައީސް ސޯލިހުގެ ސަރުކާރުން މި ޤައުމުގައި ތަރައްޤީ އެއްވެސް މަޝްރޫޢެއް ފަށާފައި ނުވާއިރު ރައީސް ޔާމީންގެ ސަރުކާރުން ފެއްޓެވި ތަރައްޤިގެ މަޝްރޫއތައްވެސް ވަނީ ހުއްޓލާފައެވެ. ބޭނުންވާ ބަޔަކަށް ޕްރޮޖެޓުތައް ދިނުމަށްޓަކައި ކޮންމެވެސް ބަހަނާތަކެއް ދެއްކުމަށްފަހުއެވެ. ޕްލޭނިން މިނިސްޓަރާ ހައުސިްނ މިނިސްޓަރަށް ފަށް ފަށުން ޝުކުރިއްޔާއެވެ. ކާމިޔާބީގެ އިތުރު ބޮޅެއް އެހެން ނޫންތޯއެވެ.

ދެން އޮތީ ވަޒީފާގެ ބިރުވެރިކަން ނައްތާނެ ކަމަށް ބުނެ އައި ސަރުކާރުން އެ ވައުދު ފުރިހަމަކޮށް ހޯދި ކާމިޔާބީ ވާހަކައެވެ. ޒުވާނުންގެ ރައީސް، ރައީސް ޔާމީން އެ ޒުވާނުންނަށް އަމާޒުކޮށް ހުޅުވާލަދިން ވަޒީފާތަކުން އެ ރައްޔިތުން މަހުރޫމު ކުރީ މި ސަރުޚާރުންނެވެ. އަތޮޅު ތެރޭގައި ޤާއިމުކޮށްފައި ހުރި ފެންކައިގެ ބްރާންޗުތަކާ އަދި ރޯޑް ކޯޕަރޭޝަންގެ ރީޖަނަލް އޮފީސްތައް އުވާލާ އެތާގައި މަސައްކަތް ކުރަމުން ދިޔަ ސަރުކާރު ނިސްބަތްވާ ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓުން ނޫން އެހެން ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކި ކުރިއެވެ. މަރުހަބާ މަރުހަބާއެވެ. ތިޔަ ނިންމަވާލި ބިޔަ ބޮޑު މަޝްރޫއަށެވެ.

ކޮބާ ދެން އޮތީ ކޮން ކަމެއް ތޯއެވެ؟ އަޅެ ތިޔަ ބޭފުޅުން ވިދާޅުވެ ބައްލަވާށެވެ. އާދެ އާދެ، ތި ވިދާޅުވީ ހަމަ ރަގަޅަށެވެ. އަދިވެސް ސަތޭކަ ދުވަސް ވީކަމެއް ނޭނގެއެވެ. ރައީސް ޔާމީން ވެސް ވިދާޅުވި ފަދައިން ބަންދު ދުވަސްތައް ކަނޑާ މި ސަރުކާރަށް އަދި ވީ އެންމެ ތިން މަހެވެ. ކޮންމެ އަކަސް 100 ދުވަހުގެ ވައުދުތައް ބައިވަރެވެ. ހާސިލުކުރެވުނު ބަޔަށް ވުރެ ބޮޑީ ނުކުރެވޭ ބަޔެވެ. ވަރަށް ވެސް ފުރިހަމަ ކާމިޔާބީއެވެ.

އިންޓަނެޓުގެ އަގު ހެޔ ކުރި ކުރީނުސް ގޮސް އެވެސް އަތު ޖެހެން އޮތީ 2023 ވަނަ އަހަރުއެވެ. އެހެންކަމުން ޓެލެކޮމިއުނިކޭޝަން މިނިސްޓަރު ފެއްޓެވީ ދަނޑުގޮވާން ކުރައްވާށެވެ. މިނިމަމް ވޭޖު ހިނގާލަން ދިޔަ ގޮތަށް އަދިވެސް އެނބުރި ނާދެއެވެ. ހިލޭ ޑިގްރީއަށް ކިޔަވައިދޭނެ ކަމަށް ވީ ވައުދަކީ ކަދުރު ރުކަކަށް އެރި މީހާގެ ނަދުރެވެ.

ކުޑަ ކުރާނެ ކަމަށް ވައުދުވި ކަރަންޓާ ފެނުގެ އަގު މައްޗަށް ދިޔައީ އަތު ފަތު ނުޖެހިއެވެ. ހުޅުވައިދޭނެ ކަމަށް ވައުދުވި ރިސޯތުތައް އަދިވެސް ދުށް ލޮލެއް ނެތެވެ. ދެން ބުނެފާނެ އެވެ 19 ރިސޯޓެއް މި ސަރުކާރުން ހުޅުވިއެވެ.

ޖަވާބުގައި ދަންނަވާލަން އޮތީ ދަރިއަކު އުފަން ކުރުމަށްފަހު އެ ދަރީގެ މައިމީހާ ނިޔާވާ ހިސާބުން ކޮންމެވެސް އާއިލީ މީހެއް ނުވަތަ ބަލަދުވެރިއެއް އެ ދަރި ބަލާ ބޮޑުކުރެއެވެ. އެހެން ކަމުން އެއީ އެކަހަލަ ކަމެކެވެ. ޓުއަރިޒަމް އަލީ ވަހީދަށް ވަރަށް ސަލާމެވެ.

މި ދައްކަނީ ހާދަ ބޮޑު ބިޔަ ޕްރޮޖެޓުތަކުގެ ވާހަކައެވެ ދެއްތޯއެވެ؟ ރައީސް ޔާމީން ކަމު ނުދިޔައީ މި ކަހަލަ ތަރައްޤީ ޤައުމަށް ގެނެސްނުދެއްވުމުންތާއެވެ.

އަނެއްކާވެސް ކާމީޔާބީގެ އިތުރު ބާބުތަކެއް ވާހަކައެވެ.

މެދު އުޑުގައިފިޔަ ޖަހަމުން ފުރިހަމަ ސިއްހަތެއްގައި އޮތް ސިއްހީ ނިޒާމު ނޭވާލާ ހޮޅިއަށް އެޅި އައިސީޔޫގައި އޮތީ ވެންޓިލޭޓަރުގެ އެހީގައެވެ. ހެލްތު މިނިސްޓަރު ބުނަމުން ދަނީ އަޅުގަޑެއް ނޫން ކުރީ ސަރުކާރެވެ.

ކުޑަ ކުއްޖަކާ ބޮޑެތި މިނިސްޓްރީތައް ހަވާލުކުރީމާ ވާނީވެސް މިހެންނެވެ. މިނިސްޓަރު އަމީނަށް ހަމަ ސަނާ ކިޔުން ހައްގެވެ. އެހެނީ ނިޔާވަމުންދާ ތުއްތު ކުދިންނާ އަދި ނުއުފަންނަނީސް މި ދުނިޔެ ދޫކުރާ ކުދިންގެ މައިން ބަފައި ހިތުގައި އަލާ ވޭނާ އެ އާދޭސްތަކުގެ އަޑު އެމަނިކުފާނަށް އިވިވަޑައިގަންނަވާ ގޮތް އަވަސް ކަމުންނެވެ.


އަސްތާ މީ އަނެއްކާ އެއްކަލަ ދޭން ވައުދުވީ ބޭބީ ބޮކްސް ދޭން ނުޖެހޭ ހެން ކުރާ ކަމެއްބާއެވެ؟ އެވެސް ދެވެން އޮތީ 20121 ވަނަ އަހަރުއެވެ. ކާމިޔާބީގެ ވާހަކަ އެއް ދެއްކުމެއް ނެތެއްނުންތޯއެވެ؟

ކޮބާ ދެން އޮތީ ކޮން ކަމެއް ތޯއެވެ. އާދެ އާދެ ނައިބު ރައީސްގެ ލޯބިވެރިޔާގެ ޑިޕާޓުމަންޓުގެ ވާހަކައެވެ. ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް ކޮކަޑިލާ ނިންމައިފިއެވެ. އައުރަ ނިވާ ނުކޮށް ހުންނަވާ މިނިސްޓަރަކު ނަމާދު ކުރާނެ ތަންތަން ސްކޫލުތަކުގައި ހުންނަން ނުޖެހޭ ކަމަށް ވިދާޅުވުމުން ހަމަ ޝުކުރު ހައްގެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި އެކަމަނާ އެ ދެއްކެވި ފުރިހަމަ ނަމޫނާ އަށެވެ. އަދި އެވެސް އިސްލާމު ދީނުގެ ރުކުނަކާ ގުޅުވައެވެ.

މި ދުވަސްކޮޅު ވަރަށް މަސް ތަދު ދެއްތޯއެވެ. މާރުކޭޓުގައި މަސްކޮޅެއް ނެތް ދެއްތޯއެވެ. ވެގެން އުޅޭ ގޮތް އަޅުގަޑު ދަންނަވާލަންތޯއެވެ. މި ސަރުކާރުން މަސްވެރިންގެ ޖީބުތައް ޑޮލަރުން ފުރާލަ ދިނުމުން މަސްވެރިން އާއިލާތައް ގޮވައިގެން ބޭރު ޤައުމުތަކުގައި ޗުއްޓީ ހޭދަ ކުރަނީއެވެ. ހަމަ އަގު މަހަށް ލިބެންޏާވެސް ވާނީ އެހެން ނޫންތޯއެވެ. މިނިސްޓަރ ޒަހާގެ އިތުބާރު ނެތް ކަމަށް ފާސް ނުވާނެ އޭ ބުނަނީ އެހެންވެތާއެވެ.

ކޮބާ ދެން އޮތީ ކޮން ކާމިޔާބީއެއް ތޯއެވެ. އަސްތާ ވަޅުޖެހިފައި އޮތް ދައުލަތުގެ އިގްތިސާދުގެ ވާހަކަ ދެއްތޯއެވެ؟ އާދެ ދައުލަތުގެ ރިޒާވު ހުސްވެ ޤައުމުގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓި ފައި އޮތް އިރު މިނިސްޓަރު ފައްޔާޒު އިސްމާއިލުކޮބައިތޯއެވެ؟ ކޮއްކޮ ޝަހިންދާ ވެސް ބަތްކައްކާ ކުޅެ ހަޑި ހާވަންޏާ ވިސްނާ ވިސްނާ ބޯ ގޮވާނެތާއެވެ.

ދެން އޮތް ކާމިޔާބީ އަކީ މާތްވެގެންވާ އިސްލާމު ދީނު ފުނޑާލުމެވެ. ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި ލާދީނީ ޖަމިއްޔާގެ ހިމާޔަތުގައި ނުކުމެ ދީނުގެ އަސާސްތަކަށް ގޮން ޖަހަމުންދާއިރުވެސް ރައީސް ސޯލިހުއަށް ވާނުވާ ނޭނގެއެވެ. އެހެންނަމަވެސް ނަމުން ސޯލިހެވެ. ކަމުން ކޯއްޗެއްކަން ވިދާޅުވެދެއްވާނީ އިދިކޮޅު ކޯލިޝަނުގެ އިސްވެރިންނެވެ. އަޅުގަޑެއް ނޫނެވެ.

މި ސަރުކާރު އައީ ޝަރުއީ ނިޒާމު އިސްލާހުކޮށް ކަސްތޮޅު އެޅިފައި އޮތް ޝަރުއީ ނިޒާމެއް މިނިވަން ކުރަން ކަމަށް ބުނެއެވެ. އަސްތަގްފިރުއްﷲ ކަންވީ ކިހިނަކުންބާއެވެ؟ ޝަރުއީ ނިޒާމުގެ ފުން ޤާނޫނުތަކުގެ ތެރެއަށް އަތް ބޭނި ބޭނީންނުން ގޮސް އަތް އަނބުރާ ނަގަންވެސް ނޭނގުނެވެ.

ކޯޓުތަކާ ކުޅެން ފެށިއަކީ އަމަށަކު ހޭފުޅެއް ހުންނަވައިގެންނެއް ނުނެވެ. ޕަބްޖީ ކުޅޭ ކުދިންވެސް އެހާ ފޯރި ނާރާނެއެވެ. އަދި މި ސަރުކާރުގެ ކުދިން ކޮޅުގެ މިސްރާބު ހުރީ ޝަރުއީ ދާއިރާގެތެރެއިން ކުލެމުން މިއަންނަ ގޭމުގައި ވަކި ބޭފުޅަކު ޖަލަށް ލައްވައިގެން ކުޅިފަސް ހޯދުމެވެ.

ދެން އޮތީ ތިންބާރު ވަކިވެފައި އޮތް ރިޔާސީ ނިޒާމެއްގެ ވެރިކަން ކުރަމުން އަންނަ މި ޤައުމުގައި ތިންބާރު އެއްވެފައި އޮތުމެވެ. ނަމުން ރައީސުޖްމުހޫރިއްޔާގެ މަގާމުގައި ހުންނެވީ ޅ. ހިންވަރު ނޫރާނީއާގެ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ނަމަވެސް ކަމުން ރައީސްކަން ކުރަވާތަން ފެންނަނީ ކާކުބާއެވެ؟ އާދެ އާދެ ކެނެރީގޭ މުހައްމަދު ނަޝީދެވެ. ރައީސް ސޯލިހުގެ ބަޗްޕަންކީ ދޯސްތެވެ.

އަދުލް އިންސާފުގެ ހަގީގީ ފެށުން ކަމުގައިވާ ފުލުހުންގެ އިދާރާ އޮތީ ކިހިނެތްތޯއެވެ. ރައްޔިތުންގެ އިތުބާރު ގެއްލިފައެވެ. ފުލުހުންގެ ސަބަބުންނެއް ނޫނެވެ. ހަވާލުވެ ތިބި ދެ މީހެއްގެ ސަބަބުންނެވެ.

މުޅި މުއައްސަސާ އޮތީ މަސް ޓެންކެއް ސާފު ކުރަން ޖެހޭ ހެން ސާފުކުރަން ވެފައެވެ. ދޮގު މައުލުމާތު ދިދީފައި ދެން މި ބުނަނީ ދޮގު ޚަބަރު ފެތުރުން ހުއްޓާނީ އަހަންނޯލައެވެ. އަންނަނީ ކޯއްޗެއްތޯއެވެ ހިނި އެހެން ނޫންތޯއެވެ؟ ލޯ ސާފު ކުރަން ބްރާސޯ ކަމުގައި މިފަހަރު މިނިސްޓަރު އިމްރާނަށް ތިޔަ ކޭއްތެވުނީ ހިލަ ކަރުދާސް ގަނޑެކެވެ.

އެތެރޭގެ އުދުހުންތައް އަގު ހެޔޮ ކުރާނެ ކަމަށް ވިދާޅުވެ އައި ސަރުކާރުގައި ޤައުމީ އެއާލައިނު ބަގުރޫޓުވެ ނިމިއްޖެއެވެ. މީހާގެ ރީތިކަމަށް ބަލާ މިނިސްޓަރުކަން ދިނީމާ ވާނީ މިހެންނެވެ. މި ކާމިޔާބީއަށް ވެސް ރައީސް ސޯލިހުއަށް މަރުހަބާ ދަންނަވަމެވެ.

ކުޅިވަރުގެ ވުޒާރާ އޮތީ ލާދީނީ ޖަމިއްޔާއެއް އުވާލަން ނުކެރިފައެވެ. އުވާލަން ނިންމައިފިޔޯލައެވެ. ނަމަވެސް އުވާލި މަންޒަރެއް ނުފެނެއެވެ. އިބިލީހުގެ ކައިވެންޏަށް އެކަން ވެ ނިމިއްޖެއެވެ. ބޮލީވުޑްގެ ތަރިންނާ އެކު ސެލްފީ ނެގުމުގައި ބިޒީ ޝެޑިއުލެއްގައި އުޅުއްވި މިނިސްޓަރު ރީލޯޑަށް އޮހޮ ސޮރީ ސޮރީ މިނިސްޓަރު މަހުލޫފަށް ސާބަހެވެ.

ޤައުމުގައި ލާދީނިއްޔަތު ފަތުރަން ބަޔަކު މީހުން މަސައްކަތް ކުރަމުންދާއިރު އިސްލާމިކު މިނިސްޓަރު ހުންނެވީ ހގެ ދަށުން ހަނުއެވެ. އެޓާނީ ޖެނެރަލްގެ މަސައްކަތަކީ ގާތް މީހުންނަށް ބަދަލު ހޯދައި ދިނުމެވެ. އެވެސް ބިޔަ ބޮޑެތި އަދަދުތަކުންނެވެ.

ހުކުރު މިސްކިތު މުންނާރުގެ ދެ ފޮޓޯ އެއް ހިއްސާކޮށްލައިގެން ބައްޕާފުޅުގެ ހިޔަނީގައި ހެރިޓޭޖް މިނިސްޓަރުކަމަށް އައްޔަނުކުރެވުނު ބޭފުޅާއަށް ކިރިޔާ ކަޅުވަކަރު މިސްކިތުގެ ފިލާތައް އެއް ކުރެވުނީއެވެ.

އަސްތާ އަދި އެންމެ ބިޔަ ބޮޑު މަސައްކަތް ކުރެއްވި ވަޒީރު ހުންނެވީއެވެ. ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. ބްރީފް ކޭހެއް ހިއްޕައިވެގެން ޕްރީ ޕެއިޑް ސިމެއް ފޯނަށް ލައްވައިގެން ކަރަ ކަރައިން ދަތުރު ކުރެއްވީ ވޯލްޑު ޓުއަރއެއްގައެވެ. ޤައުމަށް އެކަމުން ކުރި ފައިދާއެއް ނެތެވެ. ކިހާ ބޮޑު ކާމިޔާބީ އެއް އެހެން ނޫންތޯއެވެ.

ދެން އޮތީ ރައީސް ސޯލިހުގެ ވާހަކައެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ހުރިހާ ޒިންމާއެއް ނަންގަވައިގެން ހުންނެވި އެވެރިޔާ ހާދަ ބުރަކޮށް މަސައްކަތްޕުޅު ކުރެއްވިއެވެ.

މެރެތަން ތަކުގައި ދުވެ ދުވެ އެމަނިކުފާނު ހުންނަވަނީ މަތި ނޭވާ ލެއްވިފައެވެ. ބޭރު ޤައުމުތަކަށް ދަތުރު ކުރައްވާ ކުރައްވާ ޕާސްޕޯޓުގައި ދެން ސްޓޭމްޕެއް ޖަހާލާނެ ތަންކޮޅެއްވެސް އިންހެނެއް ހިޔެއް ނުވެއެވެ.

އަހަރުގެ 57 ދުވަހު އުޅުއްވީ ޤައުމީ ޚިދުމަތުގައި ޤައުމުން ބޭރުގައެވެ. ވާނީ ވެސް އެހެންތާއެވެ. ދެވަނަ ހަނީ މޫނު ލައްވާލީ ވެރިކަމުގެ ދުވަސްވަރު ވިއްޔާއެވެ.

ދީނާ ޤައުމުގެ މިނިވަންކަމާ އިސްތިގުލާލުގެ ހައްގުގައި ހަށި ފޮޅާލާ ނުކުންނަން ތިބި އަސްކަރިއްޔާގެ ވަޒީރު ވަނީ ވެސް ވަރަށް ބޯޑު ކާމިޔާބީއެއް ޤައުމަށް ހޯދާ ދީފައެވެ. އާދެ ވަޒީރުކަން ލިބުނުތާ މާގިނަ ދުވަހެއް ނުވެ ބޭރުގެ ޤައުމަކަށް ވަޑައިގެން އެ ޤައުމުގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ޤަުމުފަދަ ބޮޑެތި ޤައުމުތައް ބޭނުންކަމުގައިވަނީ ނަމަ ރާއްޖެ ފަދަ ކޫޑަ ޤައުމެއް ހިފިދާނެ ކަމަށެވެ. ނުގޮތަކަށް ޜާއްޖެ ހިފަން ބޭރު ޤައުމަކަށް ދައުވަތު ދިނީއެވެ. ކަމަނާއެވެ. މެކުނު ފުމުނީ ގާހަކައަށް ފުމެވޭނެހެން ހީފުޅު ކުރެވުނީ ދެއްތޯއެވެ.

ނޫނޭ ނޫނޭ ތިޔަ ކާމިޔާބީ އަސްވެސް ހަމަ މަރުހަބާއެވެ. ތިޔަ ހޯއްދެވި ކާމިޔާބީއަށް ބޮހޮތް ބޮހޮތް މުބާރަކު ހޯއެވެ. ނަމަވެސް ރިޕޯޓު ނިންމާލަމުން ބުނެލަން ބޭނުންވަނީ 365 ދުވަހުގެ ތެރޭގައި ރައީސް ސޯލިހުގެ ސަރުކާރުން ޤައުމު ދަވާލައިގެން ހަނާ ކުރި ހަވާދު ލާދިނިއްޔަތުގެ ދަލަށް އަޅާ ފުނޑާލައިގެން ކެއްކި އެމްޑީއެނުގެ ރިހަ ގަނޑުގެ ރަހަ ދިވެހިންނަކަށް ކަމަކު ނުދިޔައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...