އައިޖީއެމްއެޗަށް ވިހަން ދިޔަ 3 މީހުންގެ 3 ކުދިން ނިޔާވެއްޖެ

ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އައިޖީއެެމްއެޗަށް ވިހަން ގެންދިޔަ މާބަނޑު ތިން އަންހެނުންގެ ތިން ކުއްޖަކު ނިޔާވެއްޖެއެވެ.

އައިޖީއެމްއެޗުގެ އިހުމާލުން މި ތިން ކުދިން ވެސް ނިޔާވެފައި ވަނީ އިއްޔެގެ އެކި ވަގުތުތަކުގައި ގާތް ގަނޑަކަށް 14 ވަރަކަށް ގަޑިއިރު ތެރޭގައެވެ. އޭގެތެރެއިން ފުރަތަމަ ކުއްޖާ ނިޔާވެފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އަނެއް ދެ ކުދިން ނިޔާވެފައި ވަނީ ރޭގެ ވަގުތުތަކުގައެވެ.

ޗެނަލް 13 އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ތިން ކުދިންވެސް ނިޔާވެފައިވަނީ އައިޖީއެމްއެޗުގެ އިހުމާލުންނެވެ. އެގޮތުން މީގެ ތެރެއިން ދެ ކުއްޖަކު ނިޔާވެފައި ވަނީ މައިމީހާގެ ބަނޑުގެ ތެރެއަށް ކަން ވަނީ ކަށަވަރުވެފައެވެ. އެގޮތުން ފުރަތަމަ ނިޔާވީ ރ.މާކުރަތު ކަފަމާގެ އާލާ ޝަރީފް އެވެ. އެ ކުއްޖާ ވަޅުލާފައި ވަނީ ހުކުރު ނަމާދަށްފަހު، އާސަހަރާ މިސްކިތުގައެވެ.

އައިޖީއެމްއެޗުގެ އިހުމާލުން ނިޔާވި ތިން ކުދިންގެ ތެރެއިން ދެވަނަ ކުއްޖަކީ ހ.ލަގްޒަރީހޯމް ޚައިރު މުޙައްމަދު ޝާމީ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ މެންދުރު މައިމީހާގެ ބަނޑަށް އެކުއްޖާ ނިޔާވި ނަމަވެސް، ފަރުވާ ނުދެވި ގިނަ އިރުތަކެއް ވުމަށްފަހު ސިޒޭރިއަން ހެދުމަށްފަހު އެކުއްޖާ ބަނޑުން ނަގާފައި ވަނީ ރޭގައެވެ.

ޚައިރު މުޙައްމަދު ޝާމީގެ އާއިލާއިން ބުނީ އިއްޔެ 6 މީހަކު ވިއްސަން ވެގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ. އެގޮތުން އެ ހުރިހާ އެއްމެން ވިއްސަންވެސް ހުރީ އެންމެ ޑޮކްޓަރެއް ކަމަށާއި، އެކަކު ވިއްސަން ހުރެފައި އިތުރު މީހަކު ސިޒޭރިއަން ހަދަން ދާންޖެހޭ ކަމަށް ބުނެ އެހެން މީހަކާއި ދިމާއަށް ޑޮކްޓަރު ދުއްވައިގަންނަ ކަމަށެވެ.

ނިޔާވި ޚައިރުގެ އާއިލާއިން ބުނީ އެހެން ކަންތައް ހުރުމުން އައިޖީއެމްއެޗުގެ މެނޭޖްމަންޓާއި ވާހަކަ ދެއްކުމަށްފަހު ކަންބޮޑުވާކަންވެސް ހިއްޞާ ކުރި ކަމަށާއި ޖަވާބުގައި އިއްޔެ އަކީ ހުކުރު ދުވަހަށް ވުމުން ޑޮކްޓަރުން އޮފް ވާނެ ކަމަށް މެނޭޖްމަންޓުން ބުނި ކަމަށް ކަންބޮޑުވުމާއެކު ޚައިރުގެ އާއިލާ ބޭފުޅުން ބުނެއެވެ.

އައިޖީއެމްއެޗުގައި އިއްޔެ ތިންވަނަ އަށް ނިޔާވީ ލ.ގަން ތުނޑި ރުކުމާގޭ މުޙައްމަދު ހަސަން ވަލީދު އެވެ. އެ ކުއްޖާ ވަޅުލާފައި ވަނީ ރޭ ފަތިސް ނަމާދަށް ފަހުއެވެ. މި ތިން ކުދިން ހިމެނޭހެން އައިޖީއެމްއެޗުގެ އިހުމާލުން ވިހެއުމުގެ ތެރޭގައި މިމަހު ނިޔާވި ކުދިންގެ އަދަދު ވަނީ އަށަކަށް އަރާފައެވެ. ނަމަވެސް މިކަމާއި ގުޅިގެން މިހާތަނަށް އައިޖީއެމްއެޗުން އެއްޗެއް ނުބުނެއެވެ.

އައިޖީއެމްއެޗުގެ އިހުމާލުން އެއް ދުވަސް ތެރޭ ތުއްތު ތިން ކުދިން އެ ކުދިންގެ މައިންގެ ބަނޑުގައި ނިޔާވެފައިވާއިރު ސިއްޚީ ދާއިރާއަށް ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންގެ އިސްތިއުފާއަށް ވެސް ގޮވާލަމުންނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. މުހައްމަދު 18 ނޮވެމްބަރު 2019 - 12:11

    ތާހިރު އެބަ ވެއެއްނު މިހާރު. ކޮބާ އެއްކަލަ ފޮނިކެނޑި ސަރުކާރު؟ އެކައްޗެކޭވެސް ނުބުނެއެއްނު؟ ލަދެއްވެސް ނުގަނޭވިއްޔަ.

ގުޅުން ހުރި
Loading...