ބްރެޒިލްގެ މައްޗަށް އާޖެންޓީނާ ކުރި ހޯދައިފި

ބައިނަލް އަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ވާދަކުރި ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ ގަދަ ފަދަ ދެ ބާރުގެ ކުރިމަތި ލުމުގައި ބްރެޒިލްގެ މައްޗަށް އާޖެންޓީނާއިން ކުރި ހޯދައިފިއެވެ.

ސައުދީގެ ރިއާދުގައި ކުޅުނު މެޗުގައި ބްރެޒިލްގެ މައްޗަށް އާޖެންޓީނާ ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ޖަހައިދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. މިއީ ގައުމީ ޓީމަށް މެސީ ޖަހައިދިން 69 ވަނަ ލަނޑެވެ.

މި މެޗަކީ ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި ބްރެޒިލް އަތުން ބަލިވި މެޗައްފަހު ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާ ތެރޭގައި ކޮރަޕްޝަން އޮތް ކަމަށް ބުނެ އެ އިދާރާއާ ބެހޭގޮތުން ދެއްކި ވާހަކަތަކާއި ގުޅިގެން ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުނު މެސީ ގައުމީ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގައި އާޖެންޓީނާގެ އެޓޭކް ލީޑުކުރުމުގައި މެސީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެސީ ލަނޑު ކާމިޔާބުކޮށްފައި ވަނީ ބްރެޒިލްގެ އޭރިއާ ތެރެއިން އެޓީމުގެ ލެފްޓް ބެކް އެލެކްސް ސަންޑްރޯ އޭނާއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީ އަކުންނެވެ. މެސީ ފޮނުވާލި ޕެނަލްޓީ ދެވަނަ ފަހަރުންނެވެ.

މި މެޗުގެ ކުރީކޮޅު އާޖެންޓީނާއިން ލީޑު ހޯދުމުގެ ކުރިން ބްރެޒިލްއަށް ލީޑު ހޯދަން ލިބުނު ފުރުޞަތު ޒުވާން ފޯވަޑް ގެބްރިއެލް ޖެސޫސް ވަނީ ބޭކާރު ކޮށްލާފައެވެ. އާޖެންޓީނާގެ އޭރިއާ ތެރެއިން މިޑްފީލްޑަރު ޕަރެޑެސް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީގައި މެންޗެސްޓާ ސިޓީގެ ފޯވަޑް ތިރިތިރިން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

އާޖެންޓީނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު މި މެޗުގައި ބްރެޒިލް އަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން މެޗުގެ ފަހު ދިހަ މިނެޓު ތެރޭގައި އާޖެންޓީނާ އިން އިތުރު ލަނޑެއް ޖެހުމާއި ކައިރިއަށް ދިޔައިރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލޫކަސް ފޮނުވާލި ހަމަލާ ދިޔައީ ދަނޑިމަތިން ބޭރަށެވެ.

ކޮޕާ އެމެރިކާގެ ހިތްދަތިކަމަށްފަހު މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން އާޖެންޓީނާ ބަލިވެފައިނުވާއިރު ބްރެޒިލް އޮތީ ރަނގަޅު ފައްތަރެއްގައެއް ނޫނެވެ. ކޮޕާ އެމެރިކާގެ ފައިނަލް މެޗަށްފަހު ބްރެޒިލް ކުޅުނު ފަސް މެޗުން ވެސް އެޓީމް މޮވެފައެއް ނުވެއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...