އިސްލާހުގެ ނަމުގައި މުޅި އަދުލުގެ ނިޒާމް ފުނޑާލައިފި: ރައީސް ޔާމީން

ރައީސް ޔާމީން ކުރީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

ރައްޔިތުންނަށް ބަރަކާތްތެރި ވެރިކަމެއް ކޮށްދޭނެކަމަށް ބުނެ އައި ސަރުކާރުން ޚުދުމުޚުތާރު ގޮތް ދައްކާ މުޅި އަދުލުގެ އިންސާފުގެ ނިޒާމް ފުނޑާލާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

"ފުނޑާލައިފި" ނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ މިހާރުގެ ސަރުކާރުން ގާނޫނާ ޚިލާފަށް ކޯޓުތަކަށް ނުފޫޒު ފޯރުވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރުގެ ސަރުކާރުން ސުޕްރީމް ކޯޓު ފުނޑާލާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓު ފުނޑާލައިފި. އަދުލުގެ ނިޒާމް ފުނޑާލައިފި. ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަށް އެދެވޭ ހަމަލާތައް ގަބޫލެއް ނުކުރަން." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިފަދައިން ވާހަކަފުޅު ދައްކަވާފައި މިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ސިޔާސީ ދައުވާއަށް ނުފޫޒު ފޯރުވުމަށްޓަކައި އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑްކޮށް އެހެނިހެން ފަނޑިޔާރުންވެސް ސަސްޕެންޑް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ގާނޫނާ ޚިލާފަށް ސަސްޕެންޑް ކޮށްފައެވެ.

ސަރުކާރުން ބަދަލު ދިނުމުގެ ނަމުގައި ގާތް ތިމާގެ މީހުންނާ އެކުވެރިންނަށް ފައިސާދީ ބައިތުލްމާލު ފުނޑާލާފައިވާކަން ރައީސް ޔާމީން ވަނީ މި ޖަލްސާގައި ހާމަކުރައްވާފައެވެ. ބައިތުލް މާލަކީ ރައްޔިތުންގެ އަމާނާތެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ސަރުކާރުން ރައްޔިޔުންނަށް އޮޅުވާލަމުންގެންދާކަން ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ބަދަލު ދިނުމުގެ ނަމުގައި މިހާތަނަށް ބިލިޔަނަކާ ގާތްކުރާ އަދަދަކަށް ދިވެހި ފައިސާ ވަނީ އަމިއްލަ އެކި ފަރާތްތަކަށް ދީފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...