ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން މުޅި ޖުޑިޝަރީ ފުނޑާލައިފި: ހަސަން މުފީދު

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑާގެ ދައުވާގެ ޝަރީއަތަށް ނުފޫޒު ފޯރުވަން މުޅި ޖުޑިޝަރީ ފުނޑާލާފައިވާކަމަށް މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެއެވެ.

ހަސަން މުފީދު މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން "ފުނޑާލައިފި" ނަމުގައި ކާނިވާ ސަރަހައްދުގައި ބާއްވަމުންދާ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މި ޖަލްސާގައި މުފީދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށާއި އެފަދަ ދައުވާއެއް ކުރުމުގެ އެންމެ ބޮޑު އަސްލަކީ އިދިކޮޅު ފުނޑާލުން ކަމަށެވެ.

ރާއްޖޭގައި ތިން ބާރު ވަކިވެފައި އޮންނަ ޔުނިޓަރީ ދައުލަތެއް އޮއްވައި ފެންނަމުންދާ މަންޒަރަކީ ސަރުކާރުން ތިން ބާރަށް ނުފޫޒު ފޯރުވުމަށް ކެނޑި ނޭޅި މަސައްކަތް ކުރަމުންގެންދާ ތަން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފަރަންޖީން ބޭނުންކޮށްގެން ތައުލީމީ މަންހަޖާ ކުޅެ ޅަދަރިންގެ މުސްތަގުބަލު ފުނޑާލަމުން ގެންދާ މަސައްކަތް ހުއްޓާލުމަށް މުފީދު ވަނީ ގޮވާލައްވާފައެވެ.

ދައުލަތުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމަށް މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވެސް ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގެ ތެރެއަށް އަތް ބާނާ ނުފޫޒު ފޯރުވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށް ގިނަ ރައްޔިތުން ބުނެއެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށް ރައްޔިތުން ގަބޫލު ކުރެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...