އަލީ ރަޝީދުގެ ސުލޫކީ މައްސަލަ ނުބަލާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަނީ ލޯންޑަރ ކުރި ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަލީ ރަޝީދުގެ ސުލޫކީ މައްސަލަ ނުބަލައި ލަސްވާތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕީޕީއެމް އަދި ޕީއެންސީން ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އަލީ ރަޝީދު، ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާއާ ހިލާފަށް، ރައީސް ޔާމީންގެ ޝަރީއަތާ ބެހޭ ގޮތުން ވަކި މީޑިއާއަކަށް މައުލޫމާތު ދެއްވާފައިވާކަން ފާހަގަކޮށްފައެވެ.

އަދި އަމިއްލަ ފަރާތަކުން އެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ ނުބަލައި، ގިނަ ދުވަސްތަކެއް ހޭދަވާތީ އެކަމާ ކަންބޮޑުވާކަން ފާހަގަކޮށް، އެއީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށްޓަކައި ހިންގާ އަމަލެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ބަޔާނުގައި ވަނީ ފަނޑިޔާރުންގެ ގާނޫނާ ހިލާފު އަމަލެއް ހިންގައިގެން، އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުމަކީ، އެ ފަނޑިޔާރަކު އަމިއްލަފުޅަށްވެސް އެ މައްސަލައިން ތަނާޒުލްވާން ޖެހޭނެ ކަމެއް ކަމަށް ބުނެފައެވެ.

އަދި ޖޭއެސްސީން އަލީ ރަޝީދުގެ ސުލޫކީ މައްސަލަ ބެލުން ލަސް ކުރަނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން އެ މައްސަލަ ނުބަލަނީ ވަކި ތައައްސުބެއްގެ ތެރެއިން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުން ކަމަށް ފާހަގަކޮށް އެކަން ކޯލިޝަނުން ވަނީ ކުށްވެރިކޮށްފައެވެ. އަދި އަލީ ރަޝީދުގެ ސުލޫކީ މައްސަލަ ބަލައި، އަޅަން ޖެހޭ ފިޔަވަޅު އެޅުމަށްވެސް އިދިކޮޅު ކޯލިޝަނުން ޖޭއެސްސީއަށް ވަނީ ގޮވައިލައިފައެވެ.

ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވާއިރު، މީގެ ކުރިން އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް އޮތް ކަމަށް ބުނެ، ޖޭއެސްސީން އޭނާ ސަސްޕެންޑު ކުރީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކުރެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...