"ނަމާދުކުރަން ވަކި ތަނެއް ހުންނަން ނުޖެހޭ ކަމަށް ބުނުމުން ސަރުކާރުގެ ވިސްނުން ހާމަވޭ"

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ސްކޫލްތަކުގައި ނަމާދު ކުރަން ވަކި ތަނެއް ހުންނަން ނުޖެހޭ ކަމަށް ސަރުކާރުގެ މަސްއޫލުވެރިޔަކު ވިދާޅުވުމުން، ސަރުކާރުގެ ވިސްނުން ހުރިގޮތް ރަމްޒުކޮށްދޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

"މަވެސް ޕީޕީއެމް"ގެ ނަމުގައި ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ރާއްޖޭގައި އޮތީ ދެ ފިކުރެއް ކަމަށް އެމަނިކުފާނު އަބަދުވެސް ވިދާޅުވަމުން ގެންދެވިކަން ފާހަގަކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި އެ ދެފިކުރަނީ ބިނާކުރުވަނިވި ފިކުރާއި، ފަނާ ކުރުވަނިވި ފިކުރު ކަމަށް ކުރިން ވިދާޅުވިޔަސް މިހާރު އެ ދެ ފިކުރުގެ ތައާރަފު ބަދަލުވެއްޖެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ ދީނީ ފިކުރާއި، އަލްމާނީ ފިކުރު ނުވަތަ ލާދީނީ ފިކުރު ކަމަށެވެ. އަދި ސަރުކާރު ނިސްބަތްވަނީ ލާދީނީ ފިކުރަށް ކަމަށާއި، ޕީޕީއެމްއާއި ޕީއެންސީއަކީ ދީނީ ފިކުރުގެ ޕާޓީތައް ކަމަށް ވިދާޅުވިއެވެ. ސްކޫލްތަކުގައި ނަމާދު ކުރަން ވަކި ތަނެއް ހުންނަން ނުޖެހޭ ކަމަށް ސަރުކާރުގެ މަސްއޫލުވެރިޔަކު ވިދާޅުވިކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެފަދަ ވާހަކަތަކުން ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ކަމަށެވެ.

"ލާދީނީ ފިކުރާ ދީނީ ފިކުރު ރާއްޖޭގައި އޮތްއިރު، އަޅުގަނޑުމެން ހިޔާލަށް ގެންނަން ޖެހޭ ބައެއް ކަންތައްތައް އެބަހުރި. އަޅުގަނޑުމެން ހަމަ ގައިމުވެސް ހިތްދަތިވޭ، މަދަރުސާތަކުގައި ނަމާދު ކުރާކަށް ވަކި ތަނެއް، ވަކި ކޮޓަރިއެއް ހުންނާކަށް ނުޖެހޭނެއޭ، ސަރުކާރުގެ މަސްއޫލުވެރިޔަކު ބުނީމަ، އެބަ ރަމްޒުކޮށްދޭ އެމީހުންގެ ވިސްނުން ހުރި ގޮތް. " ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ގާނޫނު އަސާސީގެ މަސްދަރަކީ އިސްލާމް ދީންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ޝަރީއާގެ މަސްދަރަކީ އިސްލާމީ ޝަރީއާ ކަމަށެވެ. އަދި އިސްލާމީ އުސޫލުތަކުގެ މަތިން ޝަރީއާ ގާއިމު ކުރާ އެންމެ މަތީ މަޖިލީހަކީ ސުޕްރީމް ކޯޓުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ޝަރީއާގެ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންވާ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރުމުންވެސް ސަރުކާރަކީ "ލާދީނީ" ފިކުރު ރަމްޒުކޮށްދޭ ބައެއް ކަމަށް ބުނާ ވާހަކައަށް ބާރުދޭ ކަމަށެވެ.

"އަޅުގަނޑު އެއްގޮތަކަށްވެސް ފަނޑިޔާރުންގެ އިލްމީ ގާބިލުކަމާމެދު ސުވާލު އުފައްދަނީއެއް ނޫން. އެކަމަކު ރާއްޖޭގެ ގާނޫނު އަސާސީގެ މަސްދަރަކީ އިސްލާމް ދީން ކަމަށްވެފަ، ރާއްޖޭގެ ޝަރީއަތުގެ ބިނާ އަކީ އިސްލާމީ ޝަރީއަތް ކަމަށްވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިސްލާމީ ޝަރީއަތުގެ މައުލޫމާތު ލިބިފައި ހުންނަން ވާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމުގެ ހާލަތު މިއަދު ވަރަށް ގޯސްވެފައިވާ ކަމަށެވެ. ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ތަނެއްގައި ފެން ފޯއް ރުކެއް އިންދުމަކީ ތަރައްގީއެއް ނޫން ކަމަށާއި، ތަރައްގީއަކީ ދައުލަތުގެ ރިޒާވް އިތުރުވުމާއި، ގިނަ ވަޒީފާތަކެއް އުފެދިގެން ދިއުމާ ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް އައުން ފަދަ ކަންތައް ކަަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ތަރައްގީގެ ފަސް އަހަރު މިހާރު ނިމިފައިވާ ކަމަށާއި، މިއަދު ދިވެހިން ދައްކަން ޖެހެނީ ލާދީނީ ފިކުރެއްގެ ވާހަކަ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...