"ފަނޑިޔާރުންގެ މައްސަލަތައް ބަލަން މިއަދު ތިބީ ގާނޫނާ ހިލާފަށް ފަނޑިޔާރުން ރަހީނު ކުރި މީހުން"

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ނެރުނު އަމުރާއި ހަމައިން އެ ކޯޓު ހަލާކުވެގެން ގޮސްފައިވާކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަވެސް ޕީޕީއެމްގެ ނަމުގައި އެޕާޓީއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމްތައް ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ރައީސް ޔާމީން ވަނީ 1 ފެބުރުއަރީގެ އަމުރު ނެރުނު ހިސާބުން ފެށިގެން ޝަރުއީ ދާއިރަށް ސިޔާސީ ނުފޫޒު ވަދެ ފަނޑިޔާރުންނަށް ނޭވާއެއް ލާނެ ފުރުސަތު ލިބިފައިނުވާކަން ހާމަކުރައްވާފައެވެ.

މިހާރަކަށް އައިސް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަމުންދާގޮތަށް އަލިއަޅުއްވައި ރައީސް ޔާމީން ވަނީ ޖޭއެސްސީ އިން ސުލޫކީ މައްސަލަ ކަމަށް ބުނެ ފަނޑިޔާރުން ނެރުއްވާފައި ހުންނަ ހުކުމްތަކާއި އަމުރުތަކުގެ މައްސަލަ ބަލަމުންދާކަން ފާހަގަކުރައްވާފައެވެ. އެއްވެސް ފަރާތަކުން ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވުމަކީ ޣައިރު ގާނޫނީ އަމަލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ހުންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒްކުރައްވައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ފަތިފުށް ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެނިގެން ގޮސްފައިވާކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ އެފަދަ ބޭފުޅުން ފަނޑިޔާރުންގެ މައްސަލަ ބެއްލެވުމަށް ތިއްބަވާއިރު އެއީ ކިހާ ތާހިރު ބައެއްތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވަނީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ސިޔާސީ މަސައްކަތްތަކުގައި އެކި ގޮތް ގޮތުން ބައިވެރިވެފައިވާ އެމްޑީޕީ މެމްބަރުންނެވެ. ގިނަ ބަޔަކު ބުނާގޮތުގައި މިފަހަކަށް އައިސް ޖޭއެސްސީއިން އަންނަނީ ސުލޫކީ މައްސަލަތައް ބަލަމުންދާ ކަމަށް ބުނެ ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވަމުންނެވެ.

ރައީސް ނަޝީދަކީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޟީކަން ކުރެއްވި އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ރަހީނުކޮށްގެން އެކަހެރި ރަށެއްގައި ބެހެއްޓި މައްސަލައިގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ބޭފުޅެކެވެ. އަދި 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގައި އިންޑިއާގެ ސަރުކާރުން ބޭއްވި ސެމިނާރެއްގައި ބައިވެރިވެވަޑައިގެން އެގައުމުގެ ނޫހެއް ކަމަށްވާ 'ވަޔާއިން" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވަނީ ގާޟީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަކީ އެމަނިކުފާނަށް ހެއްދެވުނު ގޯހެއް ކަމަށް ވިދާޅުވެ އެ ކުށަށް އިއުތިރާފް ވެވަޑައިގެންފައެވެ.

އެއީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވައި މައި ބަދައިގެ އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަންނަވާކަމަށް ވިދާޅުވެ އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ރައީސް ޔާމީންގެ ވެރިކަމުގައި ހުއްދަ ދެއްވުމުން ދައުލަތައް ފިއްލަވައިގެން އުޅުއްވުމަށްފަހު ދެއްވި އިންޓަވިއުއެކެވެ.

ގާޟީއަކު ރަހީނު ކުރި މައްސަލައިގެ ދައުވާ ރައީސް ނަޝީދަށް ކޮށްފައިވަނީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެވެ. ދާދި ފަހުން ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަހުމަދު ހައިލަމްވެސް ޖޭއެސްސީއެން ވަނީ ސަސްޕެންޑްކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...