ރައީސް ޔާމީންގެ ޝަރީއަތް ލައިވް ނުކުރުމުގެ ފުރުސަތު ބޮޑު!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑާ ކުރިކަމަށް ބުނެ ދައުލަތުން އުފުލާފައިވާ ދައުވާގެ ހުކުމް ކުރުމަށް މި މަހުގެ 17 ވަނަ ދުވަހު ތާވަލުކޮށްފައިވާ ދަނޑިވަޅެއްގައި ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ޓީވީން ލައިވްކޮށް ދެއްކުމާ ބެހޭ އުސޫލު މުރާޖައާކޮށް ނިމެންދެން ޝަރީއަތްތައް ޓީވީން ދެއްކުން މަޑުޖައްސާލަން އެ ކޯޓުން ނިންމައިފިއެވެ.

ރާއްޖޭގައި މުޅިން އަލަށް ޝަރީއަތެއް ލައިވްކޮށް ޓީވީން ދައްކަން ފެށީ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާއާއި ގުޅިގެންނެވެ.  ކްރިމިނަލް ކޯޓުގެ ނުވަ ފަނޑިޔާރުން ސޮއި ކުރައްވާ މި މަހުގެ 13 ވަނަ ދުވަހު ނެރުނު އެ ކޯޓުގެ އާންމު މަޖިލީހުގެ ނިންމުމުގައިވާ ގޮތުން މިހާރު އެކަމަށް އެކުލަވާލާފައިވާ އުސޫލު އޮތްގޮތުން އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ ޝަރީއަތްތައް ލައިވްކޮށް ދެއްކޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި ބައެއް މައްސަލަތައް އެގޮތަށް ދެއްކުމުން އާންމު ރައުޔަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބުން ފިތުނަ އުފެދުމަށް ޖާގަ ހުޅުވުމާއި އަދުލު އިންސާފާ މެދު މީހުންގެ ހިތްތަކުގައި ޝައްކު އުފެދޭ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

އެ ނިންމުމުގައި ބުނެފައިވަނީ ބައެއް މައްސަލަތަކުގެ ތަހުގީގު ހިނގަމުން ދަނިކޮށް، ޝަރީއަތްތައް ލައިވް ކުރުމުން ތަހުގީގަށް ނޭދެވޭ އަސަރު ކުރުމާއި ހެކިވެރިން އަޑުއެހުންތަކަށް ނުވެއްދުމުގެ ބޭނުން ނެތި ދިއުމާއި، ހެކިބަސް އެއްގޮތް ކުރުމަށް މަސައްކަތް ކުރެވޭ ގޮތަށް އޮތުމުން އިންސާފަށް ހުރަސް އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެހެންކަމުން، އެކަމާ ބެހޭ އުސޫލު އަލުން މުރާޖައާ ކޮށްގެން ނޫނީ ޝަރީއަތްތައް ޓީވީން ނުދައްކަން ނިންމީ ކަމަށް އެ ނިންމުމުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް މިހާރު ޓީވީން ލައިވްކޮށް ދައްކަމުންދާ ރައީސް ޔާމީންގެ ޝަރީއަތުގެ ދެން އޮންނަ އަޑުއެހުމެއްގައި އަމަލު ކުރަން ނިންމާފައިވަނީ ދެޚަސްމުންގެ ބަހެއް ހޯދުމަށް ފަހު އެކަމާ މެދު ގޮތެއް ނިންމައިގެން ކުރިޔަށްދާ ގޮތަށެވެ. އެކަމަކު އެއީ ދައުލަތުގެ ފަރާތުން ނުވަތަ ރައީސް ޔާމީންގެ ފަރާތްޕުޅުން ޓެލެކާސްޓް ކުރުމަށް އިއުތިރާޒް ނުކުރާނަމައެވެ.

އެ ނިންމުމުގައި ވާގޮތުން އެއްވެސް ފަރާތަކުން ޓީވީން ލައިވް ކުރުމަށް އިއުތިރާޒް ކޮށްފިނަމަ ޝަރީއަތް ޓެލެކާސްޓް ނުކުރާނެއެވެ. ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ޓީވީން ލައިވްކޮށް ދެއްކުމާ ބެހޭ އުސޫލު މުރާޖައާކޮށް ނިމެންދެން ޝަރީއަތްތައް ޓީވީން ދެއްކުން މަޑުޖައްސާލަން އެ ކޯޓުން ނިންމުމަކީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ޝަރީއަތް އެމަނިކުފާނަށް ކާމިޔާބު ކުރެވުން ކަމުގައި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ.އަބްދުﷲ ހަލީލް ވަނީ ވިދާޅުވެފައެވެ.

ހަލީލް ކުރެއްވި ޓްވީޓެއްގައި އެހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ ޝަރީއަތް ވަގުތުން ޓީވީން ދެއްކުމަކީ އެމަނިކުފާނުގެ އެއްވެސް ކުށެއް ނެތްކަން ހާމަކޮށްދޭ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...