ގަބޫލު ނުކުރައްވާތި މިހާރު ހިނގަމުން މިދާ ކަންކަން ނުބެލޭނެ ކަމަށް: ރައީސް ޔާމީން

ސަރުކާރުގެ އިސްވެރިން ގައުމުގެ ހުރި ކަރާމާތްތެރި މަސްދަރުތައް ވެއްޔާ މޮޑެ ފުނޑަމުންދާއިރު ސިޔާސީ ލީޑަރުން ހަނު ތިބުމުން ދެން އެ ބޭފުޅުންނަށް އޮތް ގޮތަކީ މަޑުން ގޭގައި ތިއްބެވުންކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މަވެސް ޕީޕީއެމްގެ ނަމުގައި އެޕާޓީއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމްތައް ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ތަރައްގީގެ ބާނީ ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ހުރިހާ މިނިވަން މުއައްސަސާތައް "ދައިމަތިއަޅާއިރު" އިރުވައި މޫސުމަށް ދޮންދޫނި ނިކުންނަހެން ނިކުންނަ ސިޔާސީ ލީޑަރުންނަށް ދިވެހި ރައްޔިތުންނަށް ހެޔޮގޮތް ވިސްނައިދިނުމުގެ ދައުރެއް ނެތް ކަމަށެވެ. އަދި އެފަދަ ދައުރެއް ނެތްކަން އެބޭފުޅުން އަމިއްލައަށް ސާބިތުކޮށްދެއްވައިފިކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ މިހާރު ހަދަމުން މިދާ ގޯސްތައްވެސް ބެލޭނެ ދުވަހެއް އަންނާނެ ކަން ހާމަކުރައްވާފައެވެ. 

"އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުން ގަބޫލު ކުރޭ މި ބޭފުޅުން މިތިބީ ބޮޑު ގޯހުން ގޯސް ހަދައިގެންކަން. އެއްގޮތަކަށްވެސް ގަބޫލު ނުކުރައްވާ މިހާރު ހިނަމުން މިދާ ކަންކަމަކީ ނުބެލި ހިނގައިދާނެ ކަންކަން ކަމަށް. މިހުރިހާ ކަމެއް ބެލޭނެ. މި މީހުންވެސް ވިސްނާނެ. މި މީހުންވެސް ރާވާނެ. އެކަމަކު މާތް ﷲ ގެ ރޭވުން އެއަށްވުރެ މާ ވަރުގަދަވާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔަމީން ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ބަފައިބެ ސިއްކަ އަހުމަދު އިސްމާއިލް މަނިކް އަޑީގައި ހުރެގެން ކުލީ ސިފައިންނާއެކު މާލެ އަރައި ވެރިކަން ހޯދުމުގެ ލައްޒަތުގައި 19 ދިވެހިން ޝަހީދު ކޮށްލި ހިތާމަވެރި ހާދިސާގެ ތާރީޚް އޮޅުވާލަން މަސައްކަތް ކުރަމުންގެންދާކަން ފާހަގަކުރައްވާފައެވެ.

"ތާރީޚް އޮޅުވާލަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އެއީ ބިރުވެރި ދުވަހެއް. އެ ބިރުވެރިކަމުގެ ތެރޭގައި 19 ދިވެހިން ޝަހީދުވެގެން ދިޔަ. މާތް ﷲ އެ 19 ޝަހީދުންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އެ ބިރުވެރިކަން 48 ގަޑިއިރުގެ ތެރޭގައި ސަލާމަތްވިއިރު ރާއްޖޭގެ މުއައްސަސާތައް ހަލާކުކޮށްލާ، ގާނޫނު އަސާސީ އެއްކިބާކޮށް، ރާއްޖެ ގަބޫލުކުރާ ހުރިހާ އުސޫލުތައް ދުރަށް ޖައްސައި، ރާއްޖެއަށް އަލްމާނީ ފިކުރު (ލާދީނީ ފިކުރު) ގެނައުމަށް މިކުރާ މަސައްކަތަކީ ހުރިހާ ކަމަކަށްވުރެ ނުރައްކާތެރި މަސައްކަތްތަކެއް. މިއީ ޖީލުތަކަށް ދިގު ދެމިގެންދާނެ ނުރައްކާ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ތުރުކީއަށް އަލްމާނީ ފިކުރު ގެނައުމުން ކަންކަން ވެގެންދިޔަގޮތް ފެނިގަންދިޔަ ކަމަށާއި ދިވެހިންނަކީ މާތްﷲ ގެ ހިދާޔަތުގެ އަލީގެ ދަށުގައި ތިބޭ ބަޔަކަށް ވުމުން މާތްވެގެންވާ އިސްލާމްދީން ނޫން އެހެން ދީނަކަށް މި ފަސްގަނޑުގައި ޖާގަ ދެވިގެން ނުވާނެ ކަމަށެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...