ކާނަލް ނަޝީދުގެ އިތުރުން ގިނަ ބަޔަކު ޕީޕީއެމްއާ ގުޅިއްޖެ

"މަވެސް ޕީޕީއެމް" މިނަމުގައި ޕީޕީއެމްއިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ދިވެހި ރައްޔިތުންގެ ޕާޓީ ޑީއާރްޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ނަޝީދާއި، އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަހުލާ އަލީގެ އިތުުރުން، ގިނަ ފަރާތްތަކެއް އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.

"މަވެސް ޕީޕީއެމް" މި ނަމުގައި ޕީޕީއެމްގެ މެމްބަރޝިޕް އިތުރު ކުރުމަށް އެޕާޓީން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ރޭ އެޕާޓީގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޑީއާރްޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދާ، އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ނަހުލާގެ އިތުރުން ގިނަ ބަޔަކު ވަނީ ޕީޕީއެމްއަށް ސޮއިކުރައްވައިފައެވެ. ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ފަރާތްތަކުގެ ފޯމުތަކާ ހަވާލުވެވަޑައިގެންފައިވަނީ އެޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ރޭގެ ރަސްމިއްޔާތުގައި ނ. އަތޮޅުން ޕީޕީއެމްއާ ގުޅުނު 776 މީހުންގެ ފޯމު ވަނީ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި އެއަތޮޅު މާފަރުން ގުޅުނު 75 މީހުންނާއި، މަނަދޫއިން ގުޅުނު 120 މީހުންނާއި، މިލަދޫއިންގުޅުނު 53 މީހުންނާއި، މަގޫދޫއިން ގުޅުނު 46 މީހުންނާއި ހޮޅުދޫއިން ގުޅުނު 130 މީހުންނާއި ކެނދިކުޅުދޫއިން ގުޅުނު 95 މީހުން ހިމެނެއެވެ.

ނ.އަތޮޅުން އެންމެ ގިނަ މީހުން ޕީޕީއެމްއާ ގުޅިފައިވަނީ ވެލިދޫއިންނެވެ. އެގޮތުން އެެރަށުން 257 މީހަކު ވަނީ ޕީޕީއެމްއަށް ސޮއިކޮށްފައެވެ. މީގެ އިތުރުން ކުރީގެ ފިލްމީ ތަރި، އަލީ ޝާހިދު، ސްޓެޕް އައްޔަވެސް ދާދި ފަހުން ޕީޕީއެމްއާ ގުޅިފައިވާއިރު، ރޭގެ ރަސްމިއްޔާތުގައި އޭނާގެ ފޯމުވެސް ވަނީ ހަވާލުކޮށްފައެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަދައްވަމުން ޕީޕީއެމްގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، ނ.އަތޮޅުން އެހާ ގިނަ ބަޔަކު ޕީޕީއެމްއާ ގުޅުމަކީ އެ އަތޮޅުގައި ޕާޓީ އިތުރަށް ވަރުގަދަ ވެގެންދާނެ ކަމެއް ކަމުގައެވެ.

"މަވެސް ޕީޕީއެމް"ގެ ނަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، ޕީޕީއެމްއާ ދާދި ފަހުން ގުޅުނު ކުރީގެ ފިލްމީ ތަރި އަލީ ޝާހިދު، ސްޓެޕް އައްޔަގެ ފޯމުވެސް ވަނީ ރައީސް ޔާމީންއާ ހަވާލުކޮށްފައެވެ. ޕީޕީއެމްގައި ގާތްގަނޑަކަށް 40،000 މެމްބަރުން ތިބެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...