އިންޑިޔާގެ އިގްތިސާދުގައި ދިވެހިންގެ ހިއްސާ!

ސިއްހީ ދާއިރާއަށް ބަލާއިރު ދިވެހިރާއްޖެއަކީ މަ ގިނަ ވަސީލަތްތަކެއް މީގެ ކުރިން ގާއިމުވެފައިވާ ޤައުމެއް ނޫނެވެ. ބޮޑެތި ބަލިތަކޖަސް ފަރުވާ ހޯދަން ވެއްޖެ ނަމަ ދިވެހިން ދާން ޖެހެނީ އަރާ ފުރައިގެން ކަރަ ކަރަ އަށެވެ.

އެގޮތުން ބަލާއިރު އިންޑިޔާއަކީ ނަގާ ކިޔޭނެ ގައުމެކެވެ. ޚާއްސަކޮށް އިންޑިޔާގެ ސިޓީއެއް ކަމަށް ވާ ތިރުވަނަންތަޕޫރަމުއަކީ އޭގެ ތެރެއިން ފާހަގަވާނެ ނަމަކެވެ. މިކަމާ ދެބަސްވާނެ އެއްވެސް ދިވެއްސަކު ހުންނާނެ ހެނެއް ހިޔެއް ނުވެއެވެ.

މެގްނެޓިކު ރެސޮނަންސް އިމޭޖްނިންގ ނުވަތަ އެމްއާރުއައި އާ ކޮމްޕިއުޓެޑް ޓޮމޮގްރެޕީ ސްކޭން ނުވަތަ ސީޓީ ސްކޭން ފަދަ ނަން ނަމަކީ މީގެ އަހަރުތަކެއް ކުރިއަށް ބަލާނަމަ އަޅުގަޑުމެން ދިވެހިންނަށް ސިއްހީ ދާއިރާ ކަނޑުއެޅި ރޮގުވެސް ނޭނގޭ ހެން ނޭނގޭ ނަން ނަމެވެ.

އަދި ބޮޑެތި ބަލިތައް ކަމުގައިވާ ކެންސަރާ އަދި ކީޑްނީ ފެއިލުވުން ފަދަ ބަލި ބައްޔަކީ ދުވަހަކުވެސް ދިވެހިން އަޑު އަހާފައިވާ ބަލިތަކެއް ނޫނެވެ. ވާނީވެސް އެހެން ތާއެވެ. އޭރަކު ބަލި ބަލި ދެނެގަނެވޭނެ ނިޒާމެއް އޭރަކު ގާއިމުވެފައިއެއް ނުވޭ ވިއްޔާއެވެ.

އޭރު ކަންމިހެން އޮތްއިރު ބޮޑު ބައްޔެއްވެ ނުވަތަ ބަލީގެ ގޮތް ނޭންގެންޏާ އަރާ ފުރައިގެންދާނީ އިންޑިޔާއަށެވެ. އިންޑިޔާގެ ވެސް ޓްރިވެންޑްރަމުއަކީ އޭގެ ތެރެއިން ދިވެހިންގެ ބޭހުގެ އައްޑާއެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

މީގެ ވިއްސަކަށް އަހަރު ކުރިއަށް ބަލާއިރު، ރައީސް މައުމޫނު އަބްދުލްޤައްޔޫމު ގެންގުޅުއްވި ސިއްހީ ނިޒާމުގެ އޮއްޓާރެއް ނެތުމުގެ ނަތީޖާއަކަށްވީ ޓްރިވެންޑްރަމްގެ މެޑިކަލް ޓުއަރިޒަމްގެ 80 އިން ސައްތަ ހިއްސާއަކީ ދިވެހިންކަމެވެ. ބޭސްފަރުވާއަށް ދާ ދިވެހިންގެ އަދަދު އިން ސައްތައިން ބަލާ ނަމަ މިއަދު އެ އަދަދު ހުރީ 13 އިން ސައްތައިގައެވެ.

ކަން މިހެން އޮތް އިރު ވިހި އަހަރު ކުރިއަށް ބަލާނަމަ ޓްރިވެންޑްރަމްގެ މަގުތަކަކީ ބަޔަކު ފައި ޖައްސާލަން ވެސް ހިތް ހަމަ ޖެހޭނެ ވަރު ތަނެއް ނޫނެވެ. ފެންވަރައިގެން ރީތިވެގެންދާ ޒުވާން ކުއްޖަކަށް ބަލާލަޔަސް ފެންނާނީ ބޮލުން ބައި ނާޅި ތެޔޮ ހޭނޭ ވަރަށް ކާށި ތެޔޮ ތިކި ޖަހާލާ ޖަހާލާ ހުންނަ މަންޒަރެވެ.

އަންހެނަކު ސައިކަލަކަށް އެރިޔަސް އަރިއަކަށް ވާ ގޮތަށް ނޫނީ ސައިކަލަކަށް ނާރާނެއެވެ. ހެދުން އަޅާ ގޮތަށް ބަލާއިރު ލިބާސް ބުރިއަކާ ކަނޑިއަކަށް ދާ ޒާތުގެ ހެދުން އަންހެން ވެރިން އަޅާއިރު، ގަންޖު ފަރާހާ ހުދު މުންޑަކީ ފިރިހެނުންގެ އެންމެ ރީތި ހެދުމެވެ. ދޮންކެޔޮ ފަތަށް ނޫނީ ނުއެއް ކާނެއެވެ.

މި ދައްކަނީ ކެރެލާ ސްޓޭޓްގެ ވެރިކަން ކުރާ ސިޓީގެ ވާހަކައެވެ. އިންޑިޔާގެ އާބާދީގެ ނިސްބަތުން ބަލާއިރު ހަތަރު ވަނައަށް އޮތް އެ ސިޓީއަކީ އިންޑިޔާގެ ގްރޮސް ޑިވެލޮޕްމަންޓް ޕްރޮޑަކްޓްސް ނުވަތަ ޖީޑީޕީގެ ދެވަނައަށް ހިއްސާ ކުރާ ސިޓީއެވެ.

އަދި ދިވެހިން އެ ތަނަށް ދަތުރުކުރަން ފެށުމުން މުޅި ސިޓީއަށް ބަދަލު އައެވެ. އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅީ ބަދަލުވެގެން ދިޔައެވެ. ދިރިއުޅުމުގެ ހާލަތު ބޮޑުތަނުން ކުރިއަރައިގެން ދިޔައެވެ.

އަނެއްކާވެސް ރާއްޖޭގެ ސިއްހީ ނިޒާމަށް އެނބުރި ލަމާތޯއެވެ. ރިޕޯޓުގެ ކުރީކޮޅު އަޅުގަނޑު ފާހަގކުރި ފަދައިން ރައީސް މައުމޫނުގެ ޒައާމަތުން ފެށިގެން ރައީސް ޔާމީންގެ ޒައާމަތާ ހަމައަށް އައިރު ރާއްޖޭގެ ސިއްހީ ނިޒާމު އޮތީ އިންޑިޔާ ހޮސްޕިޓަލުތަކުގެ އައިސީޔޫގައެވެ. ކިރިޔަ ކިރިޔާ ނޭވާ ލެވޭ ވަރުގައެވެ. އެވެސް ވެންޓިލޭޓަރުގެ އެހީގައެވެ.

ކަން މިހެން އޮތް އިރު ރައިސް ޔާމީން އަބްދުލްޤައްޔޫމު ދިވެހި ރާއްޖޭގެ ވެރިކަމާ ހަވާލު ވެވަޑައިގެން އެންމެ އިސްކަމެއް ދެއްވީ އައިސީޔޫގައި އޮތް ރާއްޖޭގެ ސިއްހީ ނިޒާމަށް ފަރުވާ ކުރުމަށެވެ.

ދިވެހިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސް ސަލާން ޖަހަން ޖެހޭ ޖެހުމަށް ނިމުމެއް ގެންނެވިއެވެ. ރައީސް ޔާމީން ވެރިކަމަށް އަރައިވަޑައިގެންނެވި ދުވަހުން ފެށިގެންވެސް ދިވެހިރާއްޖެއަށް ހިލޭ އެމްއާރުއައި މެޝިނެއް ދޭނެ ކަމަށް ބުނެ އިންޑިޔާ ސަރުކާރުން ހުވަފެންތަކެއް ދައްކަމުން ގެންދިޔަ ދިއުމަށް ވެސް ރައީސް ޔާމީން ނިމުމެއް ގެންނެވިއެވެ.

25 ފަންގިލާފިލާގެ ދަރުމަވަންތަ ހޮސްޕިޓަލަކީ ނޭވާ ހޮޅިއަށް އެޅިފައި އޮތް ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އައިސީޔޫން ނެރެދިން ވެކްސިނެވެ.

ނަމަވެސް މިއަދުގެ ސަރުކާރުން ދަނީ އެ އިމާރާތް ބޭނުން ނުކުރުމުގެ ގޮތުން ތަފާތު އުޒުރު ދައްކަމުންނެވެ. އެގޮތުން އެ ހޮސްޕިޓަލަކީ އައިޖީއެމްއެޗުގެ ގޮތްޕެއް ކަމުގައި ނިންމާ އެ ހޮސްޕިޓަލު ރަސްމީކޮށް ނުހުޅުވަން ނިންމިއެވެ.

އަދި އެތަނަށް ބޭނުންވާ މެޝިނަރީޒުތައް ހޯދުމުގައިވެސް އިހުމާލުތަކެއް ވަމުން ގެންދާކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. 
ސަބަބަކީ އެންމެ ސަބަބެކެވެ. އިންޑިޔާގެ ބަސް ގަބޫލުކުރުމެވެ. ވާނީ ވެސް އެހެންތާއެވެ. އެމީހުންގެ އިގްތިސާދުގައި ދިވެހިންގެ ހިއްސާ ވަރަށް ބޮޑު ވިއްޔާއެވެ. ޤައުމު ކިތަންމެ ކުޑައަޔަސް މި ޤައުމާ ރައްޔިތުންގެ ބޭނުން އިންޑިޔާއަށް ނުހަނު ބޮޑެވެ.

2014 ވަނަ އަހަރުގެ ތެރޭގައި އެކަނި ބަލާލި ކަމުގައިވީ ނަމަވެސް ދިވެހިން އިންޑިޔާއިން ބޭސް ފަރުވާއަށް ގޮސް އާސަންދައިގެ ދަށުން ޓްރިވެންޑްރަމްގެ ހޮސްޕިޓަލުތަކަށް ދިން ފައިސާގެ އަދަދު އެ އަހަރުގެ އެ ސިޓީގެ ބަޖެޓަށް ވުރެ ވެސް ބޮޑެވެ. މިއީ އިންޑިޔާގެ ޓްރިވެންޑްރަމުގެ އިގްތިސާދުގައި ދިވެހިން ހިއްސާވާ މިންވަރު ފެންނަން އޮތް ހެއްކެކެވެ.

ބޭސްފަރުވާއަށަ އަދި އެހިހެން ބޭނުންތަކުގައި ޓްރިވެންޑްރަމަށް ގޮސް އެތާ ދިރުއުޅޭ ދިވެހިން މަދެއް ނޫނެވެ. އެއިން ކޮންމެ މީހެއްގެ ޒަރީއައިން އިންޑިޔާއަށް ވަންނަ ބޭރު ފައިސާއަކީ އެ ޤައުމުގެ އިގްތިސާދަށް މުހިއްމު އެއްޗެކެވެ.

އެހެންކަމުން ޓްރިވެންޑްރަމްގެ މެޑިކަލް ޓުއަރިޒަމް ދަށް ވެގެން ދިއުމަކީ އެމީހުން ބޭނުންވާނެ ގޮތެއް ނޫނެވެ. އަދި އެހެން އެކަން ވިޔަކަ ހަމަ ހިލާ އެމީހުން ނުދޭނެއެވެ. ޚާއްސަކޮށް އިންޑިޔާގެ ބަސް އަހާ ބަސް ގަބޫލުކުރާ ވެރިންތަކެއް މި ޤައުމުގައި ތިބިހަ ހިނދަކު އެމީހުން ދާނީ ސްކޯ ކުރަމުންނެވެ.

ދުނިޔެ ކަނީ މަކަރާ ޖަހައިގެންނޭ މުސްކުޅިން ބުނޭ އެހެން ނޫންތޯއެވެ؟ އެހެންކަމުން ފެންވަރު ރަގަޅު ސިއްހީ ނިޒާމެއް މި ޤައުމުގައި ތަރައްގީ ކުރެވިގެން ދާ މަންޒަރު ބަލާކަށް އިންޑިޔާ ހިމޭނަކުން ނޯންނާނެއެވެ. އެހެނީ މެޑިކަލް ޓުއަރިޒަމަކީ އެމީހުންގެ އިގްތިސާދުގައި ދިވެހިން ހިއްސާވާ މުހިއްމު ކަމަކަށް ވުމުންނެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...