ތަސްވީރު ބަލާނީ ތަސްވީރު ބުނާހެން!

ފުއާދު ތައުފީގު މިނަމަކީ ދިވެހި ރައްޔިތުންގެ ހިތްތަކުން ފިލައިގެން ދާނެ ނަމެއް ނޫންކަން ޔަގީނެވެ. އެ ނަމާ އެންމެ ބޮޑަށް ގުޅިފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއެވެ.

އެ އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރަމުން ދިޔައިރު އެންމެ ބާރަށް އޭރު ރައްޔިތުން ގޮވަމުން ދިޔައީ މިނިވަން މުސްތަގިއްލު އިންތިޚާބެއް ބޭއްވި ދާނެބާއެވެ؟ އަދި ބުނަމުން ގެންދިޔައީ އީސީގެ ރައީސްގެ މަގާމުގައި ހުންނެވީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ޕަޕެޓެއް ކަމަށެވެ.

އަދި އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވަމުން ދިޔަ ވާހަކައަކީވެސް ގަދަވި އަޑެކެވެ. ރައްޔިތުންގެ އެ އަޑުތަކަކީ ހަގީގަތް އެކުލެވިގެންވާ ވާހަކަތަކެއް ކަން އޭރު ބޭއްވި ރިޔާސީ އިންތިޚާބުގެ ތެރެއިން ފެނިގެން ދިޔައެވެ. އަދި އިންތިޚާބުގެ ނަތީޖާ ފުރޮޅިގެން ދިޔަ ގޮތަކީ ވެސް އޭގެ އަލިގަދަ ހެއްކެކެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލުކުރަން ޖެހުމުން، އެފަހަރު ތިންބުރަށް ވޯޓުލާން ޖެހުނެވެ. އެ އިންތިހާބަކީ، ޝައްކާއި ވަހުމުގެ ތެރެއިން އިންތިޚާބު ބާތިލްކޮށް ދެ ފަހަރެއްގެ މަތިން ވޯޓުލި ތާރީޚީ އިންތިޚާބެކެވެ. އެކަމުންވެސް ފުއާދު ތައުފީގުގެ ނަޒާހަތްތެރި ކަމާމެދު ސުވާލު އުފައްދާ އެތައް ބަޔަކު އޭނާއަށް ކުރަމުން އައި އިތުބާރަށް ހިރަފުސްބުރިއެވެ.

ކަން އެހެން އޮއްވާ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ގައުމީ ކޮންޕްލެއިންސް ބިއުރޯއަށް ތިން މަސްދުވަހުގެ މުއްދަތަށް މެންބަރުން ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާކަމުގެ ވާހަކަތަކެއް ފެންމަތިވިއެވެ.

އަދި ސުޕްރީމް ކޯޓުން 2014 ވަނަ އަހަރު ކުރި ހުކުމުކަށް ފުއާދު ތައުފީގު ނުކިޔަމަންތެރިވި ކަމަށް ނިންމާ ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. ސުޕްރީމް ކޯޓުން 2014 ވަނަ އަހަރު ކުރި ހުކުމުގައި ބުނެފައި ވަނީ 3،000 މީހުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާނުލުމަށް އެ ކޯޓުން އަމުރުކޮށްފައި ވަނިކޮށް ކޯޓުގެ އަމުރަށް އޭރު އިލެކްޝަންސް ކޮމިޝަނުން ތަބާވެފައި ނުވާ ކަމަށެވެ.

އަދި އިންތިޚާބުތައް ބާއްވަން ޖެހޭނީ ގާނޫނު އަސާސީގެ 170 ވަނަ މާއްދާގައި ބުނެފައިވާ ފަދަ އަމާން މާހައުލެއްގައިކަން ކަށަވަރުކުރުމަށްޓަކައި، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއި އަދި އެކަމާ ބެހޭ ގޮތުން ކޯޓުން ނެރެފައިވާ އަމުރުތަކަށް އިހާނާތްތެރިވެ، މީޑިއާ މެދުވެރިކޮށް ފާޅުކަން ބޮޑު ގޮތެއްގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލުވެރިން ނުކިޔަމަންތެރިކަން ދައްކައި، އަދުލު އިންސާފު ގާއިމުކުރަން ހުރަސް އަޅައި، ކޯޓު ބަދުނާމުކުރުމުގެ އިތުރުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކޯޓުގެ އިޖުރާއަތުތަކާއި އިހުތިސާސްތަކާ ދެކޮޅަށް އިހާނާތްތެރިކޮށް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވާހަކަ ދައްކާފައިވާ ކަމަށެވެ.

މި ދަންނަވާލީ ފުއާދު ތައުފީގު އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވިއިރު ކަންވެގެން ދިޔަ ގޮތުގެ ވާހަކައެވެ.

ކަންމިހެން އޮތްއިރު، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރެއްގެ ދައުރު އަންނަ މަހުގެ 24 ވަނަ ދުވަހަށް ހަމަވާތީ އެ ކޮމިޝަނަށް މެމްބަރަކު ހޮވަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތަކުގެ ތެރެއިން މަޖިލީހުން ރުހުންދީފައިވަނީ ފުއާދު ތައުފީގަށެވެ.

އަނެއްކާވެސް އެމްޑީޕީން ބޭނުންވާ ޑަންޑަކަ ޖެހޭނީ އޭރުންތާއެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އީސީއަށް ފުއާދު އައްޔަނު ކުރުމަށް ފަހު ދެން އެ ކޮމިޝަނުގެ ރައީސް ކަމަށް އޭނާ އައްޔަން ކުރާނެއެވެ. އަދި މިހާރު އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި އެމްޑީޕީ މީހުންގެ ބަހުން ނަމަ ރާގޮނޑި ޝަރީފު ސަރުކާރުގެ ބޮޑު ކުންފުންޏެއްގެ އެމްޑީއަކަށް އައްޔަން ކުރާނެއެވެ.

ވެރިކަމަށް އައުމަށް އެހީ ވެދިން މަދަދުވެރިޔާއަށްވެސް ކޮންމެވެސް ފޮނި މީރު ކަމެއް އޮންނަންވާނެތާއޭ ބުނާ އުސޫލުންނެވެ.

ކޮންމެއަކަސް ބުނެލަން މިއުޅޭ ވާހަކައަކީ ފުއާދު ތައުފީގަކީ ފަސްބައިގައި ކޮރަޕްޝަނުގެ ލައްގަޑެއް ޖެހި އަދި އަމުރަށް ނުކިޔަމަންތެރިވިކަން ސާބިތުވެފައިވާ މީހަކަށް ވާއިރު، އޭނާ އަދި އީސީގެ ރައީސްގެ މަގާމަށް އައްޔަން ކުރިޔަސް، ކަން ވާނީ ހަމަ މީގެ ކުރިންވެސް ކަން ވީ ގޮތަށް ބަލާނެ ފުރުސަތު ދިވެހި ރައްޔިތުންނަށް އޮތް ވާހަކައެވެ.

ކުރިއަށްވެސް މުހިއްމު އިންތިޚާބެއް އެބައޮތެވެ. އެހެންކަމުން މުސްކުޅިން ބުނާހެން ލަނޑަޔާ ވާނީ ލަނޑަޔާއަށޭ ބުނާ އުސޫލުން ފުއާދު ތައުފީގު އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނަވާނަމަ އެކޮމީޝަނުގެ މުސްތަގިއްލު ކަމާމެދު ސުވާލު އުފެދޭނެއެވެ.

އެހެނީ ތަސްވީރު ބަލާނީ ތަސްވީރު ބުނާހެން ކަމުގައި ވުމުންނެވެ.


 


 


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...