ރޮހިންޔާއާ ދެކޮޅަށް ގަތުލުއާންމު ހިންގި މައްސަލަ ބައިނަލްއަގްވާމީ ކޯޓަކަށް!

ރޮހިންޔާ ދަރިކޮޅަށް ނިސްބަތްވާ ކުޑަކުއްޖެއް--

މިޔަންމާ ސަރުކާރުން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި ގަތުލުއާންމުގެ މައްސަލަ، އދގެ އިންޓަނޭޝަނަލް ކޯޓު އޮޮފް ޖަސްޓިސް(އައިސީޖޭ)އަށް ހުށަހަޅައިފިއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ތާއީދާއެކު އެ މައްސަލަ، އައިސީޖޭއަށް ހުށަހަޅާފައިވަނީ ގެމްބިއާއިންނެެވެ. ގެމްބިއާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައިގައިވާ ގޮތުން މިޔަންމާއިން ވަނީ ރޮހިންޔާ ދަރިކޮޅުގެ މީހުން ދިރިއުޅޭ ރަހީން ސްޓޭޓުގައި ގިނަ އަދަދެއްގެ މީހުން ގަތުލުކޮށް، އެމީހުންގެ ގެދޮރު އެންދުން ފަދަ ލާ އިންސާނީ އަމަލުތައް ހިންގައިފައެވެ.

ގެމްބިއާއިން މިޔަންމާ ސަރުކާރާ ދެކޮޅަށް ހުށަހެޅި މައްސަލަ އައިސީޖޭއިން ބަލައިގެންފިނަމަ، އެކަން ވާނީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އެކޯޓުން ބަލާ ތިންވަނަ ގަތުލުއާންމުގެ މައްސަލައަށެވެ. މިޔަންމާގެ ރަހީން ސްޓޭޓްގައި ރޮހިންޔާ ދަރިކޮޅުގެ މީހުން ދިރިއުޅެމުން އަންނަތާ އެތައް ޒަމާނެއް ވެފައިވާއިރު، އެމީހުންނަށް މިޔަންމާގެ ރަށްވެހިކަން ދިނުމަށް އެގައުމުގެ ސަރުކާރުން ވަނީ ދެކޮޅު ހަދައިފައެވެ.

ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާގެ ސަރުކާރުން ދެކެނީ ރޮހިންޔާ ދަރިކޮޅުގެ މީހުންނަކީ އެގައުމަށް ގަވައިދާ ހިލާފަށް އެތެރެވެގެން އުޅޭ ރެފިއުޖީންތަކެއްގެ ގޮތުގައެވެ.

ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާ ސަރުކާރުން ރާވައިގެން، ލާއިންސާނީ ޖަރީމާތަކެއް ހިންގާފައިވަނީ 2017 ވަނަ އަހަރުގެ އޯގަސްޓްމަހުގައެވެ. އެގޮތުން އެއްވެސް ރަހުމެއް ނެތް އަނިޔާތަކެއް ދީ، ރޮހިންޔާ ދަރިފަސްކޮޅުގެ އެތައް ބަޔަކު މަރައި، ރޭޕް ކުރުން ފަދަ އަމަލުތައް މިޔަންމާ ސިފައިން ހިންގާފައިވެއެވެ. އެ އަނިޔާތަކަށް ކެތް ނުކުރެވިގެން ރޮހިންޔާ ދަރިކޮޅުގެ ހަތްލައްކައަށްވުރެ ގިނަ މީހުން ވަނީ ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...