ރާވާފައި އޮތީ 23 ސެޕްޓެމްބަރުގެ ފަހުން ރައީސް ނަޝީދު "ރިންގު" ގެ ބޭރުގައި ބަހައްޓަވަން: ޒަރީރު

ނިމިދިޔަ ރިޔާސީ އިންތިޚާބު ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކާމިޔާބު ކުރެއްވިއިރު ކޯލިޝަންތެރޭގައި ރާވާފައި އޮތީ ރައީސް މުހައްމަދު ނަޝީދު ރިންގުން ބޭރުގައި ބަހައްޓަވާގޮތަކަށް ކަމަށް ހައުސިންގް މިނިސްޓްރީގެ ކުރީހެ ޑެޕިއުޓީ މިނިސްޓަރ ހަސަން ޒަރީރި ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ނަޝީދަކީ ކޯލިޝަންގެ ބައިވެރިއެއްކަމަށް ރައީސް ސާލިހު ވިދާޅުވެ އެމަނިކުފާނު ދަށްކޮށްލީ ކޮން ސަބަބަކާއި ހުރެތޯ ޗެނަލް 13 އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ އެކަން އޮތީ މާކުރިން ރޭވިފައި ކަމަށެވެ. އެއީ ރައީސް ނަޝީދު ސަރުކާރުގެ އެއްވެސް ކަމަކާއި ނުބައްސާ ކޯލިޝަންގެ ރިންގުން ބޭރުގައި ބެއްހެއްޓެވުމެވެ.

"23 ސެޕްޓެމްބަރުގެ ފަހުން ހަމަ ޓަސްލާފައި މި ބޭފުޅުންގެ ހުރިހާ ސްޓްރެޓެޖީއެއް ބަދަލުވީ. މި ބަދަލުވެގެން މިދިޔައީ، ރައީސް ނަޝީދު ހުންނަވާނީ ރިންގުގެ ބޭރުގައޭ. ރިންގު ތެރެއަކަށް ރައީސް ނަޝީދަށް ވަދެވަޑައިނުގަނެވޭނެއޭ. މީގެ އާކިޓެކްޗަރުންނަކީ، ރައީސް ސާލިހާއި، ރައީސް މައުމޫނާއި، ގާސިމް އިބްރާހީމް އާއި، ޝެއިޚް އިމްރާން." ޒަރީރު ވިދާޅުވިއެވެ.

ވެރިކަން ހޯދުމަށް އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގަތީ ރައީސް ނަޝީދު ކަން ފާހަގަކުރައްވައި ޒަރީރު ވަނީ ރައީސް ސާލިހު އެފަދަ ގޮތަކަށް ވާހަކަފުޅު ދެއްކެވުމުން ދޭހަވަނީ އަދުގެ ސަރުކާރު އޮތީ ވަރަށް އެހެންކަހަލަ ފައްތަރެއްގައި ކަން ހާމަކުރައްވާފައެވެ.

"އިބްރާހީމް މުހައްމަދު ސާލިހަށް ދިވެހި ރާއްޖޭގެ ރައްޔިތުން ވެރިކަމެއް ނުދޭނެ. މިދެންނެވީ އިން ފޭވަރ އިނގޭތޯ. އެމަނިކުފާނަކީ ޕޮޕިއުލަރިޓީއެއް ހުރެގެން ވޯޓުދޭނެ މީހެއް ނޫނޭ. ބައި ޗާންސްގައި ކެންޑިޑޭސީ ލިބުމުގެ ސަބަބުން ބައި ޗާންސްގައި އިންތިޚާބު ކާމިޔާބު ކުރެވުނީ." ޒަރީރު ވިދާޅުވިއެވެ.

ކޯލިޝަންގެ ބައިވެރިއެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއިރު އެމަނިކުފާނަކީ 2018 ގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެވެ. ރައީސް ސާލިހު ވެރިކަމަށް ކުރިމަތިލެއްވީ ރައީސް ނަޝީދަށް ވެރިކަމަށް ކުރިމަތިލެއްވުމަށް އޮތް ގާނޫނީ ހުރަހެއްގެ ސަބަބުންނެވެ. އެއީ އެމަނިކުފާނު ޖަލު ހުކުމެއްގައި ހުންނަވަން ޖެހުމުންނެވެ. އެހެންކަމުން ރައީސް ނަޝީދަކީ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ރައީސް ސާލިހު ސިފަކުރެއްވުމުން ސުވާލު އުފެދެއެވެ.

މީސް މީޑީއާގައި ބައެއް ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ވެރިކަމުގައި ހުންނަވައި އެމްޑީޕީގެ ބާނީކަމަށް އެޕާޓީގެ މެމްބަރުން ބުނާ ރައީސް ނަޝީދަކީ ކޯލިޝަންގެ ބައިވެރިއެއްކަމަށް ވިދާޅުވުމުން ވެރިކަމުގައި ހުންނެވީ ކޮން ޕާޓީއެއްގެ ބޭފުޅެއް ތޯ ބަލަންޖެހެއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...