ނަޝީދުގެ މުޅި ކެބިނެޓް އިސްތިއުފާ ދެއްވީ މަޖިލީހުގެ އުނދަގޫ ބޮޑުވެގެން: މިއަދުވެސް އެހާލަތު؟

ވަޒީރުންގެ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މުޅި ކެބިނެޓު އިސްތިއުފާ ދެއްވިއެވެ. މިއަދު ފެނިގެން މިދަނީ ތާރީހު އިޔާދަވަމުން އަންނަ މަންޒަރެވެ. ވަޒީރުންގެ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުރަސް އަޅަމުން އަންނައިރު، އެކަން ކުރުވަން މިއަދު ހުންނެވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދުގެ ވެރިކަމުގައި ވަޒީރުންގެ ކެބިނެޓް އެއްކޮށް އިސްތިއުފާ ދެއްވާފައިވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 29 ވަނަ ދުވަހުއެވެ. އެދުވަހު ރައީސް އޮފީހުގައި ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ހާޒިރުގައި ކެބިނެޓްގެ 14 ވަޒީރުން ވެސް ވަނީ ރައީސް ނަޝީދަށް އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފަ އެވެ. އަދި ކޮންމެ ބޭފުޅެއްގެ ވެސް ސިޓީފުޅު ވަކިވަކިން ރައީސް ނަޝީދާއި ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ވިދާޅުވެފައެވެ.

އެ ބޭފުޅުންގެ އިސްތިއުފާއާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، އެކަން ކުރެއްވީ އެ ވަޒީރުންގެ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުން ހުރަސް އަޅަމުންގެންދަވާތީ އެ ބޭފުޅުންގެ މަސައްކަތްތައް ކުރިއަށް ގެންދެވެން ނެތިގެން ކަމަށެވެ. އަދި މިނިސްޓަރުންނަށް ކުރިމަތިވާ ހުރަސްތަކުގެ ޝަކުވާ އެބޭފުޅުން ހުށަހެޅުއްވުމުން އެމައްސަލަ މިހާރުން މިހާރަށް ވެސް އެމަނިކުފާނާއި ނައިބު ރައީސް އާ ދެ ބޭފުޅުން ވެގެން ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅުއްވައިގެން ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ "އުނދަގުލާ ހެދި" މަސައްކަތް ނުކުރެވިގެން ނަޝީދުގެ މުޅި ކެބިނެޓު އިސްތިއުފާ ދެއްވި ދުވަހު ނަޝީދު ވަނީ އަމިއްލަފުޅަށް ފުލުހުންގެ އިދާރާއަށް ވަޑައިގެން ވަޒީރުންނަށް ސަރުކާރު ހިންގުމުގައި ދަތިވެފައިވާ މައްސަލަ ތަހުގީގު ކޮށްދެއްވުމަށް އެދި އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅުއްވައިފައެވެ. މިއަދުވެސް ފެނިގެން މިދަނީ ވަޒީރުންގެ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުން ހުރަސް އަޅަމުން އަންނަ މަންޒަރެވެ.

އެގޮތުން ދެއިރު ދެދަޅަޔަށް ވަޒީރުން މަޖިލީހަށް ހާޒިރުކޮށް، ވަޒީރުންގެ މަސައްކަތަށް ހުރަސް އަޅާތަން ދަނީ ފެންނަމުންނެވެ. ވުޒާރާތައް ހިންގެވުމުގެ ބަދަލުގައި ވަޒީރުންގެ ވަގުތުތައް ހޭދަ ވެގެންދަނީ މަޖިލީހުގެ އެކި ކޮމެޓީތަކަށް މައުލޫމާތު ދެއްވުމަށެވެ. މަޖިލިސް ވަކި ސަރުކާރެއްގެ ގޮތުގައި ނަޝީދު ހިންގަވަމުން އަންނައިރު، ވަޒީރުންގެ މަސައްކަަތަށް ދަތި ކުރުމުގެ މަގްސަދާމެދުގައި ސުވާލު އުފެދެއެވެ. ނަޝީދު ބޭނުންފުޅުވަނީ ސަރުކާރު ނުހިންގިގެން ރައީސް ސޯލިހުގެ މުޅި ކެބިނެޓު އިސްތިއުފާ ދެއްވާ މަންޒަރު ދެކިވަޑައިގަންނަވަންބާއެވެ؟


ރައީސް ނަޝީދުގެ މުޅި ކެބިނެޓް އިސްތިއުފާ ދެއްވުމުން، ހަމަ އެ ހާލަތު ރައީސް ސޯލިހުއަށް ޖައްސަވަން ނަޝީދު ބޭނުންފުޅު ވުމަކީވެސް ވެދާނެ ކަމެކެވެ. ނަޝީދަކީ ވެރިކަމާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާ، މަޖިލީހުގެ ރައީސްކަންވެސް ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި ބޭފުޅެކެވެ. އެހެންނަމަވެސް އެ ތިންކަންވެސް އެންމެ ފަހުން ކުރެއްވިއެވެ. މިއަދު ސަރުކާރުގެ ދުވެލި ބަރުހެލި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނަޝީދު މަސައްކަތް ކުރައްވަނީ ސިއްރު އެޖެންޑާއެއް ނެތިއެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ވިދާޅުވި ގޮތަށް ރައީސް ސޯލިހު ނަޝީދުގެ ވެރިކަން "ފޭރިގެންފައިވާ ކަމަށް" ނަޝީދުވެސް ގަބޫލުފުޅު ކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބަދަލު ހިއްޕެވުމެ ރޫހުގައި، ރައީސް ސޯލިހުގެ ސަރުކާރަށް "ދުއްތުރާ" ކުރުމަކީ ނަޝީދުގެ އެންމެ މުހިންމު އެޖެންޑާއެވެ. އޭގެ ހެއްކަކީ އެމްޑީޕީގެ ސުޕަ މެޖޯރިޓީއާއެކުވެސް، އެމްޑީޕީގެ ސަރުކާރުގެ މަސައްކަތްތަކަށް މަޖިލީހުގެ އެއްބާރުލުން ނުލިބުމެވެ. މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންވެސް ސަރުކާރަށް ފާޑު ކިޔުމެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...