އެންމެ ފަހުން ރައީސް ޔާމީންގެ ޝަރީއަތް ކުރިޔަށް ގެންދަން ބެންޗެއް އެކުލަވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑާ ކުރިކަމަށް ބުނެ ދައުލަތުން ކުރާ ދައުވާގެ ހުކުމާ ހިސާބަށް ވާސިލްވެފައި ވަނިކޮށް، އެ މައްސަލަ ބެލުމަށް ބެންޗެއް އެކުލަވާލުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަލީ ރަޝީދު ސޮއިކުރައްވާ ނެރުއްވި ބަޔާނެއްގައި ވަނީ ރައީސް ޔާމީންގެ ޝަރީއަތް އެއް ގާޟީއަކު ބެލުމުގެ ބަދަލުގައި ގާޟީންގެ ބެންޗަކުން ބަލައި ދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން މައްސަލައިގެ އިބްތިދާއީ މަރުހަލާގައި އެދިވަޑައިގެންފައި ވާނެ ކަމަށެވެ. އަދި މިހާރު ވެސް އެކަން އެގޮތަށް ހަމަޖެއްސެވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެ ރައީސް ޔަމީންގެ ފަރާތްޕުޅުން ހުށައަޅުއްވާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެހެން ކަމުން އެ މައްސަލަ ބަލަން ނިންމާފައި ވަނީ ފަސް ގާޟީންގެ ބެންޗަކުން ކަމަށް އެ ބަޔާނުގައި ވެއެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޟީ އަލީ ރަޝީދާއި، ގާޟީ އަހުމަދު ޝަކީލާއި ގާޟީ މުހައްމަދު ސަމީރާއި ގާޟީ އަލީ އާދަމް އަދި ގާޟީ ހުސެއިން ފާއިޒް ރަޝާދެވެ.

ރައީސް ޔާމީން މަނީ ލޯންޑާ ކުރިކަމަށް ބުނެ ދައުލަތުން ކުރި ދައުވާގެ ހުކުމް ކުރުމަށް މި މަހުގެ 5 ވަނަ ދުވަހުގެ 13:00 ގައި ކްރިމިނަލް ކޯޓުގައި ތަވާލުކޮށްފައި ވަނިކޮށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހާޒިރުކޮށް ހުކުމް ކުރުމުގެ 5 ގަޑިއިރު ކުރިން ވަނީ ސަސްޕެންޑް ކޮށްފައެވެ. އެއާ އެކު ހައިލަމް ވަނީ އޭނާއަށް ސަރުކާރުގެ އިސް ފަރާތްތަކެއް ނުފޫޒު ފޯރުވައި ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމަށް އެންގިކަން ހާމަކޮށް ބަޔާނެއް ނެރުއްވާފައެވެ. ނަމަވެސް އެއީ ކޮން ބައެއްކަމެއް ހައިލަމް ވިދާޅެއް ނުވެއެވެ.

ހައިލަމް ބަޔާން ނެރުއްވިތާ މާގިނައިރެއް ނުވަނީސް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވަނީ ރައީސް ޔާމީން ޖަލަށް ލުމުގެ ކަށަވަރުކަން ބޭނުންވާކަމާއި ނުވާކަމުގެ މައްޗަށް ޓުވިޓަރގައި ޕޮލް އެއް ހުޅުވާލާފައެވެ. އަދި ރައީސް ޔާމީން ޖަލަށް ލާނެ ކަމުގެ ޔަގީންކަން ހޯދަން ސަރުކާރުގެ ވެރިން މަސައްކަތް ކުރެއްވިކަމަށް ހައިލަމް ވިދާޅު ވުމުން މަހުލޫފް ވަނީ އެ ވާހަކަތަކުގެ ދަލުގައިވެސް އަމިއްލަފުޅަށް ޖެހިވަޑައިގެންފައެވެ.

މިއީ އިސް ގާޒީ ހައިލަމް ދެއްކެވި ވާހަކަތަކަށް ލިބުނު އިތުރު ބާރެއް ކަމުގައި ގިނަބަޔަކު ދެކެއެވެ. ޖޭއެސްސީއިން ގާޒީ ހައިލަމް ސަސްޕެންޑް ކުރުމަށްފަހު މިމަހުގެ 7 ވަނަ ދުވަހު ހައިކޯޓަށް ފަނޑިޔާރު ހާތިފް ހިލްމީ އާއި ހުސެއިން މަޒީދު އައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު ނަޝީދުގެ ކުރީގެ ލޯޔަރު އަދި ޖޭއެސްސީ މެމްބަރު ހިސާން ހުސެއިން ވަނީ ޖުމްލަގޮތެއްގައި ހުރިހާ ފަނޑިޔާރުންނަށް އިންޒާރުދީ ބިރު ދައްކާ ފާޑަކަށް ވާހަކަ ދައްކަވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...