"މަޖިލީހުގެ ތެރެއިން ދުވަނީ ނުބައި ވަސް، ބަނގުރާ ބުއިން މަނާކުރަން ޖެހޭ"

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ބަނގުރާ ހިއްޕަވައިގެން ވަޑައިގެންނަވާ ބައެއް ބޭފުޅުންގެ އަރިހުން ވަރަށް ނުބައި ވަސް ދުވާ ކަމަށާއި، ރާ ހިއްޕަވައިގެން މަޖިލީހަށް ވަނުން މަނާ ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަކީ ވަގެއް ކަމަށާއި، އެމަނިކުފާނަކީ ވެރިކަން ފޭރިގަތުން ފަދަ ކަންކަމުގައި ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ބޭފުޅެއް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ވިދާޅުވެފައެވެ.


އަދި ރައީސް ސޯލިހު ރިޝްވަތު ދެއްވާ ކަމަށްވެސް ޖާބިރު ތުހުމަތު ކުރެއްވިއެވެ. ޖާބިރުގެ ވާހަކައަށް ހުރަސް އަޅުއްވައި، ނިޒާމީ ނުކުތާއެއް ނެންގެވުމަށްފަހު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ބަނގުރާ ހިއްޕަވައިގެން ވަޑައިގަންނަވާ ބައެއް ބޭފުޅުންގެ އަރިހުން ވަރަށް މުޑުދާރު ނުބައި ވަސް ދުވާ ކަމަށެވެ. އަދި ރާ ހިއްޕަވައިގެން މަޖިލީހަށް ވަނުން މަނާ ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ވިދާޅުވީ ކޮން މެންބަރުންނެއްގެ ވާހަކައެއް ކަމެއް ސާފުކޮށެއް ނުދެއްވައެވެ."އިއްޒަތްތެރި ރައީސް، މިތަނަށް މިކަހަލަ މީހުން އައިސް ބޮއެގެން މިތިބީ، ވަނުން މަނާ ކުރަންވީ. މި މަޖިލީހުގައި، މިތާ ކާރީ ތިބި މީހުންނަށް ތިބެވޭ ވަރެއް ނޫން" ނާޝިޒު ވިދާޅުވިއެވެ.

ނާޝިޒަށް ރައްދު ދެއްވައި، ޖާބިރު ވިދާޅުވީ އޭނާއާއި، އޭނާގެ އަނބިމީހާ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމަށް ބަނގުރަލުގެ ވާހަަކަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަަމަށެވެ.

ބަނގުރާ ހިއްޕަވައިގެން މަޖިލީހަށް ހާޒިރު ނުވެވޭނެ ގޮތް ހަދަން ޖެހޭ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު ވިދާޅުވިއިރު، މަޖިލީހުގައި އަލްކަހޯލް ބްރީތު ޓެސްޓް ހެދޭނެ ނިޒާމެއް ގާއިމު ކުރަން ފެންނަ ކަމަށް މެމްބަރު ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...