އެމްޑީއެން އުވާލަން ނިންމިކަން އަންގާފައެއް ނެތް- ޝަހިންދާ

އެމްޑީއެންގެ އެގްޒެކެޓިވް ޑައިރެކްޓަރު ޝަހިންދާ އިސްމާއީލް

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާއި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލައިގައި ޔޫތު މިނިސްޓްރީ އިން އެ ޖަމްއިއްޔާ އުވާލަން ނިންމިކަން އަންގާފައި ނުވާކަމަށް އެމްޑީއެންގެ ފައުންޑަރ މެމްބަރު ޝަހިންދާ އިސްމާއީލް ބުނެފިއެވެ.

އޭނާ ޓުވީޓެއްކޮށް ބުނީ އެމްޑީއެންގެ އެއްވެސް މެމްބަރަކަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާއަކުން އެ ޖަމްއިއްޔާ އުވާލަން ނިންމިކަން މިހާތަނަށް އެއްވެސް ސިފައެއްގައި ނާންގާ ކަމަށެވެ. މީގެ އިތުރުން އެމްޑީއެންގެ ސީނިއަރ ލީގަލް އޮފިސަރ މުޝްފިގް މުހައްމަދުވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. 

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފެންމަތިވުމާއެލި ފުލުހުންގެ ތަހުގީގެއް ހިންގަން ނިންމި ހިސާބުން ޔޫތު މިނިސްޓްރީ އިން އެ ޖަމްއިއްޔާ ވަގުތީގޮތުން ސަސްޕެންޑް ކުރީ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހުގައެވެ. ފުލުހުންގެ ތަހުގީގު ނިންމުމަށްފަހު އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފް އަދި ހައްދުފަހަނައަޅާފައިވާ ލާދީނީ ކޮންޓެންޓު އެ ރިޕޯޓުގައި ހުރިކަމަށް އެ އިދާރާއިން ނިންމައި ތަހުގީގު ރިޕޯޓް ޔޫތު މިނިސްޓްރީއަށް ފޮނުވުމާއި ގުޅިގެން ޖަމްއިއްޔާ އުވާލުމަށް އެ މިނިސްޓްރީ އިން ނިންމީ ހިނގަމުން މިދާ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގައެވެ.

އެ މިނިސްޓްރީ އިން އެކަން އަންގާފައިވަނީ ނޫސް ބަޔާނެއް ނެރުމަށްފަހުގައެވެ. އެނޫސް ބަޔާނުގައި ވާގޮތުން އެމްޑީއެން އުވާލަން އެޖަމްއިއްޔާއަށް ނޮވެމްބަރު މަހުގެ 5 ދުވަހު އަންގާފައިވެއެވެ. އަދި ދަރަންޏާއި މުދަލުގެ އެންމެހައި ކަންކަން ނިންމުމަށް އެ ޖަމްއިއްޔާއަށް 45 ދުވަހުގެ މުހުލަތެއް ކަނޑައަޅައި އެކަން އަންގާފައިވާނެކަމަށްވެސް އެބަޔާނުގައި ވެއެވެ.

އެހެން ނަމަވެސް އެފަދަ އެއްވެސް އެންގުމެއް އަންގާފައި ނުވާކަމަށް ޝަހިންދާ އިސްމާއިލް ބުނުމުން ސަރުކާރުގެ ނިޔަތާއި މެދު އާންމުންގެ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އެފަރާތްތަކުން ބުނަމުން ދަނީ ލާދީނީގޮތުން ހައްދުފަހަނައަޅާފައިވާ ބަޔަކު ރިޕޯޓެއް ނެރުނު މައްސަލައިގައި ދެމަސް ދުވަސް ވެގެން ދިޔައިރު ހަރުދަނާ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނީ ދައުލަތުގެ ތެރޭގައި އެމްޑީއެން ފިކުރުގެ މީހުން ތިބުމުގެ ސަބަބުންނެވެ. އަދި އެމީހުންނަކީ ރައީސް ސާލިހާއި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އާއިލާއާއި ގުޅިފައިވާ ބައެއްކަމަށްވުމުން ޖަމްއިއްޔާ އުވާލިޔަސް އެފަރާތްތަކާއި މެދު ސަރުކާރުން ފިޔަވަޅު ނާޅާނެކަމަށްވެސް އާންމު ފަރާތްތަކުން ދަނީ ބުނަމުންދެއެވެ.

އެމްޑީއެން އުވާނުލައި އެ ޖަމްއިއްޔާގެ މެމްބަރުންނަށް ފިޔަވަޅު ނާޅައި ސިޔާސީ ބޭނުމަށް ފަނޑިޔާރުންނަށް ފިޔަވަޅު އެޅޭއިރު ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފެއްދުމުގެ ޖާގަ އޮތްކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ. އެމްޑީއެންގެ އިސް ފަރާތްތަކަށް ބަލާއިރު ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު އާއި އެ ޖަމްއިއްޔާގެ ޗެއަރޕަރސަން އަދި ރައީސް އޮފީހުގެ އެންޓި ޓެރަރިޒަމް ކޮންސަލްޓެންޓް ނޫޝިން ވަހީދު ހިމެނެއެވެ.

އެ ޖަމްއިއްޔާގެ މައްސަލަ ފެންމަތިވުމުން ސީޕީ މުހައްމަދު ހަމީދާއި ރައީސް އޮފީހުގެ އެންޓި ޓެރަރިޒަމް ކޮންސަލްޓަންޓް، ނޫޝިން ވަހީދު ވަނީ އެ ޖަމްއިއްޔާއިން އިސްތިއުފާ ދީފައެވެ. ނަމަވެސް ގިނަ ފަރާތަތަކުން ގޮވާލަމުން ދަނީ ސީޕީ ހަމީދު އަދި ނޫޝިން ސަރުކާރުގެ މަގާމުން އިސްތިއުފާ ދޭންޖެހޭ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...