ފޮނުވި ސިޓީއާ އުއްތަމަ ފަނޑިޔާރު ހަވާލުވެވަޑައި ނުގެންނެވި: ޖޭއެސްސީ

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ

ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހާޒިރުވާން އަންގާ، އެ ކޮމިޝަނުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއަށް ފޮނުވި ސިޓީއާ އެމަނިކުފާނު ހަވާލުވެޑައިގެންފައި ނުވާ ކަަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ޖޭއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން އެ ކޮމިޝަނަށް ހާޒިރުވާން އަންގާ ފޮނުވި ސިޓީ ހަވާލުކުރަން އެކޮމިޝަންގެ މުވައްޒަފެއް އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެ ކޮޅަށް ގޮސް އޭނާގެ އައިޑީ ކާޑު ދައްކާ އޭނާއަކީ ޖޭއެސްސީގެ މުވައްޒަފައް ކަން ކަށަވަރު ކޮށްދިން ކަމަށެވެ.

ޖޭއެސްސީން އެހެން ބުނެފައިވަނީ އެ ކޮމިޝަނުގެ ލިޔުމެއް އުއްތަމަ ފަނޑިޔާރާ ހަވާލުކުރުމަށްޓަކައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް "ގޮތް ނޭނގޭ" މީހަކު ވަންނަން މަސައްކަތް ކުރި ކަމަށް މީޑިއާގައި ރިޕޯޓްކޯށްފައި ވަނިކޮށެވެ.

ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރާ ހަވާލު ކުރަން ދިޔައީ، އެ މަނިކުފާނުގެ ސުލޫކީ މައްސަލައަކާ ގުޅިގެން ތަހުގީގު ކޮމިޓީ އަށް ހާޒިރުވެވަޑައިގަތުމަށް އަންގައި ފޮނުވި ނޯޓިސް ކަމަށެވެ. އެހެންނަމަވެސް އެ ނޯޓިސްއާ އެމަނިކުފާނު ހަވާލުވެވަޑައި ނުގަންނަވައި އެނބުރި ގެކޮޅަށް ވެންނެވީ ކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ.

އެ ކޮމިޝަނުން ބުނީ އުއްތަމަ ފަނޑިޔާރު އެހެން އަމަލު ކުރެއްވި ނަމަވެސް އެ ކޮމިޝަނުން ބަލަމުންދާ ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރެއްގެ މައްސަލައިގައި ވެސް ތަހުގީގު ކޮމިޓީއަށް ހާޒިރުވުމަށް ނޯޓިސް ދިނުމުން އެއާ ހަވާލުވެ ވަޑައިގެންފައިވާ ކަމަށެވެ.

އެ ފަނޑިޔާރަކީ އުއްތަމަ ފަނޑިޔާރު ވެސް ދިރިއުޅުއްވާ އިމާރާތުގައި ހުންނަ އެހެން އެޕާޓްމަންޓެއްގައި ދިރިއުޅުއްވަމުން ގެންދަވާ ފަނޑިޔާރެކެވެ. ސުޕްރީމު ކޯޓުގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ ލިޔުން ހަވާލު ކުރަން އުޅުނީ ޖޭއެސްސީގެ ފަރާތުން ދިޔަ ބައެއް ނުވަތަ މީހަކު ކަމަށް އެ ކޮމިޝަނުން ބުނި ނަމަވެސް އެކަން ޔަގީން ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

އަދި ބަންދު ދުވަހެއްގައި އެ ކޮމިޝަނުން އުއްތަމަ ފަނޑިޔާރާ ހަވާލު ކުރަން ޖެހޭނެ ފަދަ ލިޔުމެއް އޮވެދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ގިނަ ފަނޑިޔާރުންގެ މައްސަލަތަކެއް މިހާރުވެސް އަންނަނީ ބަލަމުންނެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރެއްގެ ޖުމުލަ 51 މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...