ސިޔާސީ ގޮތުން ރައީސް މައުމޫނު ފަދަ ބޭފުޅުން ދެއްވާ މެސެޖު ތަކަށް ފާރަވެރިވާން ޖެހޭ: ތޯރިގު

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު

ސިޔާސީ ގޮތުން ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމު ފަދަ ބޭފުޅުން ދެއްވާ މެސެޖުތަކަށް ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމަށް ކުރަމުން އަންނަ ސިޔާސީ އަނިޔާ ހުއްޓާލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަން 3 އަހަރާއި ދުވަސްކޮޅެއް ފަހުން ނިމުމަކަށް އައިއިރު، މިހާރުގެ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އެއް އަހަރާއި ކުޑަ ދުވަސްކޮޅެއް ފަހުން ނިމެން އަންނަ ކަމަށެވެ. އަދި ވިދާޅުވީ، ކުރިއަށް އޮތް އިރުވައި މޫސުމުގެ ހަޅަ އަށް ފަހު އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރު ނިމުމަކަށް އަންނާނެ ކަމަށެވެ.

ތޯރިގު އިތުރަށް ވިދާޅުވީ ސަރުކާރުން ވެރިކަން ހޯދީ ކޯލިޝަނެއްގެ ތެރެއިން ކަމަށާ އެހެން ކަމުން އެ ކޯލިޝަނުގެ ކޮންމެ ބައިވެރިޔަކުވެސް ނުވަތަ ލީޑަރުވެސް ސިޔާސީ ގޮތުން ދައްކަވާ ކޮންމެ ވާހަކަ އަކީ އެ ވާހަކައާ މެދު ފާރަވެރިވާން ޖެހޭނެ ވާހަކަ ކަމަށެވެ.

ތޯރިގު މިހެން ވިދާޅުވެފައިވަނީ މިހާރު ރާއްޖޭގައި އަމަލު ކުރަމުން ދަނީ ވެރިކަމުގެ ކޮން ނިޒާމަކަށް ކަމާމެދު ސުވާލު އުފައްދަވައި، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު އަބްދުލް ޤައްޔޫމު ވާހަކަފުޅު ދައްކަވާފައިވާ ދަނޑިވަޅެގައެވެ.

އެގޮތުން ރައީސް މައުމޫނު ވިދާޅުވެފައިވަނީ މިހާރު ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމުގެ ތެރެއިން ރިޔާސީ ނިޒާމެއްގެ ސިފަތައް ނުފެންނަ ކަމަށެވެ. އަދި ރާއްޖެއަށް އެންމެ ކަމުދަނީ ރިޔާސީ ނިޒާމެއް ކަމުގައިވެސް މައުމޫން ވިދާޅުވިއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...