ސަރުކާރަށް އަހަރުވާ ދުވަހާ ދިމާކޮށް ރައީސް ޔާމީންގެ ޝަރީއަތް ތާވަލުކުރުމަކީ ރޭވުމެއް- އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑު އެހުމެއް، މި ސަރުކާރަށް އަހަރުވާ ދުވަހަށް ތާވަލު ކުރީ ރާވައިގެން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް ޔާމީން ޖަލަށްލާނެ ކަމުގެ ޔަގީންކަން ބޭނުންތޯ ސުވާލުކޮށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ޓްވިޓާގައި ޕޯލެއް ކުރިއަށް ގެންދަވާފައިވާ ކަމަށެވެ.

އަދި ގާޒީންނަށް ގުޅާ ވާހަކަ ދެއްކެވި ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އިއުތިރާފުވެ ވަޑައިގެންފައިވާ ކަމަށާ އެ ފަދަ ކަންކަމުން ހެކި ދެނީ މި ސަރުކާރުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ މިންވަރު ކަމަށް ވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމު ވިދާޅުވީ، ރައީސް ޔާމީން ހައްޔަރުކޮށް ޖަލަށްލުމަކީ މި ސަރުކާރުން ވެފައިވާ ސިޔާސީ ވައުދެއް ކަމަށެވެ. އެގޮތުން ސަރުކާރަށް އަހަރު ފުރޭ ދުވަސް ކަމުގައިވާ، ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހަށް، ޝަރީއަތް ތާވަލު ކުރުމަކީ އިއްތިފާގެއް ނޫން ކަމަށާ އެ ދުވަހު ރައީސް ޔާމީނަށް ހުކުމްކޮށް އުފާ ފާޅުކުރުން ކުރިއަށް ގެންދިއުމަށް މިހާރުއްސުރެ ވެސް ސަރުކާރަށް ތާއީދުކުރާ ބަޔަކު ތިބީ ތައްޔާރު ވެގެން ކަމަށް އަބްދުއްރަހީމު ވިދާޅުވިއެވެ.

އަބްދުއްރަހީމު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމްޑީޕީގެ އިސް ލީޑަރޝިޕުގައި ތިއްބެވި ބޭފުޅުން އެންމެ ހަރު އަޑުން ދައްކަވަމުން ގެންދެވި ވާހަކަ އަކީ ރައީސް ޔާމީން ދިގު މުއްދަތަކަށް ޖަލަށް ލާނެ ވާހަކައެވެ.

އަދި އެއީ "ޕާޓީ ކުދިން" ރުއްސުމަށްޓަކައި ރައީސް ސޯލިހު ވެވަޑައިގެންފައިވާ މުހިންމު ވައުދެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ސިފަ ކުރެއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...