ރައީސް ސާލިހު އުއްތަމަ ފަނޑިޔާރަށް ރައްދު ދެއްވައިފި

ގާނޫނު އަސާސީ ރަނގަޅަށް އެނގިވަޑައިނުގަންނަވައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު އުއްތަމަ ފަނޑިޔާރު ޑރ.އަބްދުﷲ ދީދީ އާއި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ، ގާނޫނު އަސާސީގެ 5 ވަނަ މާއްދާގައި ބުނާގޮތުން ދިވެހި ދައުލަތުގައި އޮންނާނީ ދުސްތޫރީ ސިޔާދަތެއް ކަމުގައެވެ.

އަދި އޭގެ މާނައަކީ ދިވެހި ދިދައިގެ ދަށުވެގެން އުޅޭ އެކަކުވެސް ގާނޫނު އަސާސީއިން އެމީހަކަށް ނުލިބޭ ބާރެއް، ލިބިފައި ނުވާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އެހެން ނަމަވެސް ގާނޫނު އަސާސީގެ 5 ވަނަ މާއްދާގައި ބުނަނީ ދިވެހި ރާއްޖޭގައި ގާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.

އެހެން ކަމުން ރައިސް ސާލިހު ގާނޫނު މާނާކުރައްވާ ގޮތާއި ގާނޫނު އަސާސީގައި ލިޔެފައިވާ ގޮތާއި ދިމަލެއް ނުވެއެވެ. އެމަނިކުފާނު އެ ވިދާޅުވާ މާއްދާއަކީ ގާނޫނު އަސާސީގެ 8 ވަނަ މާއްދާއެވެ. އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނު ކަމުގައި ވިޔަސް ދައުލަތުގެ އަނެއް 2 ބާރު ކަމުގައިވާ ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ވެރިން ކަމުގައި ވިޔަސް އެއްވެސް ފަރާތަކަށް ގާނޫނު އަސާސީގެ މަތީގައި ނުހުރެވޭނެ ކަމަށެވެ.

މިފަހަކަށް އައިސް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި ރައީސް ސާލިހަށް ތާއީދު ކުރާ ފަރާތްތަކުގެ މެދުގައި ވަނީ ހައިޖާނު އުފެދި ދެ ބާރުގެ މެދުގައި އެއް ބާރުން އަނެއް ބާރަށް އަރައިގަތުމުގެ ސަގާފަތް އާލާވެފައެވެ. މީގެ އިތުރުން ރައީސް ނަޝީދު އިސްވެ ހުންނަވައި ސަރުކާރުގެ ސިޔާސަތުގެ ތެރެއަށް ނުފޫޒު ފޯރުވައިފައިވާކަމަށް ރައީސް ސާލިހުގެ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.

އަދި ޖުޑީޝަލް ސަރވިސް ކޮމިޝަން ބޭނުން ކުރައްވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ބިރުދެއްކުމުގެ ސަގާފަތެއް ރައީސް ނަޝީދުގެ ފަރާތުން ފެންނަމުންދާކަމަށްވެސް އެބޭފުޅުން ވިދާޅުވެއެވެ.


ދާދި ފަހުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް މަގާމުން އެކަހެރިކޮށް 60 ދުވަހު ގޭގައި މަޑުކުރެއްވުމަށް ޖޭއެސްސީ އިން ނިންމާފައެވެ. ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑާ ކުރިކަމަށް ބުނެ ދައުލަތުން އުފުލާފައިވާ ދައުވާގެ ހުކުމް ކުރުމަށް 5 ގަޑިއިރަށް ވެފައި ވަނިކޮށްކަންވެސް ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...