ބިޝާމާއި ރިޔާޒް ތިބެގެން ބަލަން މިއުޅެނީ ކޮން ކަމެއް؟

"ޕީޖީއަކަށް ބިޝާމް ބަހައްޓަންޏާ ދެން މި ދައުލަތުގައި ގޯސް އެކަކު ވެސް ނުހުންނާނެ،" މިއީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް ނިންމައިލި ވަގުތު މެމްބަރަކު ވިދާޅުވި ވާހަކަ އެކެވެ. އެ މެމްބަރު އެހެން ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް ކަމުގެ މަގާމުން އައިޝަތު ބިޝާމް ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ފަހު މައްސަލަ އަނބުރާ ނެގި ދުވަހު އެވެ.

ޕީޖީ ބިޝާމްގެ ވާހަކައަށް ދިޔުމުގެ ކުރިން އެހެން ބޭފުޅެއްގެ ވާހަކައަށް ޖެހިލާނަމެވެ. ބިޝާމްގެ ވާހަކަ ދެއްކެން އަންނަނީ އޭނާގެ ވާހަކައަށްފަހުގައި ކަމަށް ވާތީއެވެ.
ދެހާސް ފަނަރަ ވަނަ އަހަރުގެ ފަހު ކޮޅު އެމްއެމްޕީއާރުސީ މައްސަލަ ފެންމަތިވުމުން ފުލުހުން ތަހުގީގުގެ ބޮޑު މީހަކަށް ހުރެ އަމަލީ ގޮތުން ތަހުގީގުގައި ބައިވެރިވެ މުޅި މައްސަލަ ތަހުގީގުކޮށް ނިންމާލީ މިހާރުގެ އެސިސްޓަންޓް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒެވެ.

އޭރުގެ ތަހުގީގު ފުރިހަމަ ނުވާކަމަށް ބުނެ އެސެޓް ރިކަވަރީ ކޮމިޝަނުގެ ނަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮމިޝަނެއް ހަދައިގެން އެމައްސަލަ އަލުން ބަލަން ނިންމިއެވެ. އެކަމަކު އެމައްސަލައިގެ ތަހުގީގު އަނެއްކާވެސް ކުރަމުން އަންނަނީ ރިޔާޒް އިސްވެ ހުންނަވައިގެންނެވެ.

އެނގިފައިވާ ގޮތުގައި ކޮމިޝަނުގެ އެހެން މެމްބަރުންގެ ބައިވެރިވުމެއްވެސް ތަހުގީގަކު ނެތެވެ. އެގޮތުން ރިޔާޒާއި ބިޝާމްގެ މަގާމު ދިފާއުކުރާ ހަތިޔާރަކަށް އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަ މިވަނީ ހަދާފަ އެވެ.

އެސެޓް ރިކަރަވީ ކޮމިޝަނުގެ ތަހުގީގު ކުރިއަށްދާ ގޮތާ މެދު ކޮމިޝަނުގެ މެމްބަރުން އަދި އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން ވެސް ހިތްހަމަ ނުޖެހޭކަން ވަނީ އެނގިފަ އެވެ. މެޑަލް ޖެހުމައްޓަކައި ސީޔާސީ ހުރިހާ ލީޑަރުންގެ އަބުރު ނަގާލަން ލިސްޓެއް ހަދައިގެން ކޮންމެކަމަކަށް އެމްއެމްޕީއާރު.ސީ ބޭނުންކޮށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު ގައްސާން މައުމޫން މެންފަދަ އެތައް ބޭފުޅުންނެއް ފްރޭމް ކުރުމުގެ މަސައްކަތް މިސަރުކާރަށް ކޮށްދެނީ މި އޭސީޕީ ރިޔާޒް އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރިޔާޒް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަކި ކުރެވުނީ ފުލުހުންގެ ސިއްރު މައުލޫމާތު އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވި އަބްދުﷲ ރިޔާޒްގެ ފޯނުން ފެނުމުންނެވެ.

އެ މައުލޫމާތުތައް އޭނާ އަބްދުﷲ ރިޔާޒަށް ފޮނުވީ ރިޔާޒް އިސްތިއުފާދެއްވި ފަހުންކަން ފާހަގަކޮށްލެވެއެވެ. ފުލުހުންގެ ވަޒީފާއިން ވަކި ކުރީމަ އޭނާ އުޅުނީ އަބްދުﷲ ރިޔާޒް އަދި ގާސިމް އިބްރާހިމްގެ މުސާރަވެރިއެއްގެ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރު ވައްޓާލުމަށް ރޭވުންތައް ރާވަމުންކަމަށް އެތައް ބަޔަކު ބުނަމުންދިޔައެވެ.

މިފަހަރުވެސް އެމް.އެމް.ޕީ.އާރު.ސީގެ ތަހުގީގުތަކުގައި އޭސީޕީ ރިޔާޒް ބޭނުން ވާ ބަޔަކު ދަނީ ސަލާމަތްކޮށް ހިތްޕުޅާނުވާ ބަޔަކު ދަނީ ބައްދަމުންނެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ހުންނަނީ މީނާގެ ދަށުވެފައެވެ.

ދެންއޮތީ ޕީޖީ ބިޝާމްގެ ވާހަކައެވެ. އެމްޑީޕީގެ ބަހުން ނަމަ އެމީހުންނަށް އަނިޔާކުރި ބިޝާމެވެ. ސިޔާސީ ދައުވާ އުފުލި ބިޝާމެވެ. ނުހައްގުން ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި އެމްޑީޕީގެ އިސް ފަރާތްތައް ޖަލަށް ލުމަށް ދުރާލާ ރާވާއިގެން ޝަރީއަތަށް މައްސަލަ ހުށައެޅި ބިޝާމެވެ.

ނަމަވެސް އެމްޑީޕީއަށް ވެރިކަން ލިބި މަޖިލިސް މެޖޯރިޓީ ލިބި މުޅި ޖުޑިޝަރީގެ ތެރެއަށް ކޮނޑުހުޅާ ހަމަޔަށް އަތް ބާނާއިރުވެސް ބިޝާމް ބޭރުކޮށްލެވޭ ގޮތެއް ނުވެއެވެ. އެދުވަހު ގޯސްވި ބިޝާމް އެމްޑީޕީއަށް މިއަދު ފެންނަނީ ފިނިފެންމަލުގެ ބަގީޗާއެއް ފަދައިންނެވެ.

ސަނާވެސް ކިޔަނީއެވެ. ސާބަހޭ ބިޝާމޭވެސް ގޮވަނީއެވެ. އެމްޑީޕީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު މޫސާ ސިރާޖް ބިޝާމް މަގާމުން ދުރުކުރަން ނުކުރާ މަސައްކަތެއް ނެތެވެ. ނަދުރުވެސް ބުނަނީއެވެ. ކަދުރުވެސް ބަހަނީއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މަޖިލިސް މެމްބަރުވެސް ބިޝާމް ބޭރުނުކުރެވިގެން މަޖިލިސް ތެރޭގައި އަށަކާޖެހި އަށެއް އަޅައި ފަރި ހިނގުމެއް ދައްކަނީއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި "ޕީޖީ މަގާމުން ވަކި ކޮށްދީ" މިހެން ލިޔެފައި އޮތް ކަރުދާސްކޮޅެއް އޮންނަތާ އެތައް ދުވަހެއް ފާއިތުވެ ގޮސްފިއެވެ.

ފަހަރުގައި ރައީސް ސޯލިހު ނުވަތަ ރައީސް ނަޝީދު ބޭނުންފުޅުވާގޮތަށް ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާރ ކުރި ކަމަށް ބުނާ ދައުވާ ކޮށްދިނީމާ އޭނާ މަގާމުގައި ބެހެއްޓީކަމަށް ވެދާނެއެވެ. އެއީ އެމްޑީޕީއެއިން އިންތިހާއަށް ކުރަން ބޭނުންވާކަމެކެވެ.

އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނަތްތެރި ވި ކަމުގެ ތުހުމަތު ކުރެވޭ 200 އަށްވުރެ ގިނަ ފަރާތްތައް ތިބި އިރު ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް އެމްޑީޕީ އިން ބުނަމުންދަނީ ރައީސް ޔާމީން އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ.

ނަމަވެސް ރައީސް ޔާމީންގެ ޝަރީއަތް ނިމި ހުކުމާ ހިސާބަށް ދިޔައިރުވެސް އެމަނިކުފާނު މަނީ ލޯންޑާ ކުރިކަމަށް ދައުލަތައް ސާބިތު ކޮށްދެވިފައި ނުވާކަމަށް ޝަރީއަތް ލައިވްކޮށް ބެލި ގިނަ މީހުންދަނީ ބުނަމުންނެވެ.

ޚުދު އެމްޑީޕީގެ ބައެއް މީހުންވެސް ބުނަނީ ގޮވީ އަތަށް ކަމަށެވެ. އަދީބުގެ މައްޗަށްވެސް އެމްއެމްޕީއާރުސީގެ މައްސަލައިގައި 7 ދައުވާއެއް ބިޝާމް ވަނީ އުފުލާފައެވެ. ކޮންމެ ސަރުކާރެއް އޮތަސް ޕީޖީ ބިޝާމް އަދި އޭސީޕީ ރިޔާޒް ބަލަނީ މަގާމުގައި ތިއްބަވައިގެން ގެޔަށް ގެންދަވަން ލިބޭ މުސާރަ ހަލާލުކުރެވޭތޯއެވެ. ނަމަވެސް އެއީ އެގޮތަށް ވާނެ ކަމެއް ނޫނެވެ.

ކަން މިހެން ހުރުމާއެކު ޕީޖީ ބިޝާމް އަދި އޭސީޕީ ރިޔާޒް ކުރާ ތަހުގީގުތަކާއި ދައުވާތައް ހުންނަނީ އިންސާފުން އެއްކިބާވެ ދެކޮޅު ނުޖެހޭހިސާބުގައެވެ. އަދުލު އިންސާފް ހޯދައިދޭން ވަޑައިގެންނެވި ރައީސް ސާލިހު، ރައީސް ނަޝީދު، ރައީސް ނަޝީދުގެ ލޯޔަރު އަދި ޖޭއެސްސީގެ މެމްބަރު ހިސާން ހުސެން، އިމްތިޔާޒް ފަހުމީ އަދި ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު މިވަނީ ބިޝާމް އާއި ރިޔާޒްގެ ދަށުވެ އިންސާފޭ ކިޔައިގެން އަނގަ ހުޅުވާލަން ވެސް ލަދުގަންނަ ހިސާބަށް ގޮސްފައެވެ. ބިޝާމާއި ރިޔާޒު މަގާމުގައި ތިބެގެން ބަލަން މިއުޅެނީ ކޮންކަމެއްތޯއެވެ؟ ބަލަނީ މަގާމުގައި ދެމި ތިބެވޭނެ ގޮތްތައް ނޫންތޯ؟


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...