ޖޭއެސްސީ: ފަނޑިޔާރުން އެބޯޓުކުރާ ބޭސް ގުޅަ!

ތިން ބާރު ވަކި ކުރެވިފައިވާ ނިޒާމެއްގައި އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވުމުގެ ގޮތުން ރެގިއުލޭޓްރީ ބޮޑީ އެއްގެ ގޮތުގައި ޗެކް އެންޑް ބެލެންސް ސިސްޓަމްގެ ތެރެއިން އުފެއްދި ޖުޑިޝަލް ސާވިސް ކޮމިޝަން އުފެއްދީ ގާނޫނު އަސާސީގެ ހަތްވަނަ ބާބުގެ ދަށުން މިނިވަން މުސްތަގިއްލުގެ މުއައްސަސާއެއްގެ ގޮތުގައެވެ.
އެ ކޮމިޝަންގެ ޒިންމާއާ މަސްއޫލިއްޔަތަކީ ފަނޑިޔާރުން އަންޔަން ކުރުމާ ޖުޑިޝަރީގެ ހިންގުން ހަރުދަނާކޮށް އަދި ޖުޑިޝަރީއަކީ ރައްޔިތުންނަށް އިތުބާރު ހިފޭވަރުގެ ނިޒާމަކަށް ހެދުމަކަށްޓަކައި އެ ފަދަ ކަންކަމަށް އެހިތެރި ވެދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމެވެ. ނަމަވެސް މީގެ ތެރޭގައި ސުޕްރީމު ކޯޓާ އަދި އެ ކޯޓުންގެ ފަނޑިޔާރުން ނުހިމެނެއެވެ.
އެހެންކަމުން ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެނިހެން ފަނޑިޔާރުން ޢައްޔަންކުރާނީ ޤާނޫނުއަސާސީގައިވާ ގޮތުގެމަތީން އުފައްދާ ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ.
ނަމަވެސް ގާނޫނު އަސާސީ ހަވަނަ ބާބުގެ ދަށުން ޖުޑިޝަރީގެ ބެލެނިވެރި ފަރާތަކީ ސުޕްރީމު ކޯޓާ އުއްތަމަ ފަނޑިޔާރެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ކޯޓުތަކާ އަދި އެ ކޯޓުތަކުގެ ފަނޑިޠާރުންނާ ގުޅިގެން އެންމެ ފަހު ބަސް ބުނާނެ ފަރާތަކީ އުއްތަމަ ފަނޑިޔާރާ ސުޕްރީމު ކޯޓެވެ.
ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެކެވެ. ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނާ އެއްގޮތަށް ކަން ކުރުން ޤާނޫނުއަސާސީ އާއި ޤާނޫނަށެވެ. ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅައި ފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައި ވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތް ކުރާންވާނެއެވެ.
ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމާންވާނީ ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކައި ފާނެ ބި ރަކަށް ޖެހި ލުންނުވެ، ތަޢައްޞުބުން އެއްކިބާވެ ތިބެއެވެ.
ޖުޑިޝަލް ސާވިސް ކޮމިުޝަންގެ މަސްއޫލިއްޔަތަކީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި މަޤާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމާއި، އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމާ (ށ) ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެ ފަރާތްތަކާމެދު އަޅާންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކި ކުރުމަށް ހުށަހަޅާންޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަޤާމުން ވަކި ކުރުމަށް ހުށަހެޅުންމެވެ.
އަދި ކޯޓުތަކުގައި ފަނޑިޔާރުން ކުރަމުން ގެންދާ ހުކުމުތަކަށް މި ސަރުކާރާ އަދި ރައްޔިތުންގެ މަޖިލީހާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާކަމަށް ދޭހަވާ ފަދަ މޭރުމަކުން އުއްތަމަ ފަނޑިޔާރު ބަޔާނެއް ނެރުއްވާފައިވެއެވެ. އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ތަކުރާރުކޮށް ވިދާޅުވެފައިވަނީ މި ސަރުކާރުން ތަކުރާރުންކޮށް ފަނޑިޔާރު ގެތަކަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށާ އަދި ޖޭއެސްސީގެ ދިގު އަތް ކޯޓުތަކުގެ ތެރެއަށް ބާނަމުން ގެންދާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ސޮއި ކުރައްވާ ނެރެފައިވާ އަށް ސަފްހާގެ ބަޔާނުގައި ޖުމްލަ ގޮތެއްގައި ބުނެފައިވަނީ މަޖިލިސް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ޖުޑިޝަލް ސާވިސް ކޮމިޝަން އަދި ޑިޕާޓްމަންޓު އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް ރާއްޖޭގެ ކޯޓުތަކުގެ ނިޒާމު ގެއްލުވާލާފައިވާ ކަމަށެވެ. އަދި ކޯޓުތަކުގެ މިނިވަންކަމަށް އަރައިގަނެފައިވާ ކަމަށެވެ.
މީގެ އިތުރުން މިއަދު ރާއްޖޭގައި އެންމެ ބާރަށް ދެކެވެމުން އަންނަ އެއް ވާހަކަ އަކީ ކުރިގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމާ މެދު ވާނެ ގޮތެއްގެ ވާހަކައެވެ. މި ވާހަކަތައް ފެންމަތި ވެފައިވަނީ ރައީސް ޔާމިންގެ މައްސލަ ބެއްލެވި ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑުކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ގާޒީ ހައިލްމު ނެރުއްވި ބަޔާނުގައިވެސް ވަރަށް ސަރީޚަ އިބާރާތުން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ޝަރީއަތުގެ ހުކުމާ ގުޅިގެން ސަރުކާރުގެ އިސް ބޭފުޅުންގެ ފަރާތްޕުޅުން އޭނާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށެވެ.
މީގެ އިތުރުން މި ސަރުކާރު އައިސް މާ ގިނަ ދުވަހެއް ނުވެ ސުޕްރީމު ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ވަނީ ސުލޫކީ މައްސަލައެއް ބަލައި މަގާމުން ދުރުކޮށްފައެވެ. ގިނަ ބަޔަކު ބުނަމުން ގެންދަނީ އަބްދުﷲ ދީދީވެސް މަގާމުން ވަކި ކުރީ ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުންގެ މަސްލަހަތާ ގުޅިފައި އޮތް މައްސަލަތަކެއް ބައްލަވާ އެ ބޭފުޅުންނަށް ޖަލު ހުކުމް އިއްވާފައިވާ ފަނޑިޔާރުންގެ ބެންޗުގައި ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާތީ އެކަމުގެ ބަދަލު ހިފުމެއްގެ ގޮތުގައި ކަމަށެވެ.
ކަން މިހެން އޮތް އިރު ޖޭއެސްސީން ދަނީ އެ ކޮމިޝަނަށް ލިބިދީފައިވާ ގާނޫނީ އިހުތިސާސުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން ކަމަށް ގާނޫނީ ގޮތުން ފުންނާބު އުސް ބޭފުޅުންނާ އަދި ގިނަ ދިވެހި ރައްޔިތުންދަނީ ބުނަމުނެވެ.
އެގޮތުން ޖޭއެސްސީއަކީ ކޮމިޝަނެއް ކަމެއް ކޯޓެއް ކަމެއް މިއަދަކު ނޭނގޭ ކަމަށް އެ ރައްޔިތުން ގެންދަނީ ބުނަމުންނެވެއެވެ. ނަމަވެސް އެނގޭ މިންވަރަކީ ފަނޑިޔާރުންނާމެދު ކުރިއްސުރެ ވަކި ގޮތަކަށް ނިންމައިގެން ތިބި ބައަކު ފަނޑިޔާރުންގެ މައްސަލަ ބަލަން ތިބުމުގެ ނުރައްކައުތެރިކަން އެބަ އޮތް ކަން ކަމަށް އެ ރައްޔިތުން ދަނީ ހަރު އަޑު ބުނަމުންނެވެމެވެ.
ސުޕްރީމު ކޯޓުގައި ދާދި ފަހަކާ ހަމައަށް ތިއްބެވީ ޢަރަބި ތަޢުލީމުގެ ފަނޑިޔާރުންނެވެ. މިސަބަބާހުރެ ޖޭއެސްސީގެ މެންބަރު މަސްތޫރު ހުސްނީ ޓުވީޓެއްގައި ވިދާޅުވަނީ އިންސާފު ހޯދައިދެވޭނީ އިނގެރޭސި ތަޢުލީމުގެ ފަނޑިޔާރުންނަށް ކަމުގައެވެ.
ޢަރަބި ތަޢުލީމުގެ ބޭފުޅުންނަށް އެކަން ނުވާނެ ކަމުގައެވެ. މިއަށް އިނގެރޭސި ބަހުން ކިޔައި އުޅެނީ ޕްރި-ޖަޖްމެންޓް ބައަސްއެވެ. އެއީ ޙުކުމް ކުރުމުގެ މާކުރިން ވަކި ގޮތަކަށް ކަމެއް ނިންމައިގެން ހުރުމެވެ.
މަސްތޫރު ބައްލަވަނީ ގިނައިން ޢަރަބި ތަޢުލީމަށް ނިސްބަތްވާ ފަނޑިޔާރުންގެ މައްސަލައެވެ. އިންޞާފަށް ކަންކަން ގެންދަވާނެ މިންވަރު ހިތްޕުޅަށް ގެންނަވާށެވެ.
ކޮމިޝަނުގެ ވަކިވަކި މެންބަރުންނަށް ބައްލަވާށެވެ. އެއިން ކޮންމެ ބޭފުޅަކީވެސް ފަނޑިޔާރުންގެ ސުލޫކީ މައްސަލައަށްވުރެ ބޮޑަށް، ފަނޑިޔާރުން ނިންމަވާފައިވާ ނިންމެވުންތަކަށް ފާޑު ވިދާޅުވާ ބޭފުޅުންނެވެ.
އެހެންވީމާ މިހާރު ކޮމިޝަނުގެ މަސައްކަތް އޮތީވެސް އެހެންނެވެ. ފަނޑިޔާރުން ހުކުމްކުރައްވާފައިވާ ގޮތްތައް އެއްކޮށްގެން ކޮމިޝަނުގެ މެންބަރުންނަށް ޤަބޫލުނުކުރެއްވޭ ކޮންމެ ޙުކުމެއް އަދި އަމުރަކީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބައްލަވަނީއެވެ.
އަދި މުސްތަޤުބަލުގައި ފަނޑިޔާރުން ވަކި ގޮތަކަށް ކަމެއް ނިންމަފާނެ ކަމުގައި ހީވީމަ އެކަމެއްވެސް ސުލޫކީ މައްސަލައެއްގެ ގޮތުގައި ކަނޑައަޅުއްވައި މައްސަލަ ބައްލަވާނެ ކަމުގެ އިންޒާރުދެއްވަނީއެވެ. ކޯޓުތަކުގެ އިޚުތިޞާޞު ނަންގަވައި ޤާނޫނު އަސާސީ މާނަކުރުމުގައި ފަހުބަސްވެސް ކޮމިޝަނުން ބުނަނީއެވެ.
މި ދެންނެވުނު ކަންކަމަށް އަޅުގަނޑުމެން ކިޔައި އުޅެނީ ސައިޒުކުރުމެވެ. ކުޑަކަކޫ ޖެއްސުވުމެވެ. ގިތްގަޅުވައިލުމެވެ. ނިކަމެތިކޮށްލުމެވެ. ފަނޑިޔާރުންނާމެދު އެކަންކުރައްވާ ގޮތަކީ ލިބިފައިވާ މެޖޯރިޓީ ބޭނުންކޮށްގެން ފަނޑިޔާރުން ވަޒީފާއިން ވަކިކޮށް ފިޔަވަޅުއަޅާނެ ކަމުގެ ޔަޤީންކަން ދިނުމުގެ މަސައްކަތެވެ.
ފަނޑިޔާރަކު ވަކި ގޮތަކަށް ހުކުމްކުރީ މިބޭފުޅުން ހިތްޕުޅާ ނުވަންޏާ އެއީ ސުލޫކީ މައްސަލައަކަށް ހައްދަވައި އެފަނޑިޔާރަކު ބޭރުކޮށްލާނެ ކަމުގެ ބިރުދައްކަނީއެވެ. މިއީ ފަނޑިޔާރުގެ އިޞްލާހުކުރުމެއް ނޫނެވެ.
މިއީ ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާ ޤާނޫނީ އިޚުތިޞާޞާއި މަސްއޫލިއްޔަތުގެ ދާއިރާގެ އިމުން ބޭރުން ހިސާރުކޮށް، ކަސްތޮޅު އަޅުވައި އަޅުވެތިކުރުމެވެ. މިނިވަން ޖުޑީޝަރީއަކަށް ބޭނުންވަނީ، ސިޔާސީ މަޞްލަޙަތާއި ހިސާބުތައް އެކަހެރިކޮށް، ޢިލްމީ މިންގަނޑަކުން ޖުޑީޝަރީގެ ކަންކަމާ ވިސްނާނެ، ބާރުތަކާއި ޒިންމާގެ އިމުން ބޭރަށް ނުނުކުމެ މަސައްކަތްކުރާނެ ޖޭއެސްސީއެކެވެ. މިއަދު މިއޮތީ އެފަދަ ޖޭއެސްސީއެއް ނޫނެވެ.
ކަން މިހެން އޮތް އިރު މިއަދު ރާއްޖޭގައި އޮތް ޖޭއެސްސީއަކީ ސިޔާސީ ބައެއްގެ އަތްދަށުވެ ފިތި ބާރުވެފައި އޮތް ކޮމިޝަނެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އެހެން އެ ރައްޔިތުން ސިފަ ކުރަނީ ކީއްވެ ކަމާ މެދު ސުވާލު ނުއުފެދޭތޯއެވެ.
އެ ރައްޔިތުން ބުނަމުން ގެންދަނި މިއަދު ޖޭއެސްސީއަކީ ސިޔާސީ ޕާޓީއެއްގެ ގޮތްޕެއް ކަމަށެވެ. އަދި އެ ކޮމިޝަނުން މަސައްކަތް ކުރަމުން ދަނީ ވަކި ބަޔަކު ޖަހާ ބެރަކަށް ފައި ހަމަކުރުމަށް ކަމަށެވެ.
އަދި އެ ކޮމިޝަނަށް ބަޔަކު ހިތް އެދޭ ނުވަތަ ހިތް ރުހޭ ބަޔަކު އައްޔަންކޮށްގެން ސިޔާސީ މަންފާތަކެއް ހާސިލުކުރަމުން ދާ ކަމަށް މިއަދު ޤަނޫނީ ގޮތުން ފުންނާބު އުސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އެގޮތުން މި ސަރުކާރު ހިތް ނުރުހޭ ގޮތަކަށް ހުކުމެއް ނެރެން ތައްޔާރުވާ ފަނޑިޔާރަކު ނުވަތަ މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް މީހުންނަށް ހުކުމް އިއްވާފައިވާ ފަނޑިޔާރަކު ހުރިކަމުގައި ވާނަމަ އެ ފަނޑިޔާރަކު ނިޒާމުން ގެއްލުވާލަން މި ސަރުކާރުން ބޭނުންކުރާ ސިޔާސީ ހަތިޔާރަކީ ޖޭއެސްސިއެވެ.
ފަނޑިޔާރުންނާ މެދު ހިތު ހުރި ގޮތަކަށްކަން ކުރަން މި ސަރުކާރުން ބޭނުންކުރާ ނިވާފަތްގަޑަކީ ޖޭއެސްސީއެވެ.
އަދުލުވެރި އިންސާފުވެރި ފަނޑިޔާރުގެތަކެއް ރައްޔިތުންނަށް ހޯދައިދޭނެ ކަމަށް ވައުދުވެ އައި ސަރުކާރުން މިދަނީ ފަނޑިޔާރު ގެތަކަށް އަތްބާނާ އަދުލުގެ ނިޒާމުގެ ތެރޭގައި ޣަރުބަ ގަނެފައިވާ އިންސާފުވެރި ފަނޑިޔާރުން އެބޯޓު ކުރުމަށް ޖޭއެސްސީގެ ބޭނުން ބާރުގަދަ ބޭހެއްގެ ގޮތުގައި ބޭނުން ކުރަމުންނެވެ.
މި ސަރުކާރުން ރައްޔިތުންނަށް ވައުދުވި އިންސާފާ ހަމަ ހަމަ ކަމަކީ މިއީ ބާއެވެ؟
ޖޭއެސްސީގެ ބަދަލުގައި ތިތަނުގެ ނަން ބަދަލުކުރަން އެބަޖެހޭ އެމްޑީޕީގެ ޖުޑިޝަރީ ކޮމެޓީއަށް މެޖޯރިޓީ އެއޮތީ ޕާޓީގެ މީހުން ދެން ވަރަށް އިންސާފުވެރިވާނެތާ؟؟