ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާނެކަމުގެ ޔަގީންކަން ހޯދަން ސަރުކާރުގެ ތެރެއިން މަސައްކަތް ކުރި: ހައިލަމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޖަލަށް ލާނެ ކަމުގެ ޔަގީންކަން ހޯދަން ސަރުކާރުން ބޭނުންވެގެން، ސަރުކާރުގެ އިސް ބޭފުޅުން އޭނާއަށް ގުޅިކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމުގައި ހުންނަވަނިކޮށް ސަސްޕެންޑް ކުރި ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިގޮތަށް ވިދާޅުވީ، ނެރުއްވި ބަޔާނެއްގައެވެ. ހައިލަމް ވިދާޅުވީ، ރައީސް ޔާމީނަށް މަނީލޯންޑަރިންގ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާގޮތުން އޭނާއަށް ގުޅައި އަދި ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހިތާ ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަދި މި މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައި ވަނީ މި ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ކަމަށް ހައިލަމް ނެރުނު ބަޔާނުގައި ވެއެވެ.

ހައިލަމް ވިދާޅުވީ، ސަރުކާރުގެ ވަރަށް އިސް މަގާމުތަކިގައި ތިބި ފަރާތްތަކުން އޭނާއަށް ސީދާގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާއި އަދި އޭނާ ދަންނަ މީހުން މެދުވެރިކޮށް ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދުނު ކަމަށެވެ.

އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން، 19މެއި 2019 ބަނަ ދުވަހު އަޅުގަނޑާއި އަލްހާން ފަހުމީއާ ދެމެދު ހިނގާދިޔަ ފައިސާގެ ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގެ އެބައޮތްކަަމަށާއި ހުކުމްގެ ކަށަރުކަން ނުލިބޭނަމަ އެ މައްސަލަ ބެލޭނެކަމުގެ އިންޒާރުވެސް ދީފައި ވެއެވެ. އަދި ސަސްޕެންޑްކުރާނެކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށްވެސް ރައީސް ޔާމީންގެ މަނީ ލައުންޑަރިންގެ މައްސަލަ ބެއްލެވި ގާޒީ ހައިލަމް ވިދާޅުވި އެވެ.

ހައިލަމް ވިދާޅުވީ، އެކަން ކްރިމިނަލް ކޯޓު ހިންގެވުމާއި މިހާރު ހަވާލުވެ ހުންނެވި ގާޟީއަށްވެސް ވަރަށް ރަނގަޅަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ސަސްޕެންޑްވާން ބޭނުންފުޅު ނުވާނަމަ އިތުރު އެހެން ގޮތެއް ނެތްކަންވެސް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށް ހައިލަމް ވިދާޅުވިއެވެ.

ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ހުކުމް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށް ނުޖެހޭނެއެވެ. އެއީ ކިތަންމެ މަތީ މަގާމެއްގައި ހުރި ފަރާތެއް ވިޔަސް މެއެވެ". ހައިލަމް ނެރުއްވި ބަޔާނުގައި ވެއެވެ.

"ވަކި ފަރާތެއް ޖަލަށްލާނެކަމުގެ ކަށަވަރުކަން ނުލިބިގެން ފަނޑިޔާރަކު ފަހާދުވަންވާނީ ވެސް ޖުޑީޝިއަލް ސަރވިސް ކޮމިޝަންގެ މުވައްސަސާގެ ހުރުމަތުން ކޮންމެވެސް މިންވަރެއް ނަމަވެސް ބާކީ އޮންނާނެ ގޮތަކަށް ވިސްނާލައްވާފައިނޫންތޯއެވެ؟". ހައިލަމް ވިދާޅުވިއެވެ.

ރައީސް ޔާމީންއަށް ޖަލަށް ލާނެ ކަމުގެ ޔަގީންކަން ހޯދަން މިހާރު ސަރުކާރުގެ އިސް ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށް ހައިލަމް ވިދާޅުވިއިރު، އެ މައްްސަލާގައި، އެމަނިކުފާނުގެ މައްޗަށް ސާބިތުނުވާ ގޮތަށް ހުކުމް ކުރުމުގެ ގޮތުން ހައިލަމް ދެ މިލިއަން ޑޯލަރު ނަންގަވާފައިވާ ވާ ކަމަށް ފޭދޫ ދާއިރާ މެންބަރު މުހައްމަދު ނިހާދު ވަނީ ތުހުމަތު ކުރައްވާފައެވެ.

އަދި މިހާރު ހައިލަމް ސަސްޕެންޑްކޮށްފައިވާއިރު، އޭނާއާ ގުޅޭގޮތުން ޖޭއެސްސީން މި މަސް ތެރޭގައި ބަލަން ފެށި މައްސަލައަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސް ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ވައިބަ ގްރޫޕެއްގައި ހައިލަމް ފޮނުވި ސްކްރިން ޝޮޓުގެ މައްސަލައެވެ.

އެ މައްސަލާގެ ޖަވާބުދާރީ ވާން ޖޭއެސްސީއަށް ހައިލަމް ހާޒިރު ނުވުމުން، އޭނާ ސަސްޕެންޑްކޮށްފައި ވަނީ، ރައީސް ޔާމީންއަށް ހުކުމް އިއްވަން ތާވަލުކޮށްފައި އޮތް ދުވަހުއެވެ.

ރައީސް ޔާމީންއަށް ހުކުމް އިއްވާ ޝަރީއަތް ބާއްވަން މިހާރު ތާވަލުކޮށްފައި ވަނީ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...