އަލްކަހޯލް ބްރީތު ޓެސްޓް ހަދައިފިއްޔާ އެންމެ ފުރަތަމަ ޕޮޒިޓިވް ވާނީ ކާކު؟

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރުު ރޮޒައިނާ އާދަމް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރުު ރޮޒައިނާ އާދަމާއި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާ ދެމެދު ހޫނު ޒުވާބެއް ހިނގައި، މަޖިލީހުގައި "އަލްކަހޯލް ބްރީތު ޓެސްޓް" ހެދޭނެ ނިޒާމެއް ގާއިމު ކުރުން މުހިންމު ކަމުގައި ރޮޒައިނާ ވިދާޅުވުމާއެކު އެކަމުގެ މުހިންމުކަން އާންމު ރައްޔިތުން ފާހަގަ ކުރަން ފަށައިފިއެވެ.

ރޮޒައިނާއާ ޖާބިރާ ދެމެދު ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކުރަން ފެށުނީ، މަޖިލީހަށް ހުށަހެޅި ގަރާރަކަށް ބަހުސް ކުރައްވަމުން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާގައި ރޮޒައިނާ ޖެހިވަޑައިގެން، އެ ފައިސާ ބޭނުންކުރައްވައި، ގެސްޓް ހައުސް އެޅި ކަމަށް ޖާބިރު ތުހުމަތު ކުރެއްވި ހިސާބުންނެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި ޖާބިރުގެ މައްސަލައަކީ އޭނާގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރައްޔިތުން މަޖިލީހުގެ މެންބަރުން ވޯޓު ނުދެއްވުމެވެ. ދިޔާނާއަށް ވޯޓު ލިބިވަޑައިނުގަތީ "ޖާބިރު ތެޅޭ ވައްތަރުން" ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

މީގެއިތުރުން ރޮޒެއިނާ ވަނީ އޭނާއަށް ވަގަށް ގޮވަންޖެހޭ އެއްވެސް ސަބަބެއް ޖާގައެއް ނެތް ކަމަށާއި އޭނާއާ ގުޅޭ ގޮތުން ތަހުގީގެއް ހިންގާނެ ޖާގައެއްވެސް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގައި އަލްކަހޯލް ބްރީތު ޓެސްޓު ހެދޭނެ ނިޒާމެއް ބެހެއްޓުން ވަރަށް މުހިއްމު ކަމަށާއި އެހެން ގައުމުތަކުގައިވެސް އެފަދަ ޓެސްޓު ރެންޑަމްކޮށް ހަދާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

އަލްކަހޯލް ނުވަތަ ބަނގުރާ ބުއިކަން ދެނެގަނެވޭ ޓެސްޓު މަޖިލީހުގައި ހަދަން ފެންނަ ވާހަކަ ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ފާހަގަ ކުރެއްވުމާއެކު، އެ ޓްވީޓަށް ކޮމެންޓް ކުރި ގިނަ މީހުން ވަނީ، އެ ޓެސްޓު ހަދައިފިނަމަ، އެންމެ ފުރަތަމަ ޕޮޒިޓިވް ވާނެ ލިސްޓުގައި ހިމެނޭނީ ކޮން ފަރާތްތަކެއްތޯ ސުވާލު އުފައްދާފައެވެ.

އަދި ބައެއް މީހުން ވަނީ އެފަދަ އިމްތިހާނެއް ކޮށްފިނަމަ، މަޖިލީހުގައި ރިޔާސަތުގައި އިންނަވާ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "ޕޮޒިޓިވް" ވާނެ ކަމަށް ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި އަލްކަހޯލް ބްރީތު ޓެސްޓް ހެދުމަށް ރޮޒައިނާ ލަފާ ދެއްވުމުން، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ، އެކަން ކުރުމުގައި މަޖިލީހުގެ ރިޔާސަތުން "އެކްސްޕާޓް" ބަހެއް ހޯދުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގައި ބައެއް ފަރާތްތަކުން، ބައެއް ފަހަރު ދައްކަވާ ވާހަކަތަކަކީ "ހަމަނުޖެހޭ" ވާހަކަތަކެއް ކަމުގައި ސިފަ ކުރެވޭއިރު، އެފަދަ މެމްބަރުން ތިއްބަވަނީ "ހިނދުކޮޅުގައި" ކަމަށް ބައެއް މީހުން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...