ސުޕްރީމް ކޯޓުގައި އޮތް އަދީބުގެ ޚިޔާނާތު މައްސަލަ ޕީޖީން އަނބުރާ ގެންގޮސްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާ އުފުލި ހިޔާނާތުގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އަނބުރާ ގެންދެވުމުން އިސްތިޢުނާފް ކުރެވޭނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން 8 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ ކުރެއްދޫ ހޯލްޑިންގްސް އަށް ޅ. މާބިންހުރާ ކުއްޔަށް ދީގެން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 77 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިކަން ސާބިތުވުމުންނެވެ. ނަމަވެސް މިދިޔަ މޭމަހުގެ ފަހުކޮޅު ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ނިންމާފައެވެ.

ޕީޖީން މި މައްސަލަ ސުޕްރީމް ކޯޓަށް އިސްތިޢުނާފަށް ހުށަހަޅާފައިވަނީ ހައިކޯޓުން އަދީބުގެ ހުކުމް ބާތިލް ކުރުމުގައި ޝަރުއީ ގޮތުންނާއި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަންތައްތައް ގޮސްފައިވާ ކަމަށް ބުނެއެވެ. ނަމަވެސް، މި ދަޢުވާ އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމުމާއި ގުޅިގެން އިތުރަށް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ސުޕްރީމް ކޯޓުން މި ދައުވާ ބާތިލުކުރި ނަމަވެސް އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާއެއްގެ މައްސަލަ މިހާރު ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ. އެގޮތުން ދައުލަތުން ބުނެފައި ވަނީ މި ހަތް ދައުވާ އާއި ގުޅިގެން ކުށަށް އިއުތިރާފުވެ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި އަދީބު ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން މި ދައުވާތަކަށް އަދީބު ކޯޓުގައި އިއުތިރާފު ވެއްޖެ ނަމަ 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މަނީލޯންޑަރ ކުރުމުގެ ދެ ދައުވާއެއް ހިމެނޭ ގޮތަށް ދެން އަދީބު މައްޗަށް އުފުލާފައިވަނީ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއާއި ހިޔާނާޔްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެކެވެ. އެގޮތުން އަދީބުގެ މައްޗަށް މީގެ ކުރިން ޓެރަރިޒަމްގެ ދެ މައްސަލައެއްގައި އިތުރު ދެ ހުކުމެއްވެސް ކްރިމިނަލް ކޯޓުން އިއްވިއެވެ.

އަދީބުގެ މައްޗަށް ފިސްތޯލަ ގެންގުޅުނު މައްސަލައާއި، ޚިޔާނާތުގެ މައްސަލަ އަދި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވި 33 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރަމުން ދަނިކޮށް، ސަރުކާރު ބަދަލްވުމަށްފަހު ވަނީ އެ ހުރިހާ މައްސަލައެއްގެ ޙުކުމްތައްވެސް ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލްކޮށްފައެވެ. ނަމަވެސް، އެ މައްސަލަތައް އަލުން ބެލުމަަށްވެސް ހައިކޯޓުގެ ޙުކުމްގައި ވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދެވަނަ ނައިބު ރައީސް، އަހުމަދު އަދީބު އަބުދުލްޣަފޫރު މާލޭ ބަންދުގައި ހުންނަވަނިކޮށް ފިއްލެވި މައްސަލައިގައި މިހާރު ހުންނެވީ 3 މަހާއި، 12 ދުވަހުގެ ޖަލު ޙުކުމެއްގައެވެ.

އަދީބުގެ މައްސަލަތައް ކޯޓުގައި މިއަދު ފަށާފައިވާއިރު އޭނާވަނީ އެ ޝަރީއަތްތައް ލައިވްކޮށްގެން ކުރިޔަށް ގެންދިއުމަށް އެދިފައެވެ. އެހެންނަމަވެސް ގާޒީ ވަނީ އެކަމާއި ދެކޮޅު ހައްދަވާފައެވެ. އެހެންނަމަވެސް ދައުލަތުންނާއި އަދީބުގެ ފަރާތުން ދެއްކި ވާހަކައަށްފަހު ގާޒީ ވަނީ އެކަން އަލުން މުރާޖާ ކުރުމަށް ނިންމާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...