އެމްޑީއެންގެ ދިފާއުގައި އެއް ޖިންސުން ގުޅުން ހިންގަން ބާރު އަޅާ ޖަމިއްޔާއެއް ތެދުވެއްޖެ

ލާދީނީ ޖަމިއްޔާ މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ނިންމުމަކީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް އޮތް މަގު ހަނިކުރުން ކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ކަމަށް ބުނާ އެއް ޖިއްސުން ގުޅުން ހިންގުމަށް ބާރު އަޅާ ބައިނަލްއަގުވާމީ ޖަމިއްޔާ އެއް ކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނެފިއެވެ.

އެމްޑީއެން އުވާލުމަށް ދިވެހި ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން އެޖަމިއްޔާއިން ވަނީ އެކަމާއި ނުރުހުން ފާޅުކޮށް އިއްޔެ ލިއުމެއް އާންމުކޮށްފައެވެ. އެމްނެސްޓީގެ ލިއުމުގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން އެމްޑީއެން އުވާލަން ނިންމާފައި ވާކަމަށާއި އަދި އެކަމުން ދޭހަވަނީ މީގެ ކުރީގެ ސަރުކާރުގެ އާދަކާދަތައް މިސަރުކާރުގައިވެސް ހުރިކަން ކަމަށެވެ.

ކުރީ ސަރުކާރުގެ އާދަކާދަތައް މި ސަރުކާރުގައި ހުރި ކަމަށް އެމނެސްޓީއިން ބުނެފައިވާއިރު، ކުރީ ސަރުކާރުގައި ފާޅުގައި ދީނަށް ގޮން ޖަހާ ދީނަށް ފުރައްސާރަކޮށް އުޅުނު ބަޔަކަށް ވިއްޔާ އެ ސަރުކާރުގައި ވަނީ އަދަބު ދީފައެވެ. އަދި މި ފަސްގަނޑުގައި އިސްލާޟުދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށް އޭރުގެ ރައީސް އބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުވަނީ ވިދާޅުވެފައެވެ.

އެމްޑީއެން އުވާލުމަށް ސަރުކާރުން ނިންމާފައި ވަނީ އެއްމަސް ދުވަހުގެ އެޖަމިއްޔާ ސަސްޕެންޑް ކޮށްފައި އޮތުމަށް ފަހުގައި ކަމަށާއި، އެޖަމިއްޔާ ސަސްޕެންޑް ކުރުމަށް ފަހު ރާއްޖޭގެ މަސްރަހު ހޫނުވެފައި ވާކަމަށާއި، އަދި އެކަމުގެ ސަބަބުން އެމްޑީއެންގެ ބައެއް މެންބަރުންނަށާއި އެޖަމިއްޔާގެ ފައުންޑަރ ޝަހިންދާ އިސްމާއިލްއަށް އެތައް ބަޔަކު ދަނީ ދީނީ ގޮތުން ފުރައްސާރަކުރުންތައް ކުރިމަތި ކުރަމުން ކަމަށްވެސް އެލިއުމުގައި ވަނީ ބުނެފައެވެ.

އެމްނެސްޓީގެ ބަޔާނުގައި ޝަހިންދާއަށް ދީނީ ގޮތުން ފުރައްސާރަކުރަމުން ބަޔަކު ދާ ކަމަށް ބުނެފައިވާއިރު، ޝަހިންދާ ވަނީ މި ބިންމައްޗަށް ބާވާ ލެއްވުނު އެންމެ މާތް ދީނަށާ މި އުއްމަތުގެ މާތް ނަބިއްޔާ މުހައްމަދުއް ރަސޫލުﷲ ސަލައްﷲ އަލައިހި ވައްސަލަމްއަށް ހަޖޫ ޖަހާ ފުރައްސާރަކޮށް އަދި ޚީރިތި ގުރުއާނަކީ ފްލޯކެއް ކަމަށް ބުނެފައެވެ.

ރާއްޖެއަށް އަލަށް އައި ވެރިކަމުގެ އަމާޒަކަށް ވާންވާނީ މީގެ ކުރީގައި އެގައުމުގައި ވެރިކަން ކުރި މީހުންގެ ނުލަފާ ގޮތްތައް ބަދަލު ކުރުންކަމަށާ އެހެން ނަމަވެސް އެމްޑީއެން އުވާލުމަށް ސަރުކާރުން ނިންމި ނިންމުމުން ދޭހަވެގެން ދަނީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުންނަށް އެގައުމުގައި އޮތް މަގު ހަނިކުރުން ކަމަށް އެޖަމިއްޔާއިން ކަނޑައަޅައިފައި ހުންނަ ސައުތު އޭޝިއާގެ ރިސާޗް ޑިރެކްޓަރ ދިނުޝިކާ ދިސަންޔާކޭ ވަނީ އެ ބަޔާނުގައި ބުނެފައެވެ.

އެލިއުމުގައި އިތުރަށް ބުނެފައި ވަނީ އެމްޑީއެން އުވާލުމަށް ނިންމާފައި ވަނީ އެޖަމިއްޔާ އިން 2015 ވަނަ އަހަރު އާންމުކޮށްފައިވާ "ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި ރިޕޯޓެއް ނެރެ ރަސޫލާ (ސ.އ.ވ) "ފަލީހަތް" ކޮށްފައި ވާތީ ކަމަށެވެ.

އެމްޑީއެން އިން އަޑު އުފުލާފައި ވަނީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ އަނިޔާވެރިކަމާއި ދެކޮޅަށް ކަމަށާއި އަދި އެޖަމިއްޔާއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކޮށްފައިވާ ކަަމަށް އެމްނެސްޓީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް ރާއްޖޭގެ ގިނަ ބަޔަކު ވަކާލާތުކުރަން ފެށި ހިސާބުން ފެށިގެން ބޭރުގެ އެތައް ޖަމިއްޔާއަކުން ވަނީ އެމްޑީއެން އަކީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ "މައުސޫމް" ޖަމިއްޔާއެއް ކަން ހާމަކޮށްދޭން އެކި ލިއުންތައް ނެރެފައެވެ.

އެކޮންމެ ޖަމިއްޔާ އަކުންވެސް ވަނީ އެމްޑީއެންގެ ކޮޅަށް ޖެހިފައެވެ. އެ ރިޕޯޓުތަކުގައި ބުނެފައި ވަނީ އެމްޑީއެން އަށް ފިޔަވަޅެއް އެޅުމަކީ އިންސާނީ ހައްގުތަކަށް ދެވޭ އިހާނަތިކަމެއް ކަމަށެވެ.

އެމްނެސްޓީއިން އެމްޑީއެނުގެ ދިފާއުގައި ތެދުވިއިރު އެ ޖަމިއްޔާއަކީ އެއް ޖިއްސުން ގުޅުން ހިންގުމަށް ބާރު އަޅާ އަދި އެކަމަށް ވަކާލާތު ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. އެމްޑީއެނުގެ ދިފާއުގައި މުޅިންވެސް ތެދުފައިވަނީ އެފަދަ ލާދީނީ ކަންކަން ކަމަށް ހިތްވަރު ދޭ ޖަމިއްޔާތަކެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...