އެމްޑީއެންގެ ދިފާއުގައި ރާއްޖޭގެ ނުފޫޒު ގަދަ ބަޔަކު އެބަތިބި: އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ ބައެއް މެމްބަރުން

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ދިފާއުގައި ރާއްޖޭގެ ނުފޫޒު ގަދަ ބަޔަކު އެބަ ތިބި ކަމަށް އަދާލަތު ޕާޓީން ގަބޫލުކޮށްފިއެވެ. ސަރުކާރުން އެމްޑީއެން އުވާލަން ނިންމުމާ ގުޅިގެން އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ އެކަން ފާހަގަކޮށްފައެވެ.

އިސްލާމް ދީނާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް 125 ސަފްހާގެ ބޮޑު ރިޕޯޓެއް ލިޔުނު އެމްޑީއެން އުވާލުމާއި ގުޅިގެން އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި މި ދިވެހިރާއްޖެ އޮންނާތީ ކަންބޮޑުވާ އެތައް ބަޔަކު މިދައުލަތާ ދެކޮޅަށް ފިކުރީ ހަނގުރާމައެއް ކުރަމުން އަންނަ ކަމަށެވެ.

އަދި ރާއްޖެއިން ބޭރުގެ ނުފޫޒުގަދަ އެތައް ބާރުތަކަކުންނާއި ރާއްޖޭގައި ތިބި މަދު ނަމަވެސް ނުފޫޒުގަދަ މަދަދުޤާރުންތަކެއް އެޖަމްޢިއްޔާގެ ދިފާޢުގައި ތިބިކަމަށާއި، ނަމަވެސް މިއިން ނުފޫޒަކަށް ބެއްލެވުމެއްނެތި ޤާނޫނުގެ ވެރިކަން ނެގެހެއްޓެވިކަމަށް އެ ޕާޓީން ބުނެފައިވެއެވެ. އެޕާޓީގެ ބަޔާނުގައި ވަނީ ގާނޫނަށް ވުރެ މަތީގައި އެއްވެސް ދިވެހި ރައްޔިތެއް ނުވަތަ ޖަމާއަތެއް އޮވެގެން ނުވާނެެ ކަމަށާއި، ޤާނޫނު ހިނގަންވާނީ ހުރިހައި އެންމެންގެ މައްޗަށް ހަމަހަމަ ކޮށް ކަމަށެވެ.

އަދާލަތުން ވަނީ ދިވެހިރާއްޖޭގެ ގައުމިއްޔަތަށް ހަމަލާ ދިނުމަށް ފޫގަޅާލާފައި ތިބި އަނދިރި ބާރުތަކާމެދު ފާރަވެރިވެ ދެމިތިބުމަށްވެސް ގޮވައިލައިފައެވެ. އެމްޑީއެންގެ ދިފާއުގައި ރާއްޖޭގައި ތިބި މަދު ބަޔަކު ތިބި ކަމަށް އަދާލަތު ޕާޓީން ބުނެފައިވާއިރު، އެޖަމިއްޔާގެ ދިފާއުގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅަކީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ވަނީ އެމްޑީއެންގެ މެމްބަރުންނަކީ މައުސޫމް ކުދިންތަކެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އަދި އެމްޑީއެންގެ ރިޕޯޓުގައި ވަރަށް ގިނަ ރަނގަޅު ވާހަކަތަކެއް އެބަހުރި ކަމަށާއި، އެ ރިޕޯޓުގައި ހުރި ހަމައެކަނި މައްސަލައަކީ ކީރިތި ރަސޫލާއަށް ސަލަވާތް ކިޔާފައި ނުވުން ކަމަށް ވިދާޅުވެ، އެކަމަށް ނަޝީދު ވަނީ ހަޖޫ ޖައްސަވައިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...