ވެރިކަމަށް އަހަރު ފުރޭ ދުވަހާ ދިމާކޮށް ރައީސް ޔާމީންގެ ޝަރީއަތް ތާވަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ ސަތާރަވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ ހުރިހާ އަޑުއެހުމެއް ނިމި ހުކުމް އިއްވުމުގެ މަޖިލީސް ނޮވެމްބަރު ފަހެއް ވީ އަންގާރަ ދުވަހަށް މީގެ ކުރިން ތާވަލުކޮށްފައިވީ ނަމަވެސް ޝަރީއަތް ފެށުމަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ މައްސަލަ އޭރު ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑުކޮށްފައެވެ.

ހައިލަމް ސަސްޕެންޑު ކުރީ ޖޭއެސްސީން އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ހާޒިރުވާން އެންގުމުން ހާޒިރު ނުވެވޭވެނެ ކަމަށް ވިދާޅުވެ ގާޒީ ހުށަހެޅި އުޒުރު ބަލައި ގަނެވެން ނެތް ކަމަށް ބުނެއެވެ.

ޖޭއެސްސީއިން ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމީ، ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔަން ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބާ ގުރޫޕަކަށް ފޮނުއްވި ފޮޓޯއެއްގައި ރައީސް ސޯލިހް އަދި ރައީސް ނަޝީދު ގެ ކަރުގައި ޗޭނެއް ޖަހައިގެން 3 ނޮވެމްބަރުގެ ބަތަލު ޝަހީދު ހުސެއިން އާދަމް ދަމާފަ ގެންދާ މަންޒަރު ރަމްޒުކޮށްދޭ ގޮތަށް ހުރުމުގެ ސަބަބުންނެވެ.

އެ މައްސަލައާއި ގުޅިގެން ހައިލަމް ވަނީ މާފަށް އެދި ބަޔާނެއް ވެސް ނެރުއްވައިފައެވެ. އަދި އެ މައްސަލައިގައި ހައިލަމްގެ ޖަވާބަކީ އެ ބަޔާންކަމަށް ބުނެ ހައިލަމް ވަނީ ޖޭއެސްސީއަށް ސީޓީއެއް ފޮނުއްވާފައެވެ. ނަމަވެސް ޖޭއެސްސީ އިންވަނީ ހައިލަމް ސަސްޕެންޑުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ ޖޭއެސްސީގެ މި އަމަލަކީ ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވަން ހިންގި އަމަލެއްކަމަށް ސިފަކޮށްފައެވެ. އަދި އެހެން ފަނޑިޔާރަކު އެ މައްސަލަ ބެއްލެވި ނަމަވެސް، އެ ފަނޑިޔާރަކަށްވެސް ސަސްޕެންޑުކޮށްފާނެ ކަމުގެ ބިރު އޮންނާނެ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމެއް 17 ނޮވެމްބަރަށް ތާވަލް ކުރިއިރު އެ އަޑުއެހުމަކީ ހުކުމް އިއްވުމަށް ބޭއްވޭ އަޑުއެހުމެއް ކަމެއް ސާފެއްނޫނެއެވެ. އަދި އެ މައްސަލައާއި މިހާރު ހަވާލުވެގެން ހުންނެވީ ކޮން ގާޒީއެއްކަންވެސް ސާފެއްނޫނެވެ.

ނޮވެމްބަރު ސަތާރަ ވަނަ ދުވަހަށް ރައީސް ޔާމީންގެ ޝަރީއަތް ތާވަލު ކުރެވިފައިވާއިރު އެ ދުވަހަކީ ރައިސް އިބްރާހިމް މުހައްމަދު ޞޯލިހުގެ ކަމެއް ނުވި ވެރިކަމުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ވެރިކަމަށް އެއް އަހަރު ފުރޭ ދުވަހެވެ.

އެހެންކަމުން އެ ދުވަހު ރައީސް ޔާމީނާ ދެކޮޅަށް ހުކުމެއް އިއްވުން ވަރަށް ގާތް ކަމަށް ގިނަބަޔަކު ދެކެއެވެ. އެއީ ވެރިކަމަށް އަހަރު ފުރޭ ދުވަހު ޕާޓީ ކުދިންނަށް ދެއްވާ ހަދިޔާ އެއްގެ ގޮތުގައި ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...