އެމްޑީޕީގެ އެކްޓިވިސްޓުން ރައީސް ސޯލިހު މަގާމުން ދުރުކުރަން ނިކުންނަން ޖެހޭ: ޖާބިރު

ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހުރިހާ އެކްޓިވިސްޓުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަގާމުން ދުރު ކުރަން މިހާރުން މިހާރަށް ނިކުންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ހުށަހަޅުއްވާފައިވާ މޫސުމާ ބެހޭ ގަރާރަށް ބަހުސް ކުރައްވަމުން ރައީސް ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ޖާބިރު ވަނީ ރައީސް ސޯލިހަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައެވެ.

އޭނާ ވިދާޅުވިގޮތުގައި ރައީސް ސޯލިހު އަކީ އެމްޑީޕީއަށް ލިބޭ ކޮންމެ ފުރުސަތެއް ފޭރި ގަންނަ ބޭފުޅެކެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދަށް ވެރިކަން ކުރަން ލިބުނު ފުރުސަތު ފޭރިގަތީ ރައީސް ސޯލިހުކަމަށް ވިދާޅުވެ، ރައީސް ސޯލިހު މަގާމުން ދުރު ކުރުމުގެ "އޮޕަރޭޝަން" ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެށުމަށް ޖާބިރު ގޮވާލެއްވިއެވެ. ޖާބިރު ރައީސް ސޯލިހު އަކީ ވަގެއް ކަމަށްވެސް ތުހުމަތު ކުރައްވައިފައެވެ.

" ވަގުތުން ވަގުތުން އިބްރާހީމް މުހައްމަދު ސޯލިހު މަގާމުން ދުރު ކުރަން އެމްޑީޕީގެ ހުރިހާ އެކްޓިވިސްޓުން ނިކުންނާށޭ. އޮޕަރޭޝަން ޖައްސާށޭ." ޖާބިރު ވިދާޅުވިއެވެ.

ރައީސް ސޯލިހު އަކީ ވަގެއް ކަމަށް ޑީއާރްޕީގެ ލީޑަރު ޖާބިރު ވިދާޅުވުމުން ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ މެމްބަރުންވެސް އެކަމާ ދެކޮޅަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އެކަމާ ގުޅިގެން ދީނީ އިލްމުވެރިޔާ އައްޝެއިހު އިލްޔާސް ހުސެން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. މިދިޔަ އަހަރު ބޭއްވި ރިޔާސީ ކެމްޕެއިންގެ ތެރޭގައި ޝެއިހު އިލްޔާސް ވަނީ ރައީސް ސޯލިހު އަކީ ސޯލިހު ބޭފުޅެއް ކަމަށާއި، އެމަނިކުފާނަކީ ރަސޫލާ ދުއާ ދެއްވި ފަދަ ވެރިއެއް ކަމަށް ވިދާޅުވެފައެވެ.

ސޯލިހަކީ ވަގެއް ކަަމަށް ޖާބިރު ވިދާޅުވުމުން، އެކަމާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ނުކުމެފައިނުވާކަން ފާހަގަކުރައްވައި އިލްޔާސް ޓްވިޓަރގައި ކަންބޮޑުވުން ފާޅު ކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ ޝެއިހު އިލްޔާސް އަކީ "ފޭކު" ޝޭހެއް ކަމަށާއި، ރައީސް ސޯލިހުއަށް ވެރިކަން ހޯދައިދިނުމުގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...