ސޯލިހު އުފެއްދެވި ކޮމިޝަނަކުން އެމްއެމްޕީއާރްސީގެ މައްސަލަ ބެލުން ރަނގަޅެއް ނޫން- ޝިޔާމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޝަނަކުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލަ އިންސާފުވެރިކަމާއެކީގައި ބެލި ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ހިޔާނާތުގެ ތެރެއިން ދައުލަތަށް ޖުމްލަ 220 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ލިބެންޖެހޭ ކަމަށް އެފަދަ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ 267 މީހަކަށް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކުރިއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް އެ ހިޔާނާތުގެ ފައިސާ ބޭނުންކުރެއްވި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ރައީސް ސޯލިހު އެމްއެމްޕީއާރްސީގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ކަމަށާއި، އެމަނިކުފާނަކީ ދައުލަތުގެ އެންމެ އިސްވެރިޔާ ކަމުގައި ވިޔަސް އެ މައްސަލަ ބެލެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލަ ބެލުމަށް މަޖިލީހުގައި ހާއްސަ ކޮމެޓީއެއް އުފައްދަވަން ޖާބިރު އެދިވަޑައިގަތުމުން ރިޔާސަތުން ވަނީ އެކަމާ ދެކޮޅު ހައްދަވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މޫސުމާ ބެހޭ ގަރާރަކަށް ބަހުސް ކުރައްވަމުން ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ ޖާބިރުގެ ހުށަހެޅުން ބަލައިނުގަންނަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމުގައި ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ފައިސާ އެންމެ ގިނައިން ނުކުތް ދޮރުން ރައީސް ސޯލިހު ނުކުމެވަޑައިގަންނަވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއްގެ ވާހަކަތަކެއް ދެކެވޭ ކަމަށާއި، އެހެންކަމުން އެމަނިކުފާނު އުފެއްދެވި ކޮމިޝަނަކުން ހިޔާނާތުގެ މައްސަލަ ބެލުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވެދާނެ ކަމަށެވެ.

ޝިޔާމް އެހެން ވިދާޅުވުމުން ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން މަޖިލީހުން ކުރެވިދާނެ ކަމެއް އެބައޮތް ކަމަށެވެ. އެކަމަކީ މެމްބަރު ޝިޔާމްއާއެކީގައި ޑައިވިންއަށް ގޮސް ކަނޑުއަޑީގައި އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމަށް ރައީސް ސޯލިހު ކޮމިޝަމެއް އުފެއްދެވީ މިދިޔަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެ ކޮމިޝަން އުފެއްދުވުމުގެ މަޤުޞަދަކީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ ކަމަށް ރައީސް ސޯލިހު ކޮމިޝަން އުފައްދަވައި ނެރުއްވި ޤަރާރުގައި ވެއެވެ.

އަދި، އެ ފަދަ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ޤާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީކަމަށްވެސް އެ ގަރާރުގައިވެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ޖެހުނު މީހުން މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...