ރަސޫލާއަށް ވުރެ ދިފާއު ކުރުން މުހިންމުވީ ގައުމުގެ ހާއިނުން!

ނަސްރުގެ ދުވަހާ ގުޅިގެން މީހަކު ކުރަހާފައިވާ ކުރެހުމެއް-- ފޮޓޯ: މީސް މީޑިއާ

މުސްލިމެއްގެ އަޤީދާ ފުރިހަމަ ވާނީ، އެމީހެއްގެ އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް ކީރިތި މާތް ނަބިއްޔާ ދެކެ ލޯބިވެގެންނެވެ. ފުރިހަމަ މުސްލިމުންނަކީ ރަސޫލާ ދެކެ އިންތިހާއަށް ލޯބިވާ ބައެކެވެ. އަދި ބަހާ އަމަލުން އެކަން ދައްކަންވެސް ޖެހޭ ބައެކެވެ.

މުސްލިމުންނަކީ ރަސޫލާއަށް ބަޔަކު ބަދު ބަސް ބުނުމުން އެފަދަ ވާހަކަތަކަށް އަތް ޖަހާނެ ބައެއް ނޫނެވެ. އަދި އެފަދަ މީހުންނަށް ހިތްވަރުދީ، އެފަދަ މީހުންގެ ދިފާއުގައި އަޑު އުފުލާނެ ބައެއްވެސް ނޫނެވެ. އެހެންނަމަވެސް މިއަދު މި ސައްތައިންސައްތަ އިސްލާމީ ގައުމުން ފެނިގެން މިދަނީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. މާތް ނަބިއްޔާއަށް އިހާނެތި ބަސްތައް ބުނެ ބޮޑު ރިޕޯޓެއް ނެރުމުން، އެކަން ކުރި މީހުންނާމެދު ފިޔަވަޅެއް އަޅަން ނުކެރުނުއިރު، އެމީހުން ތިބީވެސް ސަރުކާރުގެ އިސް މަގާމުތަކުގައެވެ.

ދެން ފެނިގެން ދިޔައީ ހަޖަމު ކުރަން ދަތިވި ކުރެހުމެކެވެ. އެ ކުރެހުމުން ފެންނަނީ 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާގެ އިސް މޭސްތިރިން ނިސްބަތްވާ އާއިލާތަކުގެ ބައެއް މެމްބަރުންގެ ކަރުގައި ޗެންޗޭނު ޖަހާފައިވާ މަންޒަރެވެ. އެ މަންޒަރު ކުރެހީ ކާކުކަން ނޭނގުނަސް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އެ ކުރެހުން ވައިބަރ ގްރޫޕެއްގައި ހިއްސާ ކޮށްލެއްވުން ވެގެން ދިޔައީ ސަރުކާރަށް ހަޖަމު ކުރަން ދަތިވި ކަމަކަށެވެ. ގާޒީއަަކަށް ވުމުން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމެއްވެސް ނެތީތޯއެވެ؟ ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަކީ ވަކި ފިކުރެއްގެ ބައެއްގެ ހައްގެއްތޯއެވެ؟ މިނިވަން ކަމާއެކު ބޭނުންއެއްޗެއް ލިޔެ، ކުރެހުމުގެ ހައްގު އޮތީ، ސަރުކާރުން ބުނާ ގޮތުންނަމަ، މިނިވަން ފިކުރުގެ މީހުންނަށް އެކަނިތޯއެވެ؟

ލިޔެލާ ލިޔުމަކުން ދިވެހީންގެ އަގީދާއަށް އަސަރު ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅާ ވިދާޅުވީ މީގެ ކުޑަ ދުވަސްކޮޅެއް ކުރީންނެވެ. އެހެންނަމަވެސް މިއަދު ފެނިގެން މި ދިޔައީ މީހަކު ކުރަހާލި ކުރެހުމެއްގެ ސަބަބުން ސަރުކާރު ތާއީދު ކުރާ މީހުންގެ ހިތް ފަޅައިގެން ދިޔަ މަންޒަރެވެ. އެ މަންޒަރު ވައިބާ ގްރޫޕަކަށް ލި ގާޒީވެސް މިހާރު އެހުރީ މަގާމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައެވެ. މިހިސާބަށް ކަންތައް ދިޔުމުން ސަރުކާރުގެ ފިކުރަކީ ކޮބައިކަން ވަރަށް ބޮޑަށް އެބަ ސާފުވެއެވެ. ލާދީނީ ފިކުރޭ ކިޔާ އެ ފިކުރު ސަރުކާރުގެ ވެރީންގެ ވިސްނުން ތަޣައްޔަރުކޮށްފައިވާ މިންވަރުވެސް ހާމަވެއެވެ.

ރަސޫލާއަށް ފުރައްސާރަ ކޮށް 125 ސަފްހާގެ ބޮޑު ރިޕޯޓެއް ލިޔުމުން، އެކަން ވަރަށް އާދައިގެ ކުޑަ ކުޑަ ކަމަކަށް ހެދިއިރު، މި ސަރުކާރުގެ އިސް ވެރީންނަށް ބަދު ބަސް ބުނެ އެފަދަ ރިޕޯޓެއް ނެރެފިނަމަ، އެކަން ކުރި ބަޔަކަށް ހަދާނެ ގޮތް ވަޒަން ކޮށްލަންވެސް ނޭނގެއެވެ. ދެން އުފެދޭ ސުވާލަކީ އެފަދަ މައްސަލައެއް ފެންމަތިވެއްޖެ ނަމަ، އެކަމުގެ ތަހުގީގަށް މަސް ދުވަސް ހޭދަކޮށް، އެކަން ކުރި ބަޔަކަށް ސަރުކާރުގެ އިސް މަގާމެއް ދޭނެތޯއެވެ؟ މިކަންކަމާމެދު ދިވެހި ރައްޔިތުން ވިސްނާލުން މުހިންމެވެ.

ކޮންމެ އިންސާނެއްގެ އަަމަލުތަކަކީވެސް އެމީހަކާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ބުނެދޭ އެއްޗެކެވެ. މި ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން، ރައްޔިތުންނަށްވެސް މިއަދު މިވަނީ ސަރުކާރުގެ އަސްލު ސޫރަ ފެނިފައެވެ. ދިވެހި ދައުލަތުގެ އެންމެ އިސް ހައްގަކީ އިސްލާމް ދީން ހިމާޔަތް ކުރުން ކަމަށް ވާއިރު، އެކަން ކުރާނެ ކަމަށް ބުނެ ކިތަންމެ ވާހަކައެއް ދެއްކިޔަސް، އެކަން ކުރުމަށް އަމަލީ ގޮތުން ފިޔަވަޅު އަޅާ ތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި ފެނިގެންދަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކުރާ މަސައްކަތްތެކެވެ.

ރައްޔިތުންގެ ކަންފަތަށް އިވެމުން ދަނީ ކުރާނެ ކަމަށް ބުނެ، ސަރުކާރުން ކުރަން ބޭނުން ނުވާ ކަންކަމުގެ ވާހަކަތައް ދައްކާ އަޑެވެ. އެކަންކަން ކުރުމަށް ފަސް ޖެހި، ރެކެން މަސައްކަތް ކުރާ ތަނެވެ. ރައްޔިތުންގެ ޕްރެޝަރަށް ކެތް ނުކުރެވިގެން ނޫނީ، ދީނުގެ ދިފާއުގައި ފިޔަވަޅެއް އަޅަން މި ސަރުކާރުން އަންނަނީ ދެކޮޅު ހަދަމުންނެވެ. މިއީ ރައްޔިތުން ހޭއަރައި، ވިސްނާލަން ޖެހޭ ކަންކަމެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...