އުއްތަމަ ފަނޑިޔާރުގެ މާނަފުން ބަޔާނަށް ނަޒަރެއް!

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައީ ރާއްޖޭގެ ޝަރުއީ ނިޒާމަށް އޮތީ ސިޔާސީ ނުފޫޒު ވަދެފައި ކަމަށެވެ. އަދި ބުނަމުން ގެންދިޔައީ ފަނޑިޔާރުގެތައް  ސިޔާސީ ކަސްތޮޅުންތަކުން ކަސްތޮޅު އެޅިފައިވާ ކަމަށެވެ.

ނަމަވެސް އޭރުގައި ޖުޑިޝަރީގައި ތިއްބެވި އެއްވެސް ފަނޑިޔާރަކު އެ ބޭފުޅުންނަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ބަޔާން ނެރުނު މަންޒަރެއް ނުފެނެއެވެ.

ނަމަވެސް ޖުޑިޝަރީ މިނިވަންކޮށް ފަނޑިޔާރުގެތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް ބުނެ ވެރިކަމަށް އައި ބައެއްގެ ވެރިކަމަށް އަހަރެއް ނުވަނީސް ފަނޑިޔާރުގެތަކަށް ސަރުކާރާ އަދި މަޖިލިސް ގުޅިގެން ނުފޫޒު ފޯރުވަމުން ދާ ކަމަށް ޝަރުއީ ނިޒާމުގެ އެންމެ މަތީ ކޯޓު އަދި ޝަރުއީ ގޮތުން އެންމެ ފަހު ބަސް ބުނާނެ އިދާރާކަމުގައި ޤަނޫނު އަސާސީގައި ބަޔާންކޮށް ފައިވާ ސުޕްރީމު ކޯޓުގެ އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

އުއްތަމަ ފަނޑިޔާރު ސޮއި ކުރައްވާ ނެރެފައިވާ އަށް ސަފްހާގެ ބަޔާނުގައި ޖުމްލަ ގޮތެއްގައި ބުނެފައިވަނީ މަޖިލިސް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ޖުޑިޝަލް ސާވިސް ކޮމިޝަން އަދި ޑިޕާޓްމަންޓު އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް ރާއްޖޭގެ ކޯޓުތަކުގެ ނިޒާމު ގެއްލުވާލާފައިވާ ކަމަށެވެ. އަދި ކޯޓުތަކުގެ މިނިވަންކަމަށް އަރައިގަނެފައިވާ ކަމަށެވެ.

އެގޮތުން އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވެފައިވަނީ ޝަރުއީ ކޯޓުތަކުގެ ކަންކަމާއި ފަނޑިޔާރުންގެ މަސައްކަތާއި ބެހި ފަނޑިޔާރުގޭގެ މަސައްކަތަށް ހުރަސް އަޅައި، ދަތި ކުރުމުގެ ބީދައިން، ޑީޖޭއޭ އިން ކޯޓުތަކުގެ އެތެރޭގެ އިދާރީ ކަންކަމާއި އިދާރީ ނިޒާމުގެ ތެރެއަށް އަތް ބާނަމުންދާ ކަމަށެވެ.

އަދި ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ބާރު ކަނޑުވައިލައި ކޯޓުތަކުގެ އިދާރީ ހިންގުމުގެ ކަންކަން އެ ޑީޕާޓްމެންޓުގެ ދަށަށް ގެންދިއުމުގެ ކަންކަން ކުރަމުންދާކަމުގެ ޝަކުވާ ސުޕްރީމް ކޯޓަށް ލިބިފައިވާކަމަށް އެމަނިކުފާނުގެ ބަޔާނުގައި ވެއެވެ.

ކޯޓުތަކުގެ އިދާރީ ހިންގުމުގެ ކަންތައްތައް ބަލަހައްޓާ ޑީޖޭއޭގެ ކޮންޓްރޯލް ސަރުކާރަށް ތާއިދު ކުރާ ބޭފުޅުންގެ އަޣުލަބިއްޔަތު އޮތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިހާރު ދީފައި ވާތީ އެކަމާއި ނުރުހުން ފާޅުކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމުގެ މައްޗަށް އުއްތަމަ ފަނޑިޔާރުގެ ބާރެއް ނުހިނގާނޭ ގޮތަށް ނިޒާމު ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ބާރެއް ނޯންނާނެ ގޮތަށް ހެދުން ފަދަ ކަމެއްކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ މާނައިން ފުރިފައިވާ ބަޔާން ދިރާސީ ނަޒަރަކުން ބަލާ ނަމަ ފާހަގަވި އަނެއް ކަމަކީ މި ޤައުމަކީ ތިން ބާރު ވަކިވެފައިވާ ދިމިގްރާތީ ވެރިކަމެއް ކުރާ ޤައުމެއް ނަމަވެސް މި ޤައުމުގައި މިއަދު ތިންބާރު އޮތީ އެއްވެފައި ކަމެވެ.

އެގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޤާނޫނު އަސާސީގެ ނައްޞުން ކަނޑައެޅިގެން އެނގި ސާފުވާގޮތުން ޝަރުޢީ ކޯޓުތައް ހިންގުމާއި ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުން ހަދާ ޤާނޫނުތަކުގެ އިތުރުން ކޯޓުތަކުގެ ހިންގުމާއި އިދާރީ ކަންކަމާއި ބެހޭ ޤަވައިދުތައް ހެދުމަކީ ކޯޓުތަކަށް އޮންނަ ބާރެއް ކަމަށެވެ.

"ޤާނޫނު އަސާސީން އަދުލުއިންސާފު ޤާއިމު ކުރުމުގެ ބާރަށް ދީފައިވާ ހައިސިއްޔަތާއި ދައުރު ނިގުޅައިނުގަނެވޭނެ ގޮތުގެމަތީން ދުސްތޫރީ ގޮތުން ހެޔޮ އަސާސްތަކުގެ މަތީގައި ހެދޭ ޤާނޫނުތަކުގެ އިތުރުން ކޯޓުތަކުގެ އިދާރީ އެއްވެސް ކަމަކާއި ބެހޭ ގޮތުން އެއްވެސް އުސޫލެއް ހެދުމަކީ ނުވަތަ އެއްވެސް ގޮތެއް ކަނޑައެޅުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ކޯޓުތަކުގެ އިދާރީ ކަންކަމާއި ބެހުމަކީ ޖޭއެސްސީ ވިޔަސް ޑީޖޭއޭ ވިޔަސް އަދި ދައުލަތުގެ އެހެން އެއްވެސް ފަރާތަކަށް ނުވަތަ އިދާރާއަކަށް ވިޔަސް ލިބިގެންވާ ބާރެއް ނޫނެވެ." އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވިއެވެ.

މިނިވަން އަދި މުސްތަގިއްލު ޖުޑިޝަރީއެއްގައި ކޯޓުތަކުގެ އިދާރީ އިންތިޒާމްތައް ކުރުމާއި ބެހޭ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ބެލިޔަސް ކޯޓެއްގެ އެތެރޭގެ އިދާރީ ނިޒާމުގެ މައްޗަށް ކޯޓުން ބޭރުގެ އެއްވެސް ފަރާތެއްގެ ނުފޫޒާއި ބާރު ފޯރުވުމަކީ ޤަބޫލު ނުކުރެވޭނެ ކަމެއްކަން ސާފުކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންކަމުން ކޯޓުތަކަށާ ވަކި ވަކި ފަނޑިޔާރުންނަށް އެކި މައްސަލަތަކާ ގުޅުވައިގެން ބިރު ދައްކާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވުމުން އެއީ ނުރައްކާތެރި ސިގްނަލެކެވެ.

އަދުލު އިންސާފު ޤާއިމު ކުރުމުގެ ނިޒާމު ތިން ބާރު އެއް ކުރުމަށް ބަޔަކު ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ސުޕްރީމު ކޯޓު ޕެރެލައިޒު ވެއްޖެކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވުމަކީ އަދުލުގެ ނިޒާމުގެ ތެރޭގައި އަނދިރި ދައުލަތެއްގެ ދިގު ނިޔަފަތި ތަކުން ތޫނު ވަކި ތަކެއް އެޅިފައިވާ ކަމުގެ ސިގްނަލެކެވެ.

ފަނޑިޔާރުގެތައް އިސްލާހު ކުރާނެ ކަމަށް ނުވަތަ ޖުޑިޝަރީ ރިފޯމު ކުރާނެ ކަމަށް ބުނެ މި ސަރުކާރުން މަސައްކަތް ކުރަނީ ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ މަސައްކަތް ކަމަށް ދޭހަވާ މޭރުމަކުން އުއްތަމަ ފަނޑިޔާރު މި ބަޔާނުގައި ވިދާޅުވެފައިވަނީ އޮޅުވާލައިގެން ބަޔަކު ކިތަންމެ މަސައްކަތް ކުރި ނަމަވެސް ދައުުލަތުގައި އަދުލް އިންސާފު ގާއިމް ކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ކޯޓުތަކަށް ކަމާއި ސުޕްރީމް ކޯޓަކީ އެ ބާރުގެ އެންމެ އިސް ފަރާތްކަމީ ވަންހަނާ ނުވާނޭ މިންވަރަށް ގާނޫނު އަސާސީގެ ނައްސުތަކުން އެނގި ކަށަވަރުވާ ކަމެއް ކަމަށެވެ.

"އެއްވެސް ފަރާތަކުން ދައްކާ ބިރަކަށް ޖެހިލުން ނުވެ މިނިވަންކަމާއި މުސްތަގިއްލުކަމާއެކު މިނިވަން ފަނޑިޔާރުގެއެއްގެ ހިޔާވަހިކަން އެއްވެސް ދިވެހި ރައްޔިތަކަށް ތަފާތު ކުރުމެއް ނެރި ފޯރުކޮށް ދޭނެކަމާއި ގާނޫނު އަސާސީ އާއި ގާނޫނުތައް ނެގެހެއްޓުމުގެ މަސްއޫލިއްޔަތު ކޯޓުތަކުން އަދާ ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންންށް އަރުވާ ކަމަށް ބަޔާން ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅާގެ ހައިސިއްޔަތުން އުއްތަމަ ފަނޑިޔާރު ނެރުއްވި މާނަ ފުން ބަޔާނާ މެދު މިއަދު ދިވެހި ކޮންމެ ރައްޔިތަކުން ވަރަށް ފުންކޮށް ވިސްނާ ޤައުމުގެ ކަންކަން މި ދަތުރު ކުރަނީ ރަގަޅު މިސްރާބަކަށްތޯ އެބަ ބަލަން ޖެހެއެވެ.

އެއީ މިސްރާބު ނޭނގޭ ހާލުގައި ފަށާ ދަތުރެއް އަމާން ނުވާނެތީއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...