ރައީސް ޔާމީން ޖަލަށް ލުމަކީ އެމްޑީޕީގެ 100 ދުވަހުގެ ވައުދެއް: ސައީދު

ކުރީގެ ރައީސް ޔާމީން ޖަލަށް ލުމަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސަތޭކަ ދުވަހުގެ ވައުދެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވީ ސަރުކާރު ކޯލިޝަނުން ވެރިކަމަށް ކެމްޕެއިން ކުރިއިރު ރައީސް ޔާމީންގެ އިސްތަށިފުޅުގައި ތަފާތު އިލްޒާމް އަޅުވައިގެން އެމަނިކުފާނު ޖަލަށްލާނެ ކަމަށް ވަރަށް ގަދައަށް ވާހަކަދެއްކި ކަމަށާއި އެއަށްފަހު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ 100ދުވަހުގެ ވައުދުގައި ވެސް އެކަން ހިމަނާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ އެ ހުރިހާ ކަމަކީވެސް އެމްޑީޕީގެ ސަޕޯޓަރުން ހިތްހަމަ ޖައްސައިދިނުމަށް ކުރާ ކަންތައް ތަކެއް ކަމަށެވެ. އެގޮތުން އެމްޑީޕީ ވެރިކަމަށް ގެނައުމަށްޓަކައި ރާއްޖެއާއި ބޭރުގެ ގައުމުތަކުން ފަންޑު ކުރި ފަރާތްތައް ހިތްހަމަ ޖައްސައިދިނުމަކީ ވެސް ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ އުފުލުމުގެ ބޭނުމެއް ކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރީ އެމަނިކުފާނު ހަވަރަށް ދިނުމުގެ ބޭނުމުގައި ކަމަށާއި އެހެން ނަމަވެސް ޝަރީއަތުގެ މަޖިލިހުން ފެނިގެންދަނީ ރައީސް ޔާމީން ސާބިތުވެ ހުންނެވި މަންޒަރު ކަަމަށެވެ. އެގޮތުން އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާތަކެއް ވަންނަކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވަން ޖެހިވަޑައި ނުގަންނަވާ ކަމަށެވެ.

ސައީދު ވިދާޅުވީ ގިނަ އަދަަދެއްގެ ފައިސާތަކެއް ޖަމާވުމުން ވެރިފަރާތައް އެކަން އެންގުމާއި އެކަމާއި ގުޅިގެން ތަހުގީގީ އިދާރާއަކުން އެ ޖަމާވެފައި ހުރީ ނުރަނގަޅު ފައިސާއެއް ކަމަށް ބުނެފިއްޔާ އެކަމަށް އަމަލު ކުރަންޖެހޭ ކަމަށެވެ. އެގޮތުން ރައީސް ޔާމީން އަމަލުކުރެއްވީ އެ އުސޫލުން ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަކަށް އެސްއޯއެފްގެ އެކައުންޓުން ޖަމާވެފައި ވަނީ ޞައްހަ ނޫން ފައިސާކަން ނުވަތަ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާކަން އެއްވެސް ތަހުގީގީ އިދާރާއަކުންވެސް ސަރުކާރުގެ މުއައްސަސާއަކުން ވެސް ސަރުކާރުން ވެސް އަދި އެއްވެސް ކޯޓަކުންވެސް ކަނޑައަޅާފައި ނުވާ ކަމަށެވެ.

މި ހުރިހައި ކަމަކަށް ރިއާޔަތް ކުރުމުންވެސް ފެނި ހާމަވެގެންދަނީ ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ދައުވާއެއްގެ ގޮތުގައި ސަރުކާރުގެ ބޭނުމަކީ ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ކިލަނބުކޮށްލާ އެ މަނިކުފާނުގެ އަޑު ކަނޑުވާލުން ކަމަށް ސައީދު ވިދާޅުވިއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...