އަންނަ އަހަރަށް 37.5 ބިލިއަން ރުފިޔާގެ ބިޔަ ބަޖެޓެއް ހުށަހަޅައިފި

ކުރިއަށް އޮތް 2020 ވަނައަހަރަށް ދައުލަތުން ލަފާކުރާ 37.5 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މިހާތަނަށް ދައުލަތުން ފާސްކުރަން ބޭނުންވާ އެންމެ ބޮޑު ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

މި އަހަރަށްވުރެ 8.5 ބިލިއަން ރުފިޔާ ބޮޑުކޮށް ފާސްކުރަން ހުށަހެޅި ބަޖެޓް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފަައި ވަނީ، ސަރުކާރުން ކަނޑައަޅާފައިވާ އެކްޝަން ޕްލޭންގައިވާ މައިގަނޑު ފަސް ކަމެއް ހާސިލް ކުރުމަށެވެ. އެގޮތުން ބަޖެޓުގައި ޚަރަދުތައް ބަހާލާފައި ވަނީ މައިގަނޑު އަށް ކަމަކަށެވެ.

މި ބަޖެޓުގައި އަންނަ އަހަރު ދައުލަތަށް ލިބޭ އާންމުދަނީ ބަހާލައިފައި ވަނީ ފަސް ދާއިރާއަކަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ޓެކްސްގެ ގޮތުގައެވެ. އެއީ އާމްދަނީގެ 48 އިންސައްތަ ނުވަތަ 17.8 ބިލިއަން ރުފިޔާއެވެ. އަދި ދައުލަތަށް އާންމުދަނީގެ ގޮތުގައި ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭނެ ކަމަށް ލަފާކުރާ 6.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ 5.2 ބިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ދައުލަތުގެ ބަޖެޓުންް އަންނަ އަހަރު ވެސް އެންމެ ބޮޑު ޚަރަދެއް ކުރަން ނިންމާފައި ވަނީ ރިކަރެންޓް ހަރަދުތަކަށެވެ. އެގޮތުން ޖުމްލަ 22.2 ބިލިއަން ރުފިޔާ ނުވަތަ ޖުމްލަ ޚަރަދުގެ 59 އިންސައްތަ ރިކަރެންޓްގެ ގޮތުގައި ޚަރަދު ކުރުމަށް ބަޖެޓުގައި ހިމަނާފައިވާއިރު، ޕީއެސްއައިޕީ އަށް 10 ބިލިއަން ރުފިޔާ އަދި އެހެނިހެން ކެޕިޓަލް ޚަރަދުތަކަށް 5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މި އަހަރުގެ ބަޖެޓް ތައްޔާރުކޮށްފައި ވަނީ ސަރުކާރުން ނެރުނު އެކްޝަން ޕްލޭންގައިވާ ކަންކަން ތަންފީޒު ކުރުމަށް އިސްކަން ދީގެންނެވެ. އެގޮތުން ސަރުކާރުގެ އެކްޝަން ޕްލޭންގައި ހިމެނެނީ މެނިފެސްޓޯގެ ވައުދުތަކެވެ. އެ ބައިތައް ބެހިފައި ވަނީ މައިގަނޑު ފަސް ބަޔަކަށެވެ. އޭގެ ތެރެއިން ނޫއިގްތިސާދަށް ބަޖެޓްގެ 11 އިންސައްތަ، އޯގާތެރި ސަރުކާރަށް ބަޖެޓްގެ 33 އިންސައްތަ، ފަޚުރުވެރި އާއިލާ އަށް 10 އިންސައްތަ، ޖާޒީރާ ދިރިއުޅުމަށް 16 އިންސައްތަ އަދި ހެޔޮވެރިކަމެއް ގާއިމްކުރުމަށް ބަޖެޓްގެ 30 އިންސައްތަ ހޭދަކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ދައުލަތުން ހުށަހެޅި ބަޖެޓް ބުނާ ގޮތުން އަންނަ އަހަރު ގައުމުގެ އުފެއްދުންތެރިކަން 7.5 އިންސައްތައަށް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން ސަރުކާރުން ބުނާ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތް ދުޅަހެޔޮކަން މަތީގައި ކަމަށްވާތީ އެ ދާއިރާގެ ކުރިއެރުން 2.6 އިންސައްތައިގައި ބެހެއްޓޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި އިތުރުން މި އަހަރު މަޑުޖެހިލާފައިވާ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް 1.1 ޕަސެންޓްގައި ކުރިއަރާނެ ކަމަށާއި އެހެން ދާއިރާތަކުގެ ރިއަލް ޖީޑީޕީ 3.8 އިންސައްތަ ކުރިއަރާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން އިންފްލޭޝަން ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވާތީ އެއް ޕަސެންޓްގައި ހިފެހެއްޓޭނެ ކަމަށް ބަޖެޓްގައި ވަނީ ލަފާކޮށްފައިއެވެ. ދައުލަތުގެ ރަސްމީ ރިޒާވް އަންނަ އަހަރު 819 މިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށާއި ޖީޑީޕީގެ ނިސްބަތުން 19 އިންސައްތަ ނުވަތަ 1.2 ބިލިއަން ޑޮލަރުން ކަރަންޓް އެކައުންޓް ޑެފިސިޓް ވާނެ ކަމަށް ލަފާކޮށް ނޮމިނަލް ޖީޑީޕީ 97.5 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ބުނެފައެވެ.

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް މުޅިން އާ ފަސް ކަމެއް އަންނަ އަހަރު ތައާރަފުކުރާ ގޮތަށް ނިންމާ އެކަމުގެ ސަބަބުން ދައުލަތަށް 2.5 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. އެގޮތުން ބިދޭސީންގެ ކޯޓާ ފީއެއް ތައާރަފުކުރުމާއި ވޯކް ޕާމިޓް ފީ މަތިކުރުމާއި، އިންކަމް ޓެކްސް އާއި އެއާ ގުޅޭ އެހެން ޓެކްސްތައް އިތުރު ކުރުމާއި ކަސްޓަމްސް ފީތަކާއި އިމްޕޯޓް ޑިއުޓީ އަށް ބަދަލު ގެނައުމާއި އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަށް ބަދަލު ގެނައުމާއި އާ ރިސޯޓްތަކެއް ހުޅުވާލައި އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ބަޖެޓް ހަގީގަތަކަށް ހެދުމަށް އަންނަ އަހަރު 4.6 ބިލިއަން ރުފިޔާގެ ބޮންޑު ވިއްކަން ވަނީ ނިންމާފައެވެ. ފިނޭންސުން ބުނި ގޮތުގައި ޑެފިސިޓްވާ ބައި ފޫބެއްދުމަށް ޓަކައި ޑޮމެސްޓިކް މާކެޓްގައި ޓީ ބިލާއި ޓީ ބޮންޑު ވިއްކާނެ އެވެ. އަދި ބޭރުގެ ފަރާތްތަކުން ލޯނު ހޯދައި ނުވަތަ އެ ފަރާތްތަކަށް ސޮވެރިން ބޮންޑު ވިއްކަން ވެސް ވަނީ ނިންމާފައެވެ.

އަންނަ އަހަރުގެ ބަޖެޓުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ނަގާފައިވާ ލޯނުތަކުން ތިން ބިލިއަން ރުފިޔާ ޑިސްބާސް ކުރާނެ އެވެ. އަދި ބޭރު ފަރާތްތަކަށް ވިއްކާ ބޮންޑާއި ސުކޫކުން 4.6 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓް ހަގީގަތަކަށް ހެދުމަށް އެއްކޮށް ބޭނުން ކުރެވޭނެ ކަމަށް ފިނޭންސުން ބުނެއެވެ. މީގެ އިތުރުން ޑޮމެސްޓިކް މާކެޓްގައި ޓްރެޒަރީ ބިލާއި ބޮންޑުން 564 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން 37.5 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައި މިވަނީ މި އަހަރަށް ފާސްކުރި 30.8 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ހުސްވެ އޭގެ ފަހުން ފާސްކުރި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ހުސްވެގެންދިޔައިރުވެސް ގައުމުގެ ތަރައްގީއަށް އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދާތީ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...