ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ބޭއްވީ އުއްތަމަ ފަނޑިޔާރަށް ބިރުދައްކަން: ޝިޔާމް

ރޭގެ ވަގުތެއްގައި ކުއްލިގޮތަކަށް ރައްޔިތުންގެ މަޖުލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވީ އުއްތަމަ ފަނޑިޔާރަށް ބިރުދައްކަން ކަމަށް އިދިކޮޅު ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ކުއްލިއަކަށް މަޖުލީހުން ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވީ އުއްތަމަ ފަނޑިޔާރަށް ބިރު ދައްކަން ނޫން އިތުރު އެއްވެސް ބޭނުމެއްގައި ނޫން ކަމަށެވެ.

ޝިޔާމް ވިދާޅުވީ ކޮމިޓީ ބައްދަލުވުން ރޭ ބާއްވަން ނިންމިއިރު އެ ކޮމިޓީގައި އިންނަވާ ހަމައެކަނި އިދިކޮޅު މެމްބަރު ރިޒާއަށް އެކޮމިޓީ ބާއްވާކަން އަންގާފައިނުވާ ކަމަށާއި އިވޭ އަޑެއްގެ މައްޗަށް ރިއާޔަތްކޮށް ކޮމިޓީ ބައްދަލުވުން އެގޮތަށް ނުވެސް ބޭއްވޭނެ ކަމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި ރިޒާގެ ބަދަލުގައި މެމްބަރު ޝިޔާމް ބައިވެރިކުރަން ޕީޕީއެމް ޕީޖީ ލީޑަރު ސޮއި ކުރައްވައި ސިޓީއެއް ފޮނުވުމުންވެސް ރަސްމީ ހައިސިއްޔަތުން ޝިޔާމް އެ ކޮމިޓީގައި ބައިވެރިކުރުމުގެ ފުރުސަތު ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހްމީ ނުދެއްވިއެވެ.

މަޖުލީސް ޤަވާއިދު އޮންނަ ގޮތުން ކޮންމެ ކޮމިޓީ ބައްދަލުވުމަކަށް ވެސް ހުރިހާ މަޖުލިސް މެމްބަރުންނަށްވެސް ވަދެވެއެވެ. އަދި ކޮމިޓީ ބަހުސްގައި ބައިވެރިވުމުގެ ފުރަސަތުވެސް އޮވެއެވެ. ނަމަވެސް ކޮމިޓީގެ އެއްވެސް ކަމެއްގައި ވޯޓުލުމުގެ ފުރުސަތެއް ނުލިބެއެވެ. ރޭގެ ކޮމިޓީގައި ޝިޔާމް ބައިވެރިވެވަޑައިގެންނެވީ އެ އުސޫލުގެ ދަށުންނެވެ.

ކުއްލިއަކަށް ތާވަލު ކުރެވުނު ކޮމިޓީ ބައްދަލުވުމުގައި ޝިޔާމް ވަނީ ކޮމިޓީ ގެ ކުއްލި ބައްދަލުވުމެއް ބޭއްވީ އަންނަ ހަފްތާގައި ކޯޓުތަކުގައި ބާއްވާ ޝަރީއަތްތަކަށް ނުފޫޒު ފޯރުވަން ކަމަށް ވިދާޅުވެފައެވެ.

ބެލެވޭ ގޮތުގައި ޝިޔާމް އިޝާރާތް ކުރައްވާފައި ވަނީ އަންނަ ހަފުތާގައި ބޭއްވުމަށް ނިންމާފައިވާ ކުރީގެ ރައީސް ޔާމީންގެ ޝަރީއަތަށެވެ. އެގޮތުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތުމުން ރާއްޖޭގެ ކޯޓުތައް ބޭނުން ގޮތަކަށް އަނބުރާ، ބޭނުންވާ ގޮތަކަށް ނުފޫޒު ފޯރުވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރަށް ޝިޔާމް ވަނީ ކޯޓުތަކަށް ނުފޫޒު ފޯރުވުމަށް ޖުޑިޝަރީ ކޮމިޓީން ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އެ މައްސަލަތައް ބެލޭނެ ދުވަހެއް އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ. މިގޮތަށް ހަފްތާ ބަންދުގައި ކޮމިޓީ ބައްދަލުވުންތައް ބޭއްވުމަކީ މަޖުލީހުން މީގެ ކުރިން ދުވަހަކުވެސް ކުރިކަމެއް ނޫންކަން ފާހަގަކޮށްލެވެއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...