އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ރައީސް ނަޝީދުގެ "ފަންޏެއް"

މިދުވަސްކޮޅަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ވާހަކަ މި ސަރުކާރުގެ އިސް ބޭފުޅުންގެ ދުލުގެ ކުރީގައި އޮތް ދުވަސްކޮޅެކެވެ.

އެގޮތުން، ސަރުކާރުން އިސްލާމް ދީނުގެ ދިފާއުގައި މަސައްކަތް ކުރަން ނުކުޅެދި، ދީނަށް ގޮންޖަހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނާތީ ރައްޔިތުން ޝަކުވާ ކުރަމުން އަންނައިރު، އެކަމުގެ ނިވާފަތްގަނޑަކަށް ސަރުކާރުން ދައްކާ ވާހަކައަކީވެސް އެމްއެމްޕީއާރްސީގެ ވާހަކައެވެ.

އެ ހިޔާނާތް ހިންގުމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަކީ ހިޔާނަތްތެރި ބޭފުޅެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި، އަދީބަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު އެޅުއްވި ފަންޏެއް ކަމަށް ވިދާޅުވި ބޭފުޅަކު މިއަދު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ވާހަކަ ދެއްކުމަކީ ޖޯކެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

"އަޅުގަނޑު ހިތަށް އެރީ އެހާ ބޮޑު ފަންޏެއް އެޅުވެން އޮތްއިރުގައި ރައީސް ޔާމީންގެ ވެރިކަމަށް ލޮޅުމެއް އެރުވެން އޮތީ އެ ވެރިކަން ގާއިމްކޮށްގެން، އެ ވެރިކަމުގައި ފަންޏެއް އަޅުވައިގެން ގުޑުމެއް ގެނެސްގެންކަން، އެއީ އަބަދުވެސް އަޅުގަނޑު ދުށް ހަގީގަތެއް،" މީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ތެރޭގައި ނ. ކުޑަފަރީއަށް ވަޑައިގެން މަޖިލިސް އިންތިހާބުގައި ކެނދިކުޅުދޫ ދާއިރާއަށް ވާދަކުރެއްވި އަހުމަދު އީސާގެ ކެމްޕެއިންގައި ވިދާޅުވި ވާހަކައެކެވެ.

އެކި މަރުހަލާތަކުގައި މާ މޮޅަށް ވާހަކަ ދައްކަވަން އުޅުއްވުމުގެ ސަބަބުން ދެއްކޭ ނުދެއްކޭ ވާހަކައެއް އެއްއިރެއްގައިވެސް އެނގިވަޑައިނުގަންނަވާ ބޭފުޅެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރާ ރައީސް ނަޝީދު ރިޔާސީ އިންތިހާބުގެ ފޯރީގައި، ހިނދުކޮޅުގައި ހުންނަވައިގެން ވިދާޅުވި ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.

އެދުވަހު ރައީސް ނަޝީދު ވިދާޅުވީ އީސާގެ ގުރުބާނީއަކީ އެމަނިކުފާނު އެދިވަޑައިގެންވީ ގުރުބާނީއެއް ކަމަށާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ވޯޓު ދިނުމަށް އެންގީ ސީދާ އެމަނިކުފާނު ކަމަށެވެ. އަދީބަކީ ބޮޑު ފަންޏެއްކަން އޭރު ވެސް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި. އަދީބަކީ ރައީސް ޔާމީނާ ދެކޮޅަށް ބޭނުންކުރި މޮޅު ހަތިޔާރެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަ ކުރެއްވީ ފަހުރުވެރި ކަމާއެކުގައެވެ. ރައީސް ނަޝީދު ވިދާޅުވީ އަދީބު މިނިސްޓަރު ކަމަށް ގެނެސްފިއްޔާ އޭނާ އިންތިހާއަށް ކޮރަޕްޓްވާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި އެ އޮއިވަރުގައި ރައީސް ޔާމީން ރަނގަޅަށް ޖެހިވަޑައިގަންނަވާނެކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

މިފަދަ ވާހަކަތަކެއް ރައީސް ނަޝީދު ދެއްކެވީ، އެވާހަކަތަކީ ދެއްކުން މާ ރަނގަޅު ވާހަކަތަކެއް ނޫން ކަންވެސް ފާހަގަ ކުރައްވަމުންނެވެ. ދީނާ ހިލާފު ރިޕޯޓެއްގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހުމުން މިއަދު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތައް ބަލާ ވާހަކަ މި ސަރުކާރުގެ އިސް ބޭފުޅުން ދައްކަވަމުން އަންނައިރު، އެ ހިޔާނާތުގެ ބައިވެރިންނަށް މި ސަރުކާރުގެ އިސް ވެރިން އެވަނީ ވާގިވެރިވެފައި ނޫންތޯ؟

ނަޝީދު އުއްމީދު ކުރެއްވި ގޮތަށް އަދީބަށް ވަޒީރުކަން ލިބި، ވަޒީރަކަށްވީ ދުވަހު ނޫން އަނެއް ދުވަހު ރާއްޖޭގައި އޮތް ފަޅަކާއި ގިރިއެއް އޭނާ ވަގަށް ނެގި ކަމަށާއި، ސަރުކާރު ހިއްސާވާ ކުންފުންޏެއް އޮތިއްޔާ އެވެސް އޭނާގެ އަތަށް ނެންގެވި ކަމަށް ހިނިފުޅުވަޑުވަމުން ރައީސް ނަޝީދު ވިދާޅުވިއިރު، ދައުލަތުން ގިނަ އަދަދެއްގެ ފައިސާތައް ގެއްލުނަސް، ނަޝީދު ބޭނުންފުޅުވީ ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރަންކަން އަމިއްލައަށް އެވަނީ އިއުތިރާފުވެފައި. މިއީ މިއަދު ދިވެހި ރައްޔިތުން ވިސްނާލަންޖެހޭ ކަންކަމެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގަށް ބަލާއިރު، 77 މިލިއަން ވަނީ އަދީބުއާ ގުޅުން ހުރި އަމިއްލަ ކުންފުނިތަކުގެ އެކައުންޓް ތަކަށްކަން ތަހުގީގުން އެނގެއެވެ. އަދި ބާކީ 143 މިލިއަން ޑޮލަރަށް ވީގޮތެއް ތަހުޤީގަށް އަދި ހޯދިފައެއް ނުވެއެވެ. އެންމެ ފަހުގެ ތަހުގީގުން އެނގޭގޮތުގައި އެމްއެމްޕީއާރްސީގެ ބިޔަ ހިޔާނާތުގެ ޖުމުލަ އަގު 3.3 ބިލިއަން ރުފިޔާއަށް އަރައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...