ގައުމިއްޔަތުގެ އެންމެ މުހިންމު ރުކުނުގެ ދިފާއުގައި ތެދުވާކަށް ނުވޭތޯއެވެ؟

ދިވެހީން ފަހުރުވެރިވާންޖެހޭ ގައުމީ ދުވަސް ދިވެހީންނާ ބައްދަލުކުރިއިރު، ގައުމިއްޔަތު މިއަދު އޮތީ ހަތަރުއަނގޮޅިއެއްގައެވެ.

ދިވެހީން 800އަށްވުރެ ގިނަ އަހަރު ވަންދެން އެދީން މަތީގައި ތިބި މާތްވެގެންވާ އިސްލާމް ދީން މި ފަސްގަނޑުން ފޮހެލުމަށްޓަކައި ބަޔަކު ރާވަމުން އައި ހީލަތްތެރި ރޭވުމެއްގެ ތެރެއިން ދިވެހި ރައްޔިތުން މިއަދު މިވަނީ ލިބިފައިވާ އެންމެ ބޮޑު ނިއުމަތް ބީވެ ދިޔުމުގެ ތުންފަތްމަތީގައެވެ. ދިވެހީންނަށް ލިބިފައިވާ އެންމެ މަތިވެރި ނިއުމަތަކީ އިސްލާމް ދީނެވެ. މި ކުޑަ ކުޑަ ގައުމުގައި އޮތް ހަމަޖެހުމާ، އަމާންކަމާ، އަހުވަންތަކަމުގެ ސިއްރަކީވެސް މާތްވެގެންވާ އިސްލާމް ދީނެވެ.


ދިވެހީންނަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ނިސްބަތްވާ ބަޔަކަށް ވުމަކީ އެކަމަށްޓަކައި ޣައިރު މުސްލިމު ގައުމުތަކުން އެހާ ގަޔާވާ ކަމަކަށް ނުވެއެވެ. ރާއްޖެ އަކީ ހަމައެކަނި މުސްލިމުން ދިރިއުޅޭ ގައުމެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލު ކުރުމަށްޓަކައި އެކި ދުވަސްވަރު އެކި ފަރާތްތައް ދިވެހީންނާ ކުރިމަތިލައި މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެއިން ކޮންމެ ފަހަރަކު ބޭރުގެ ދުޝްމިނުންނަށް ވާގިވެރިވީ ދިވެހީންގެ ތެރެއިން ބައެކެވެ.

ޕޯޗުގީޒުން ރާއްޖެ ގެންނަން އެހީތެރިވީ ނުވަ ވަނަ ހަސަން ރަސްގެފާނުއެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ލަންކާގެ ކުލީ ސިފައިން ގެނައުމުގެ އިސް މޭސްތިރިއަކަށް ހުރީ ހ.ހާޖަރާ ގޭ އަބްދުﷲ ލުތުފީއެވެ. އެއިން ކޮންމެ މީހަކުވެސް ދިވެހީންގެ ދުޝްމަނުންނާ ބައިއަތު ހިފަން ނިންމީ ސަައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނާތީ އެކަން ބަދަލު ކުރުމުގެ ނުބައި ނިޔަތުގައެވެ. މިނިވަންކަމާއި އިންސާނީ ހައްގުތައް ރާއްޖޭގައި ނެތް ކަމަށް ބުނެ އެފަދަ މީހުން އަބަދުވެސް ގައުމަށް ޣައްދާރުވެފައިވަނީ ވެރިކަމުގެ އިއްޒަތް ހޯދުމަށާއި، އަމިއްލަ އެދުންތައް ހާސިލު ކުރުމަށް އޮންނަ ދަހިވެތިކަމެއްގެ ބޮޑު ކަމުންނެވެ.


މިއީ ގައުމީ ދުވަސް ފާހަގަ ކުރަމުން އަންނައިރު ދިވެހި ރައްޔިތުން ވިސްނާލަން ޖެހޭ މުހިންމު ކަންކަމެވެ. ދިވެހި ގައުމިއްޔަތުގެ އެންމެ މުހިންމު ރުކުނަކީ އިސްލާމް ދީނެވެ. އެހެންނަމަވެސް އެ ދީން ފޮހެލަން ކުރާ މަސައްކަތުގެ ތެރެއިން ދިވެހީންނަށް މިއަދު މިވަނީ ބޮޑު ފިކުރީ ހަނގުރާމައެއް ކުރަން ޖެހިފައެވެ. އެއީ ދިވެހީންގެ ޅަދަރީންގެ ހިތްތަކުން އިސްލާމް ދީން ފޮހެލަން ކުރާ މަސައްކަތުގެ ތެރެއިން ހުޅަނގުގެ ލާދީނީ ފިކުރުތައް ދިވެހީންގެ މެދުގައި އާންމު ކުރުމަށްޓަކައި ކުރަމުން އަންނަ ފިކުރީ ހަނގުރާމައެކެވެ.

އެ ހަނގުރާމަ ކުރަމުން އަންނަތާ އެތައް އަހަރުތަކެއް ވެފައިވާއިރު، މިހާރު އާދެވިފައިވަނީ އެހަނގުރާމައިގެ ވަރަށް ނުރައްކާތެރި ހިސާބަކަށެވެ. ލާދީނީ ވާހަކަތައް ދެއްކުމާއި، އެފަދަ މީހުންނަށް ހިތްވަރުދީ، އެފަދަ މީހުން ހިމާޔަތް ކުރުމުގައި މިއަދު އެންމެ އިސްކޮށް ތިއްބެވީ، ސަރުކާރުގެ އިސް ފަރާތްތައް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.


އަބަދު އެއް ވާހަކައެއް ކަންފަތައް އިވެމުންދާ ނަމަ އެވާހަކައެއް ގަބޫލު ކުރެވުމަކީ އިންސާނީ ތަބީއަތެވެ. ލާދީނީ ވާހަކަތައްވެސް ހަމަ އެފަދައެވެ. މިއަދު އަޅުގަނޑުމެންގެ ޅަ ދަރިންނަށް މީސްމީޑިއާގައި އިވެމުން، ފެންނަމުން ދަނީ ލާދީނީ ނުވަތަ އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ވާހަކަތަކެވެ. މިއީ އެކުދީންގެ ހިތްތަކުގައި އޮންނަ އިސްލާމީ އަގީދާ ބަލިކަށި ކުރުވަން ބަޔަކު ގަސްތުގައި ހިންގަމުން އަންނަ ޖަރީމާއެކެވެ. އިސްލާމް ދީނާ ހިލާފު ވާހަކަތައް ދައްކައިގެން، އެ ވާހަކަތައް ޅަ ދަރީންގެ ސިކުނޑިތަކަށް ވިސްނައިދޭން ކުރާ މަސައްކަތަކީވެސް ކާމިޔާބުވެއްޖެނަމަ، އިސާހިތަކު މި ގައުމުން އިސްލާމް ދީނުގެ ނޫރު ނިވިގެން ދިޔުމުގެ ބިރުވެރިކަން އެބައޮތެވެ.

މިއަދު ފާހަގަ ކުރަމުން އަންނަ ގައުމީ ދުވަހަކީ ކަޅު އަނދިރި ދުވަހެކޭ ބުނަން ޖެހެނީ މިހެންވެގެންނެވެ. އިސްލާމް ދީނާ ދެކޮޅަށް އަޅުގަނޑުމެންގެ މި ގައުމުގައި އެކި ޕްރޮޕެގެންޑާތައް ފަތުރަމުން އަންނައިރު، އެކަންކަމާމެދު ފިޔަވަޅު އަޅަންޖެހޭ މުއައްސަސާތައް ތިބީ ނިދިކުރައްވައިފައެވެ. އިސްލާމް ދީނަށް ހަޖޫޖަހައި، 125 ސަފްހާގެ ބޮޑު ރިޕޯޓެއް ނެރުނު ޖަމިއްޔާއާ މެދު އެޅުނު ފިޔަވަޅެއް ނެތެވެ. އެ ޖަމިއްޔާގެ މެމްބަރުންނަށް ދައުލަތުގެ ފައިސާއިން ބޮޑު މުސާރަތައް ދަނީ ދެމުންނެވެ. ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ، ރައްޔިތުންނަށް ހުވަފެން ދައްކަމުން އަންނައިރު، އެ ވިދާޅުވާ ފިޔަވަޅެއް އެޅުމުގެ ކުރީން، ސަރުކާރަށް ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ބޭނުން ހިއްޕަވައިގެން، ޖަމިއްޔާތަކާ ބެހޭ ގާނޫނަން އިސްލާހު ގެންނަންވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ބޭނުމަކީ ދީނަށް ފުރައްސާރަކުރި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އުވާލިޔަސް، އެޖަމިއްޔާގެ ހަރަކާތްތައް ހިންގޭނެ މަގު ކޮށައިދިނުމެވެ. ސަރުކާރުން މަޖިލީހަށް ފޮނުވަން ނިންމާފައިވާ އާ ބިލުގައި ޖަމިއްޔާތަކުގެ ހިންގުމުގެ އުސޫލަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި ބޭރު ގައުމެއްގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާތައްވެސް ރާއްޖޭގައި ހިންގޭނެ ކަމަށް ބުނެފައިވެއެވެ.


އަދި ބައެއް ޖަމިއްޔާތައް ރަޖިސްޓްރީ ނުކޮށް ހިންގޭނެ އުސޫލެއްވެސް އޭގައި ބަޔާންކޮށްފައިވެއެވެ. އެ ގާނޫނުގެ ބޭނުމަކީ އެމްޑީއެން ހިމާޔަތް ކުރުން ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރުންނެވެ. އަދި ބޭރު ގައުމެއްގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާތައް ރާއްޖޭގައި ހިންގޭނެ ގޮތް ހަދަން އުޅެނީ ކްރިސްޓިއަން ދީން ފަދަ ދީންތައް ރާއްޖެއަށް ގެންނަން އުޅޭ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށްވެސް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.


ގައުމީ ދުވަހުގައި އަޅުގަނޑުމެން މި ވާހަކަތައް ދައްކަން ޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. މުހައްމަދު ތަކުރުފާނު ކަޅުއޮއްފުންމީގައި ޕޯޗުގީޒުންނާ ދެކޮޅަށް ނުކުމެވަޑައިގަތީ 15 އަހަރުވަންދެން ޕޯޗުގީޒުން ރާއްޖެ އަޅުވެތި ކުރަމުން އައިސް، އިސްލާމް ދީންވެސް މި ގައުމުން ފޮހެލަމުންދަނިކޮށެވެ. މިއަދު އަނެއްކާވެސް ދިވެހީންގެ ތެރެއިން ބަޔަކު ވާގިވެރިވެގެން އިސްލާމް ދީނާ ތޮޅެން މަސައްކަތް ކުރަމުން އެދަނީ އެފަދަ ކަންކަމަށް މަސައްކަތް ކުރާ ބޭރުގެ މުއްސަނދި ގައުމުތަކާ ޖަމިއްޔާތަކުގެ މަދަދު ލިބިގެންނެވެ. މިކަންކަމާ ދެކޮޅަށް ދިވެހީން ތެދުވާން ޖެހެނީ ބޮޑު ތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދާއި، ވެވަޑައިގެންނެވި ގުރުބާނީގެ އަގުވަޒަން ކުރުމުގެ ގޮތުންވެސް މެއެވެ. ބޮޑުތަކުރުފާނަކީވެސް ދިވެހީންގެ ހަގީގީ ލޭ ހިނގި ދަރިއެކެވެ.

މިއަދު ދިވެހިންގެ ތެރޭގައިވެސް އެފަދަ ފަހުލަވާނުން ތިބޭނެކަން ޔަގީނެވެ. ބޭނުންވަނީ ކުޑަކުޑަ ހިތްވަރެކެވެ. ވިސްނުންތެރިކަމާ ހިކުމަތްތެރިކަމާއެކު، ދީނާ ގައުމުގެ ދިފާއުގައި ދިވެހީން މިއަދު ތިބެން ޖެހޭނީ ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށެވެ. މި ދީނާ ގައުމަށްވުރެ ބޮޑު ވަކި ފަރުދެއް ނުވަތަ ޖަމިއްޔާއެއްވެސް މި ފަސްގަނޑުގައި ނުވާކަން ގިނަ ދިވެހި ރައްޔިތުން ހިތުގެ ފުންމިނުން ގަބޫލުކުރެއެވެ. އެހެންކަމުން މިއަދު ދިވެހީން އިސްލާމް ދީނުގެ ދިފާއުގައި ކެރިގެން ނުކުމެ ބަސް ބުނަން ޖެހެއެވެ. ތިބާ ނިސްބަތްވާ ސިޔާސީ ޕާޓީއަކަށްވުރެ އެ ދީން މަތިވެރިވެގެންވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...