އެމްޑީއެންއާ ދެކޮޅަށް މަސައްކަތް ކުރަނީ ސިޔާސީ މަންފާއެއް ހޯދާކަށް ނޫން- އިދިކޮޅު

އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާ ދެކޮޅަށް މަސައްކަތް ކުރަމުން ގެންދަނީ ސިޔާސީ ގޮތުން އެއްވެސް މަންފާއެއް ހޯދަން ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައިސް އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީއެން އުވާލުމަށާއި އަދި އެމްޑީއެން އާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކަކީ ސިޔާސީ އެއްވެސް މަންފާއެއް ހޯދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެމްޑީއެން އިން ހަދާފައި އޮތް ރިޕޯޓު ކުށްވެރިކުރަން ނުކުމެ ތިބީ އެންމެ މުހިއްމު ކަމަކީ ސިޔާސީ މަސައްކަތް ކުރުމުގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމްދީން ހިމާޔަތް ކުރުން ކަމަށް ވާތީ ކަމަށެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ އެމްޑީއެން އާއި ދެކޮޅަށް އެބޭފުޅުން އަޑު އުފުލަމުން ގެންދާ ދިޔުމާއި އެކު، ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕްއަށް ގިނަ ފިއްތުން ތަކެއް ކުރިމަތިވަމުން އަންނަ ކަމަށާއި އެގޮތުން ޕީޕީއެމް އޮފީސް ކުރިމަތީ އެއްވުންތައް ބޭއްވުން މަނާކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އެކި މުއައްސަސާތަކުގައި ތިބި އެބޭފުޅުންނާ ގާތް ފަރާތްތަކަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރުވަމުން އަންނަކަމާއި، އަދި އެގޮތަށް ކިތަންމެ ފިއްތުންތަކެއް ކުރިމަތި ކުރުވިޔަސް، އެމްޑީއެން އާއި ދެކޮޅަށް ކުރަމުންދާ އެއްވެސް މަސައްކަތެއް ހުއްޓާނުލާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

އެގޮތުން އެމްޑީއެން އާއި ދެކޮޅަށް އަދިވެސް މަސައްކަތް ކުރާނެ ކަމަށާއި، އަދި ކުރިންވެސް އަދި މިހާރުވެސް އެއްވުންތަކާއި އަދި އެހެނިހެން ހަރަކާތްތައްވެސް ބާއްވަމުން ގެންދަނީ ގާނޫނީ އިމުގެ ތެރެއިންކަން ޝިޔާމްވަނީ ފާހަގަ ކުރައްވާފައެވެ.


އަދި ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި "އެމްޑީއެން ހަމީދު" ފުލުހުންގެ އިސްވެރިޔަކަށް ހުރެގެން ކުރާ ތަހުގީގެއްގައި އެމްޑީއެން އާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅިގެންދާނެ ކަމަކަށް ޤަބޫލު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުން އެއްވެސް ޒިންމާދަރު ފިޔަވަޅެއް އެމްޑީއެން އާއި ދޭތެރޭ އަޅާ މަންޒަރެއް ފެނިގެން ނުދާ ކަމަށާއި، އެމްޑީއެން މައްސަލައިގައި ކުރަން ޖެހޭ އިތުރު ތަހުގީގެއް ނެތް ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން 3 ނޮވެމްބަރު، ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން، ކުލަގަދަކޮށް ނަސްރުގެ ދުވަސް ފާހަގަކުރަން ހަމަޖެހިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން ނޮވެމްބަރު 2 ވަނަ ދުވަހުގެ ރޭ، ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އިދިކޮޅުން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...