މުއްސަނދިންގެ މުދަލަތުގައި ނިކަމެތިންގެ ހައްޤު އެކުލެވިގެންވޭ ޓެކްސް ނަގަން ތާއީދު: މެމްބަރު ސަލީމް

މުއްސަނދިންގެ މުދަލަތުގައި ނިކަމެތިންގެ ހައްޤު އެކުލެވިގެންވާ ކަމަށާއި އެހެން ނަމަވެސް އިންކަމް ޓެކްސް ނަގަން ވާނީ ވިޔަފާރިވެރިންނަށް ދަތި ނުވާނެ ގޮތައް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅެއްޖެއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ 58 ވަނަ ޖަލްސާގައި އިންކަމް ޓެކްސްގެ ބިލަށް ބަހުސް ކުރައްވަމުން އޭދަފުށީ ދާއިރާ ތަމްސީލް ކުރައްވާ މަޝްހޫރި ވިޔަފާރި ވެރިޔާ ރެޑްވޭވް ސަލީމް ވިދާޅުވީ މިހާރު ޓެކްސް ނަގަމުންދަނީ ރަނގަޅަށްތޯ އެންމެ ފުރަތަމަވެސް ބަލާލަން ޖެހޭ ކަމަށެވެ.

ދިރިއުޅުމުގައި ބޭނުންކުރާ ބައެއް ތަކެއްޗާއި ނުލައި ނޫޅެވޭއިރު އެފަދަ ބާވަތްތަކުން ޖީއެސްޓީ އާއި ޕްރޮފިޓް ޓެކްސް ވެސް ނަގަމުންދާއިރު އިތުރު ޓެކްސް އެއް ނަގާނަމަ މިހާރު ޓެކްސް ނަގަމުންދާ ގޮތަށް ބަލާލަން ޖެހޭ ކަމަށް އަދި މިހާރުވެސް ނަން ނަމުގައި ޓެކްސް ނަގަމުންދާއިރު އިންކަމް ޓެކްސް ނެގުމަށް ތައްޔާރުވަމުންދާކަން ސަލީމް ފާހަގަ ކުރެއްވިއެވެ.

ސަލީމް ވިދާޅުވީ ވިޔަފާރިވެރިން ތިބީ ތިބީ ޓެކްސްތައް ދައްކަން ތައްޔާރަށް ކަމަށާއި ޑިވިޑެންޑުން ޓެކްސް ދައްކަން ޖެހުނު ނަމަވެސް ޓެކްސް ދައްކާނެ ކަމަށެވެ. އެހެން ނަމަވެސް ވިޔަފާރިވެރިންގެ ބުރަ މަސައްކަތުން ސަރުކާރުގެ އާއްމުދަނީ އިތުރުކޮށްދެން ޖެހުނު ނަމަވެސް ސަރުކާރުން ވިޔަފާރިވެރިންނަށް މާބޮޑު އެހީއެއް ނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ސަލީމް ވަނީ ސަރުކާރުގެ އިމާރާތްތައް ވެސް ވިޔަފާރިވެރިންނަށް ކުއްޔަށް ދެނީ ވަރަށް އަގުބޮޑުކޮށް ކަމަށާއި އެކަމުގެ ބުރަ އުފުލަން ޖެހެނީ ވިޔަފާރިވެރިންނަށްކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން މުދަލު ޒަކާތް ނެގުން މަޖުބޫރުކޮށް ޤާނޫނެއް ފާސްކުރަން އެއްވެސް ސަރުކާރަކުން މަސައްކަތް ކުރައްވާފައި ނުވާކަމަށް ވިދާޅުވެ ސަލީމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ސަލީމް ވިދާޅުވީ ޒަކާތް ނެގުމަށް އިސްލާމްްދީނުގައި އަންގަވާފައި އޮތް ނަމަވެސް އެކަމާއި ބެހޭ ޤާނޫނެއް ގެންނާކަށް އެއްވެސް ސަރުކާރަކުން އިސްކަމެއް ނުދޭ ކަމަށެވެ. މުއްސަނދިންގެ މުދަލަތުގައި ނިކަމެތިންގެ ހައްޤު އެކުލެވިގެންވާ ކަމަށާއި އެހެންކަމުން އެކަމަށް ވިސްނަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...