ނަޝީދަށް "ލާދީނީ" ޓެގު ލިބުނީ ކީއްވެ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދު--

ލާދީނީ މިބަހަކީ ދިވެހީންގެ ތެރޭގައި އާންމު ބަހަކަށް ވެގެން ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކޮށް އެބަސް ބޭނުން ކުރަން ފެށުމުންނެވެ. ނަޝީދަށް އެ ލަގަބު ލިބިގެން ދިޔައީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުވަތަ ދިވެހީންގެ ތެރޭގައި މަޝްހޫރު ނަމުން ނަމަ އަންނި އަކީ އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު އަދި ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ ކަންކަމާ ދެކޮޅަށް އެކި ޕޯޑިއަމްތަކުގައި އެކި ވާހަކަތައް ދައްކަވައިގެން ހުޅަނގުގެ މީހުންގެ ރުހުން ހޯއްދަވާފައިވާ ބޭފުޅެކެވެ. ނަޝީދު އަބަދުވެސް ފާހަގަ ކުރެވިފައިވަނީ ހުޅަނގު މީހުންގެ ހީރޯއެއްގެ ގޮތުގައެވެ.

ދިވެހީންގެ ތެރޭގައި އެންމެ ފުރަތަމަ ނަޝީދު މަގްބޫލު މީހަކަށް ވެގެން ދިޔައީ މާ ހިތްތިރި ބޭފުޅެއްގެ ގޮތުގައެވެ. އަބަދުވެސް ހިނިތުންވުމާއެކު ހުންނަވާ ނަޝީދު ރާއްޖޭގެ ރަށަކަށް އަރާވަޑައިގެންފިނަމަ އުޅުއްވާފައިވަނީ އެރަށެއްގެ ބަދިގެތަކުގެ ތެރެއިން ތެލުލި ބަނބުކެޔޮ ފަރިއްކުޅުއްވަމުންނެވެ. އެގޮތަށް އުޅުން ބައްޓަން ކުރެއްވުމުން ނަޝީދަށް އިސާހިތަކު ދިވެހީންގެ ތެރެއިން ބައެއްގެ ތަރުހީބު ލިބިގެންދިޔަ. އޭރު ދިވެހީންނަކަށް މީ ކިހާވަރެއްގެ ބޭފުޅެއް ކަމެއް ނޭނގެއެވެ.

ނަޝީދު ވިދާޅުވިފަދައިން، ނަޝީދު ދައްކަވާފައި ނުދައްކަވާނީ ކޮން ވާހަކައެއް ކަމެއް އޭރު ދިވެހީންނަކަށް އެނގިފައެއް ނުވެއެވެ. ނަޝީދު ދެއްކި ވާހަކަތަކަށް ހެއްލެވި، ނަޝީދުގެ އަތްމައްޗަށް ރާއްޖޭގެ ވެރިކަން ދޫކޮށްލެވުމަކީ ހެދުނު ގޯހެއްކަން ރައްޔިތުންނަށް އެނގުނީ މާފަހުންނެވެ. ކީރިތި ރަސޫލާގެ ސުންނަތް ނޫން އެހެން އެއްޗެއް ނުވަތަ އަލްޓަނޭޓިވް ނެރޭޓިވްއެއް ހޯދަން ޖެހޭ ކަމަށްވެސް ނަޝީދު އޭރު ވަނީ ވިދާޅުވާން ފަށާފައެވެ. ފަލަސްތީނުގެ މައުސޫމް ރައްޔިތުން ކަތިލަން މަސައްކަތް ކުރާ އިޒްރޭލާ ރާއްޖެއާ އޮންނަ ގުޅުން ބަދަހި ކުރުމުގެ މަސައްކަތްވެސް ކުރެއްވި ވެރިޔަކީ ރައީސް ނަޝީދުކަމާމެދު ދެބަސްވެވޭކަށް ނެތެވެ.

ރައްޔިތުންނާ މާ ގާތްކޮށް އުޅުއްވާ ބޭފުޅެއް ކަމަށް ހީވިޔަސް، ނަޝީދަކީ އިސްލާމް ދީނުގެ އަދުއްވެއް ކަމީ މިއަދު އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ނަޝީދު ލީޑު ކުރަމުން އަންނަ އެމްޑީޕީގެ މެމްބަރުންވެސް އެކަން ގަބޫލު ކުރޭ. ލާދީނީ ނަޝީދަކީ އެމަނިކުފާނުގެ ބްރޭންޑް ނަން ކަމަށް ނަޝީދު ފަހުރުވެރިކަމާއެކު ވިދާޅުވެފައިވެއެވެ.

ނަޝީދު ވިދާޅުވީ އެކަމަނިކުފާނު ޓެގު އަޅުވާފައިވަނީ ލާދީނީ ނަޝީދުގެ ނަމުން ކަމަށް. އަދި އެއީ އެމަނިކުފާނުގެ ބްރޭންޑް ނަން ކަމަށާއި އެއީ ޕޮލިޓިކަލް އައިޑެންޓިޓީއެއް ކަަމަށްވެސް ވިދާޅުވެފައިވެއެވެ. މީހަކަށް ޓެގެއް އެޅުވެއްޖެނަމަ އެ ޓެގުން ސަލާމަތްވާން ވަރަށް އުނދަގޫވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ދިވެހީންނަށް މިއަދު ފެންނަމުންދާ މަންޒަރުތަކަށް ބެލިޔަސް، ފެނިގެންދަނީ ލާދީނީ ޓެގުން މިންޖުވާން ނަޝީދު ބޭނުންފުޅުނުވާކަމެވެ.

މިއަދުވެސް އެމަނިކުފާނު ތަކުރާރުކޮށް ކުރައްވަމުން ގެންދަވާ ކަމަކީ ލާދީނީ ވާހަކަތައް ދެއްކުމާއި، ލާދީނީ މީހުން ދިފާއު ކުރުމެވެ. ލާދީނީ ވާހަކައެއް މީހަކު ނުވަތަ ބަޔަކު ދައްކައިފިނަމަ، އެބައެއްގެ ނުވަތަ މީހެއްގެ ދިފާއުގައި އެންމެ ކުރީން ނުކުންނަވަނީ ރައީސް ނަޝީދުއެވެ. ދިވެހީން އިސްލާމީ ހިދާޔަތުގެ ދިފާއުގައި ތިބިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ފެނިގެން މިދަނީ ލާދީނިއްޔަތުގެ ދިފާއުގައި ހުންނެވި މަންޒަރެވެ. 

މީ ނަޝީދު ދައްކަވާފައިވާ ބައެއް ވާހަކަތަކެވެ. އެމަނިކުފާގެ ވެރިކަމުގައި ލާދީނީ ފިކުރަށް ޖާގަ ދިނުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން ކޮންމެ ހުކުރު ދުވަހަކު ދެއްވި ރޭޑިއޯ ހިތާބުގެ ބޭނުން ކުރައްވައިގެންވެސް ރައްޔިތުންގެ ވިސްނުމާ ކުޅެން މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން އަބަދު އެއް ހިޔާލެއް ފާޅު ކުރުމުގެ ފުރުސަތު ދިނުމުގެ ބަދަލުގައި ދެވަނަ ވިސްނުމެއް ނުވަތަ ދެވަނަ ހިޔާލު ފާޅު ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
 
މީގެ އިތުރުންވެސް މާޒީގެ އެކި ސަފްހާތަކަށް ނަޒަރު ހިންގާލާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކާފައިވާ މިފަދަ އެތައް ވާހަކަތަކެއް އެބަހުއްޓެވެ. އިސްލާމްދީނުގައި ކަޑައަޅާފައިވާ ހައްދުތަކާއި އުސޫލުތަކަކީ މިއަދުގެ މުޖުތަމައަށް އެހާރަގަޅު އުސޫލުތަކަކަށް ނުވާކަމަށް ވިދާޅުވެ، ނަޝީދު ވާހަކަ ދައްކަވާފައިވާއިރު މި ވާހަކަތައް ދެއްކުމުންވެސް އަތްޖަހައި ހިތްވަރު ދޭން ބަޔަކު ތިބިކަމީ މިއަދު ކޮންމެ ރައްޔިތަކުންވެސް ނުހަނު ހިތާމަ ކުރަންޖެހޭކަމެކެވެ.

މިފަދަ ވާހަތަކާއި ދީނާއި ހިލާފަށް ނަޝީދު ހިންގަވާފައިވާ ހަރަކާތްތަކުގެ ވާހަކަ ރާއްޖޭގައި ތިއްބެވި އިލްމުވެރިންގެ ތެރޭގައި ހިމެނޭ އަދާލަތް ޕާޓީއަށް ނިސްބަތްވާ އިލްމުވެރިން ދެއްކުމުން އެވާހަތަކަކީ ސިޔާސީ ވާހަކަތަކެއްކަމަށްބުނެ ރައްޔިތުންނަށް ގިނަ އޮޅުވާލުންތަކެއް އޮޅުވާލި މަންޒަރު މީގެ ކުރިން ފެނިފައިވެއެވެ.

2012 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 19 ވަނަ ދުވަހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ކުރީގެ ރައީސް ނަޝީދު ވޮޝިންޓަން ޕޯސްޓް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި އިސްލާމީ ތައުލީމް ހަނިކޮށްފައިވާނެ ކަމަށާއި 30 އަހަރުވަންދެން ގުޅުން ކަނޑާލާފައި އޮތް އިޒްރޭލާއިވެސް ގުޅުން ބަދަހިކޮށްފައިވާނެ ކަމަށް. ހަމަ އެބަސްދީގަތުމުގައި ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގައި ބުރުގާ އަޅަން މަޖުބޫރު ކުރުވާފައި ތިބި އަންހެނުންގެ ސަލާމަތަށްޓަކައިވެސް ނަޝީދުގެ 3 އަހަރުވީ ވެރިކަމުގައި މަސައްކަތް ކުރައްވާފައިވާނެ ވާހަކައެވެ. މިއީ މީހަކު ދެއްކި ތޯތޯ ވާހަކަ އެއް ނޫނެވެ.

މިއީ ނަޝީދު އަމިއްލަ ފުޅަށް ވިދާޅުވި ވާހަކަތަކެވެ. އަދި މި ނޫނަސް އެމްޑީޕީގެ ލާދީނީ ފިކުރު ރައްޔިތުންނަށް ހާމަ ވެގެންދިޔަ އެތައް ކަމެއް އެޕާޓީގެ ވެރިކަމުގައި ފެނިގެން ދިޔައެވެ. މިކަންތައްތަކާއި މެދު ދިވެހި ރައްޔިތުން މިއަދު ފުންކޮށް ވިސްނާލަން ޖެހެއެވެ.

މިއަދު ދިވެހި ރައްޔިތުންނަށް ފެންނަމުން މިދަނީ ތާރީހު އިޔާދަވަމުން އަންނަ މަންޒަރެވެ. ރައީސް ނަޝީދު މިއަދުވެސް އެ ގެންދަވަނީ ރާއްޖޭގައި އެހެން ދީންތަކަށް ޖާގަ ދޭން މަސައްކަތް ކުރާ މީހުންނަށް ހިމާޔަތް ހޯދައިދިނުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރައްވާ މަންޒަރެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްއޭ ކިޔާ ޖަމިއްޔާއަކުން އިސްލާމް ދީނަށް ބަދު ބަސް ބުނެ ނެރެފައިވާ ދިގު ރިޕޯޓުގެ ދިފާއުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް ނަޝީދެވެ.

އެ ޖަމިއްޔާގެ މެމްބަރުންނަކީ މައުސޫމް ކުދީންތަކެއް ކަމުގައި ރައީސް ނަޝީދު ވަނީ ސިފަކުރައްވާފައެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ ރުހުމުގައި އެޖަމިއްޔާއާ ދެކޮޅަށް ސަރުކާރަށް އެއްވެސް ފިޔަވަޅެެއް އަޅުއްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ކެރިވަޑައިނުގަންނަވާނެ ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

ރައީސް ނަޝީދުގެ ބަސްމަގު ހުންނަ ގޮތުން އެމަނިކުފާނަށް ނަފްރަތު ކުރާ ރައްޔިތުން އުފެދިފައިވާއިރު ދިވެހީން ހަނދާނުގައި ބަހައްޓަންޖެހޭ އިތުރު ކަމެއް އެބައޮތެވެ. އެއީ ރައީސް ނަޝީދަކީ އެމްޑީޕީ ކަމާއި، އެމްޑީޕީ އަކީ ރައީސް ނަޝީދުކަމެވެ. ނަޝީދުގެ ފިކުރަކީ އެމްޑީޕީގެވެސް ފިކުރެވެ. މި ހަގީގަތް ގަބޫލު ކުރުމަކީ މި ގައުމު ލާދީނިއްޔަތުން ސަލާމަތް ކުރުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއް ކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...