މަގުމަތި ބޭނުންކުރުން އެމްޑީޕީއަށް ހުއްދަކޮށް ޕީޕީއެމްއަށް މަނާކުރުމުން ކަންބޮޑުވުން ފާޅުކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްގެ މައި އޮފީސް ކުރިމަތީ އެއްވުން މަނާކޮށް އެ އޮފީސް ދޮރުމަތީގައި ފުލުހުން ޓޭޕު ދެމުމަށްފަހު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޖަގަހައިގެ ކުރިމައްޗަށް އެއްވެއުޅުން މަނާ ނުކުރުމުން، ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލިހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާ ފާޑު ވިދާޅުވެއްޖެއެވެ.

ބޮޑު ތަކުރުފާނު މަގުގައި ހުންނަ އެމްޑީޕީގެ އަތިރިމަތި ޖަގަހައިގެ ފޮޓޯތަކެއް ހިއްސާކުރައްވަމުން، ޝުޖާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ހަރުގޭގެ ކުރިމައްޗަށް އެއްވެ އެތަނުގެ ކުރިމަތީގައި ޕާކުކުރެވޭ ކަމަށްވާނަމަ، އެކަން ޕީޕީއެމް އަށް ވެސް ކުރެވެން ޖެހޭނެ ކަމަށެވެ. އެހެން ކަމުން ވަކަރުގެ ޤާނޫނު ދޫކޮށްލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ އިދިކޮޅު ޕީޕީއެމް އޮފީސް ކުރިމަތީގައި އެއްވެ ނުތިބެވޭނެ ކަމަށް އަންގާ، ފުލުހުން ވަނީ އެއޮފީސް ކުރިމަތީގައި ޓޭޕް ދަމާފައެވެ. ފުލުހުން އެސަރަހައްދުގައި ޓޭޕު ދަމާ ބަންދުކޮށްފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އެމްޑީއެން އިން މާތްވެގެންވާ އިސްލާމް ދީނާއި ކީރިތި ގުރުއާން އަދި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެޖަމްޢިއްޔާ އުވައިލުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަން ފަށާފައިވަނިކޮށެވެ.

ގައުމީ ކަމެއްގެ ގޮތުގައި އިއުލާންކޮށް އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް ކުރިއަށް ގެންދާ ސުލްހަވެރި އެއްވުންތައް ހުއްޓުވުމަށް ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ޓޭޕް ދެމުމާއި ގުޅޭގޮތުން ފުލުހުން އެއްވެސް މަޢުލޫމާތެއް ހިއްސާކޮށްފައެއްނުވެއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...